ނަދީމްގެ މަރު: އެކަކު ބަންދަށް، ތިން މީހުން މިނިވަން

ނަދީމްގެ މަރުގެ މައްސަލައިގައި ދައުވާ އުފުލައިފައިވާ ހަތަރު މީހުން --

ޓާމިނަލް ކެފޭ ތެރޭގައި ތޫނު އެއްޗަކުން ހަމަލާދީ، ހއ. ތަކަންދޫ، އިބްރާހިމީހިޔާ، ނަދީމް އަބްދުއްރަހީމް މަރާލި މައްސަލައިގައި، ދައުވާ ލިބޭ ހަތަރު މީހުންގެ ތެރެއިން ތިން މީހަކު ޝަރީއަތް ނިމެންދެން ބަންދުކުރަން ޖެހޭ ސަބަބެއް ނެތްކަމަށް ނިންމައި، އޭގެން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފިއެވެ.

ނަދީމުގެ މަރުގެ މައްސަލައިގައި ދައުލަތުން ދައުވާ އުފުލައިފައިވަނީ ރ. އިންނަމާދޫ ސަމަންތާ، ހުސައިން ޝާމިންއާއި، ގއ. ގެމަނަފުށީ ހަވާސް، މުޙައްމަދު ކަރަމް ސުލައިހުގެ އިތުރުން ލ. ގަން، ވިދާތަރި ޢަލީ ނިފާޒުގެ މައްޗަށެވެ.

އެ ތިން މީހުންގެ މައްޗަށް އުފުލާފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވި ކަމުގެ ދައުވާއެވެ. ދެން ދައުވާ އުފުލައިފައިވަނީ ގ. ޝާރާޒް، މުހައްމަދު މަފާޒު ހުސައިންގެ މައްޗަށެވެ.

https://sun.mv/170400

މި އެންމެންގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުންވަނީ ނިންމައިފައެވެ. ނަމަވެސް އެ ނިންމުން ޕީޖީ އޮފީހުން ހައިކޯޓުގައި އިސްތިއުނާފްކޮށްފައިވެއެވެ.

އަދި ޕީޖީން އެދިފައިވަނީ އެ މައްސަލައިގައި ހިމެނޭ އެންމެން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރެއް ނެރެދިނުމަށެވެ.

https://sun.mv/172692

ހައިކޯޓުން މިއަދު މި މައްސަލައިގައި ޝަރީއަތް ނިމެންދެން ބަންދުކުރަން ޖެހޭ ސަބަބެއް ނެތްކަމަށް ނިންމައި، ދޫކުރީ މަފާޒާއި، ޝާމިނާއި، ކަރަމް ސުލައިހެވެ.

ޝަރީއަތް ނިމެންދެން ބަންދުކުރަން ހުކުމްކޮށްފައިވަނީ، ލ. ގަން، ވިދާތަރި ޢަލީ ނިފާޒުގެ މައްޗަށެވެ.

ނަދީމަށް ވަޅިން ހަމަލާ ދީފައިވަނީ 2017 ވަނަ އަހަރުގެ ޖުލައި މަހުގެ 27 ވަނަ ދުވަހު ޓާމިނަލް ކެފޭ ތެރޭގައި އިންދައެވެ. ނަދީމް މަރުވެފައި ވަނީ، ހަމަލާއިން ލިބުނު ޒަހަމްތަކަށް ފަރުވާ ކުރަނިކޮށް އޭޑީކޭ ހޮސްޕިޓަލްގެ އައިސީޔޫގައި އޭގެ ދެ ދުވަސް ފަހުންނެވެ.

comment ކޮމެންޓް