މޯދީގެ ދައުވަތު ރައީސް ގަބޫލުކުރައްވައިފި؛ ވިދާޅުވީ ގުޅުން ދަނީ ރަނގަޅު މިސްރާބަކަށް ކަމަށް

ރައީސްގެ އަރިހަށް އިންޑިއާ ސަފީރު ވަޑައިގަތުން: ރައީސް އިންޑިއާއަށް ވަޑައިގަތުމަކީ ދެ ގައުމުގެ ގުޅުން ރަނގަޅު މިސްރާބަކަށް ދާ ކަމުގެ ރަމްޒެއް ކަމަށް ވިދާޅުވި -- ފޮޓޯ/ ރައީސް އޮފީސް

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ތިން ވަނަ ދައުރަކަށް ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ވަޑައިގެންނެވުމަށް ދެއްވި ދައުވަތު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގަބޫލުކުރައްވައިފިއެވެ.

ރައީސް އޮފީހުން މިއަދު ބުނީ، އެ ރަސްމިއްޔާތަށް ރައީސަށް ދައުވަތު ދެއްވައި ފޮނުއްވި ސިޓީފުޅު އެ މަނިކުފާނަށް އެރުވީ އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރު ކަމަށެވެ.

ދައުވަތު އެރުވުމަށް ސަފީރު ވަޑައިގަތުމުން ދެ ބޭފުޅުން ބޭއްވެވި ބައްދަލުކުރެއްވުމުގައި، ސަފީރު ވަނީ އިންޑިއާގެ ބޮޑުވަޒީރުގެ ހެޔޮއެދުންތައް ފޮނުއްވައި ތިން ވަނަ ދައުރަކަށް ބޮޑުވަޒީރުކަމުގެ މަގަމުގެ ހުވާކުރެއްވުމުގެ މުހިއްމު ރަސްމިއްޔާތުގައި ރައީސް ބައިވެރިވެވަޑައިގެންނެވުމަށް އިންޑިއާގެ ބޮޑުވަޒީރު އެދިވަޑައިގަންނަވާކަމުގައި ވިދާޅުވެފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ދައުވަތު ގަބޫލުކުރައްވައި ރައީސް ވިދާޅުވީ، އިންޑިއާގެ ބޮޑުވަޒީރު މަގާމުގެ ހުވާކުރެއްވުމުގެ ތާރީޚީ ރަސްމިއްޔާތަށް ވަޑައިގެންނެވުމަކީ އެމަނިކުފާނަށް ލިބިވަޑައިގަންނަވާ ޝަރަފެއް ކަމަށާއި އެ ރަސްމިއްޔާތަށް ދައުވަތު އެރުވީތީ އެކަމަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

މީގެ އިތުރުން، ދެ ގައުމުގެ ދެމެދު އޮންނަ ގާތް ރަހުމަތްތެރި ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް އެދިވަޑައިގަންނަވާ ކަމަށާއި ދެ ގައުމުގެ ގުޅުން ކުރިޔަށްދަނީ ރަނގަޅު މިސްރާބަކަށްކަން މި ދަތުރުފުޅުން ރަމްޒުކޮށްދޭކަމުގައި އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މޯދީ ތިން ވަނަ ދައުރަކަށް ބޮޑުވަޒީރުކަމުގެ ހުވާކުރައްވާނީ, އިންޑިއާގެ ރައީސް ދިރިއުޅުއްވާ ރާޝްތުރަޕަތީ ބަވަންގައި މާދަމާ ރޭ 7:15ގައެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް މި ސަރުކާރުން ކުރިއަށްގެންދިޔަ ކެމްޕެއިނާ ގުޅިގެންނާއި މިއަހަރުގެ ކުރީކޮޅު ނައިބު ވަޒީރުންތަކެއް މޯދީއަށް ކުޑައިމީސްކޮށް ދެއްކި ވާހަކަތަކާ ގުޅިގެން، މި ސަރުކާރާއި އިންޑިއާއާ ދެމެދު ނުތަނަވަސްކަމެއް އުފެދިފައިވެއެވެ.

މި ސަރުކާރަކީ ޕްރޯ ޗައިނާ ސަރުކާރެއް ކަމަށް ސިފަކޮށްފައިވާއިރު، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން އިންޑިއާއާ ގާތް ގުޅުމެއް ބޭއްވިއެވެ. އަދި ޞާލިޙްގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް މޯދީ ވަޑައިގަތެވެ.

އިންޑިއާގައި އޭޕްރިލް 19އިން މިމަހުގެ އެކަކަށް ބޭއްވި އާންމު އިންތިޚާބުގައި ވެރިކަން ކުރާ ބާރަތިޔާ ޖަނަތަ ޕާޓީ (ބީޖޭޕީ)އަށް ލިބުނީ 240 ގޮނޑިއެވެ. އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ތިރީގެއިން އަޣުލަބިއްޔަތު ހޯދުމަށް 543 ގޮނޑީގެ ތެރެއިން، 272 ގޮނޑި ކާމިޔާބުކުރަން ޖެހެއެވެ. ބީޖޭޕީން މިފަހަރު ވެރިކަން ހޯދާފައިވަނީ އެ ޕާޓީ އިސްކޮށް އޮންނަ އެންޑީއޭ ކޯލިޝަނުން 293 ގޮނޑި ކާމިޔާބުކޮށްގެންނެވެ.

އެއީ، 2019 ވަނަ އަހަރުގެ އާންމު އިންތިޚާބުގައި 303 ގޮނޑި ކާމިޔާބު ކުރި ބީޖޭޕީން އުއްމީދުކުރި ވަރަށް ވުރެ ދަށް ނަތީޖާއެކެވެ. އެގޮތުން، އެ ކޯލިޝަނުން 400 ގޮނޑި ނަގާނެ ކަމަށް މޯދީގެ ކެމްޕެއިންގައި ވިދާޅުވެފައިވެއެވެ.

އިންޑިއާގެ އިދިކޮޅު މިފަހަރު ވަނީ އަންދާޒާކުރި ވަރަށް ވުރެ ރަނގަޅު ނަތީޖާއެއް ހޯދައިފައެވެ. އެގޮތުން 2019ގައި އެންމެ 52 ގޮނޑި ލިބުނު އިދިކޮޅު މައި ޕާޓީ ކޮންގްރެސްއިން މިފަހަރު 99 ގޮނޑި ހޯދިއެވެ.

މޯދީ އިންޑިއާގައި ބޮޑުވަޒީރު ކުރައްވަމުންދަނީ 2014އިން ފެށިގެންނެވެ.

comment ކޮމެންޓް