އިންޑިއާއިން ކެނެޑާގެ އިސްތިގުލާލަށް އަރައިގަތުމަކީ ހެދި ވަރަށް ބޮޑު ގޯހެއް ކަމަށް ކެނެޑާގެ ބޮޑު ވަޒީރު ޖަސްޓިން ޓްރޫޑޯ ވިދާޅުވެއްޖެއެވެ.
ޓްރޫޑޯ އެގޮތަށް ވިދާޅުވެފައިވަނީ އިންޑިއާގެ ސިކުން ހިންގާ ވަކިވެގަތުމުގެ ހަރަކާތަށް ތާއީދުކުރާ މީހަކު ކެނެޑާގައި މިދިޔަ އަހަރު މަރާލި ހާދިސާގެ ތަހުގީގަށް ފަހު ހާމަކުރި ކަންކަމާ ގުޅިގެން ދެ ގައުމުގެ ގުޅުން ގޯސްވެ، ދެ ގައުމުން ވެސް އަނެއް ގައުމުގެ ޑިޕްލޮމޭޓުން ބޭރުކުރިތާ ދެ ދުވަސް ފަހުން ބޭއްވި އިންކުއަރީގައި ވާހަކަފުޅުދައްކަވަމުންނެވެ.
އިންޑިއާއިން ކެނެޑާގެ އިސްތިގުލާލަށް އަރައިގެންފައިވާކަން ވަރަށް ސާފުކޮށް އެގެން އެބައޮތް ކަމަށް ވެސް ޓްރޫޑޯ ވިދާޅުވިއެވެ.
ސިކުންނަށް ވަކި ދައުލަތެއް އުފައްދަން ހިންގާ "ޚާލިސްތާން" ކެމްޕެއިނަށް ތާއީދުކުރާ ސިކުންގެ މީހެއް ކަމަށްވާ ހަރްދީޕް ސިންގް ނީޖާރް މިދިޔަ އަހަރު ޖޫން މަހު ސިކުންގެ ފައްޅިއެއްގެ ބޭރުގައި މަރާލުމުގެ އަޑީގައި ތިބީ އިންޑިއާގެ ޖާސޫސުން ކަމަށް ކެނެޑާއިން ތުހުމަތުކުރެއެވެ.
އެ އަހަރުގެ ފަހުކޮޅު ނީޖާރް މަރާލުމުގައި އިންޑިއާގެ އެޖެންޓުން އަދި އިންޓެލިޖެންސް އިދާރާތަކާ ގުޅުންހުރި ކަމަށް ގަބޫލުކުރެވޭ ހެކިތައް ކެނެޑާއިން ހޯދި ކަމަށް ޓްރޫޑޯ ވިދާޅުވިއެވެ.
އޭގެ ފަހުން ކެނެޑާގެ ކަމާބެހޭ ފަރާތްތަކުން ވަނީ އެ މަރުގެ މައްސަލައިގައި އިންޑިއާގެ ހަތަރު މީހަކު ހައްޔަރުކޮށްފައެވެ. ނަމަވެސް، އިންޑިއާއިން ތަކުރާރުކޮށް ވަނީ އެކަން ދޮގުކޮށްފައެވެ.
ހޯމަ ދުވަހު އިންޑިއާއިން އަނެއްކާ ވެސް ވަނީ ނީޖާރް މަރާލުމާ އިންޑިއާއާ ގުޅުން ހުރި ކަމަށް ބުނާ ވާހަކަތައް ދޮގުކޮށްފައެވެ. އެ ތުހުމަތުތަކަކީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށާއި އެއީ ސިޔާސީ މަންފާއެއް ހޯދުމަށް އިންޑިއާއަށް ފުރައްސާރަކުރުމުގެ ވިސްނުމުގައި ދައްކާ ވާހަކަތަކެއް ކަމަށް އިންޑިއާއިން ބުނެފައިވެއެވެ.
ކެނެޑާއަށް 1997 ވަނަ އަހަރު ހިޖުރަކޮށް، 2015 ވަނަ އަހަރު އެ ގައުމުގެ ރައްޔިތަކަށްވި ނީޖާރަކީ ޓެރަރިޒަމާއި މީހުން މެރުމަށް ރޭވުމުގެ ތުހުމަތުގައި އިންޑިއާގެ އިދާރާތަކުން ހޯދަމުންދިޔަ މީހެކެވެ.
ނަމަވެސް، ބުދަ ދުވަހުގެ ތަހުގީގުގައި ވާހަކަދައްކަވަމުން ޓްރޫޑޯ ވިދާޅުވީ، ނީޖާރުގެ މަރާލުމަކީ އިންޑިއާގެ އިތުރު ފުޅާ އޮޕަރޭޝަނެއްގެ ބައެއް ކަމަށާއި ކެނެޑާގައި އުޅޭ އެ ގައުމުގެ މީހުންނަށް އަމާޒުކޮށް އިންޑިއާ ސަރުކާރުގެ މަންދޫބުން އެކި ހަރަކާތްތައް ހިންގާ ކަމަށެވެ.
ޓްރޫޑޯ ވިދާޅުވީ، ތަހުގީގަށް އެނގުނު ކަންކަން އިންޑިއާ ސަރުކާރާ ހިއްސާކުރުމުން ހިތްހަމަނުޖެހިފައިވާ ކަމަށެވެ. އަދި، އެއްބާރުލުން ދިނުމުގެ ބަދަލުގައި އިސްކުރީ ދެކޮޅުވެރިކަން ކަމަށާއި ޑިޕްލޮމެޓުން އިންޑިއާއިން ބޭރުކޮށްލީ ވެސް އެއްވެސް ސަބަބެއް ނުދައްކާ ކަމަށް ޓްރޫޑޯ ވިދާޅުވިއެވެ.
ބުދަ ދުވަހު ޓްރޫޑޯ އިންކުއަރީގައި ވިދާޅުވެފައިވަނީ ކެނެޑާއާ ގާތް ގުޅުމެއް އޮންނަ ވިޔަފާރީގެ މުހިންމު ބައިވެރިޔަކާ އެކު ހިތްހަމަނުޖެހުމެއް އޮންނާނެ ހާލަތެއް އޭނާގެ ސަރުކާރުން ބޭނުންނުވާ ކަމަށެވެ. ނަމަވެސް، ކެނެޑާގެ އިސްތިގުލާލަށް ތެދުވާއިރު ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވިއެވެ.
އެމެރިކާގައި ސިކުންގެ މީހަކު މަރާލަން އުޅުނުކަމުގެ ތުހުމަތު ވެސް އިންޑިއާ ސަރުކާރަށް ވަނީ ކޮށްފައެވެ.
އެގޮތުން، މިދިޔަ އަހަރު ނޮވެމްބަރު މަހު އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޖަސްޓިސްއިން ވަނީ އިންޑިއާ ސަރުކާރުގެ މުވައްޒަފަކާއި އެހެން ބަޔަކާ ގުޅިގެން ސިކުންގެ އެކްޓިވިސްޓެއްގެ ގޮތުގައި އެމެރިކާގައި ހަރަކާތްތެރިވާ ގުރްޕަތުވަންތު ސިންގް ޕަންނޫ ނިއު ޔޯކުގައި މަރާލުމަށް ރޭވި ކަމަށް ތުހުމަތުކުރެވޭ ދައުވާއެއް އިންޑިއާގެ ރައްޔިތެއް ކަމަށްވާ ނިކިލް ގުޕްތާގެ މައްޗަށް އުފުލާފައެވެ. ނިކިލް އަކީ އިންޑިއާ ސަރުކާރުގެ މުވައްޒަފެއް ކަމަށް ވެސް އެމެރިކާ ސަރުކާރުން ބުނެފައިވެއެވެ.
އެކަމާ ގުޅޭގޮތުން ސްޓޭޓް ޑިޕާޓްމަންޓުން ވަނީ އިންޑިއާގެ އޮފިޝަލުންނާ އެކު ބައްދަލުވުންތައް ބާއްވާފައެވެ.
އިންޑިއާގެ ހިންދުސްތާން ޓައިމްސްއިން އެމެރިކާގެ އޮފިޝަލަކާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި ތުހުމަތުކުރެވޭ މީހާ ވަނީ ވަޒީފާއިން ވަކިކޮށް، އަދި އެހެން މައްސަލައެއްގެ ތުހުމަތަށް ހައްޔަރު ވެސް ކޮށްފައެވެ. ނަމަވެސް، އެ މީހާ ހައްޔަރުކުރި ކަމެއް ސްޓޭޓް ޑިޕާޓްމަންޓުން ކަށަވަރުކޮށެއް ނުދެއެވެ.