ހުޅުމާލޭ ސެންޓްރަލް ޕާކު ސަރަހައްދުގައި ހިނގި އެކްސިޑެންޓުގައި މީހަކު މަރުވި މައްސަލައިގައި، ކާރު ދުއްވަން އިން ޒުވާނާގެ މައްޗަށް ދައުވާކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފިއެވެ.
ސްޕޯޓްސް ކާރަކާއި ސައިކަލެއްޖެހި ހުޅުމާލޭ ސެންޓްރަލް ޕާކު ސަރަހައްދުގައި ހިނގި އެކްސިޑެންޓުގައި މަރުވެފައި ވަނީ ސައިކަލު ދުއްވަންއިން ކަރެކްޝަންސްގެ އޮފިސަރު ހަސަން ސަމާހެވެ. އެއީ ސެޕްޓެމްބަރު ހަވަނަ ދުވަހެވެ.
މި މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައި ވަނީ ސ. ހިތަދޫ، ވައިލޮޓްފިހި، އުމުރުން އުމުރުން 26 އަހަރުގެ މުހައްމަދު ވިސާމް ސިދުގީއެވެ.
ފުލުހުން މިއަދު މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ވަނީ މި މައްސަލައިގައި ހައްޔަރުކުރި ވިސާމްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި މި މަހުގެ 19 ވަނަ ދުވަހު ޕީޖީ އޮފީހަށް ފޮނުވާފައިވާކަމަށެވެ.
މި މައްސަލައިގައި ޝަރީއަތް ނިމެންދެން ވިސާމް ބަންދުކުރުމަށް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން ނިންމުމުން އޭނާގެ ފަރާތުން ވަނީ އެ މައްސަލަަ ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ.
މި މައްސަލައާ ގުޅިގެން މި މަހުގެ ތިންވަނަ ދުވަހު ބޭއްވި އަޑުއެހުމުގައި އޭނާގެ ވަކީލު ނޫރުއްސަލާމް ވަނީ ވިސާމް ކާރު ދުއްވީ ބާރު ސްޕީޑުގައި ނޫން ކަމަށް ވިދާޅުވެފައެވެ.
އަދި އެ އެކްސިޑެންޓު ހިނގަން މެދުވެރިވީ ވަންވޭއާ ދެކޮޅަށް ސައިކަލު ދުއްވުމުން ކަމަށް އޭނާ ވިދާޅުފައިވެއެވެ. އެކަމާ ދެކޮޅަށް ފުލުހުން ހެކި ދިން ނަމަވެސް ފަހުން އާންމުވި މައުލޫމާތުތަކުން އެކަމަށް ބާރު ލިބިފައިވާކަމަށާއި ވިސާމް ބަންދުކުރީ އޭރު ފުލުހުން ދިން މައުލޫމާތަށް ކަމަށް ނޫރުއްސަލާމް ވިދާޅުފައިވެއެވެ.
އަދި ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން ނެރެފައިވާ އަމުރަކީ އެ ކޯޓުގެ އިހުތިޞާސް ނެތި ނެރެފައިވަ އަމުރެއްކަމަށާއި، ވިސާމަށް ކުރަނީ މަރުގެ ތުހުމަތެއް ކަމުން މެޖިސްޓްރޭޓް ކޯޓުތަކަށް މަރުގެ މައްސަލަތައް ބެލުމަށް ނުވަތަ ބަންދުގެ މުއްދަތު ޖެހުމަށް އިހުތިޞާސް ނޯންނާނެ ކަމަށް ނޫރުއްސަލާމް އޭރު ވިދާޅުވިއެވެ.
ނަމަވެސް، މިކަމާ ގުޅިގެން ދައުލަތުން ވަނީ ގާނޫނުގައި އޮންނަ ގޮތުން ބަންދާމެދު ގޮތެއް ނިންމަން ހާޒިރުކުރަން ޖެހޭނީ އޭމީހަކު ހައްޔަރުކުރި ރަށެއްގައި ހުންނަ ކޯޓަކަށް ކަމަށް ބުނެފައެވެ.