އިންޑިއާގެ ނޭޝަނަލިސްޓު ކޮންގްރެސް ޕާޓީ (އެންސީޕީ)ގެ ކުރީގެ ލީޑަރު ބަބާ ސިއްދީގީއަށް ބަޑިން ހަމަލާދީ މަރާލައިފިއެވެ.
މި ހާދިސާ ހިނގާފައި ވަނީ މުމްބާއިގެ ބަންދްރާ އީސްޓުގައި ހުންނަ ބާބާ ސިއްދީގީގެ ދަރިފުޅު ޒީޝާން ސިއްދީގުގެ އޮފީސް ހިންގާ އިމާރާތް ހުންނަ ސަރަހައްދުގައެވެ. ފުލުހުންނާ ހަވާލާދީ މީޑިއާތަކުން ބުނެފައި ވަނީ ސިއްދީގީގެ ހަށިގަނޑަށް ދެ ފަހަރެއްގެ މަތިން ބަޑި ޖަހާފައިވާ ކަމަށާއި ހަށިގަނޑުން ބަޑީގެ ހަ ވަޒަން ފެނިފައިވާ ކަމަށެވެ.
ބާބާ ސިއްދީގެ ބުރަކަށްޓާއި ބަނޑަށް އަމާޒުކޮށް ދިން މި ހަމަލާއަށްފަހު ބޮޑެތި ޒަޚަމްތަކަކާ އެކު މުމްބާއީގެ ލީލާވަތީ ހޮސްޕިޓަލަށް ގެންދެވުނެވެ. ވަގުތުން ހޮސްޕިޓަލަށް ގެންދެވުނު ނަމަވެސް ޑޮކްޓަރުން ވަނީ ސިއްދީގީ މަރުވެފައިވާކަން އިއުލާނުކޮށްފައެވެ.
މި ހަމަލާގެ ފަހަތުގައި ވަނީ ގޭންގްސްޓާ ލޯރެންސް ބިޝްނޯއީ ކަމަށް މުމްބާއީ ފުލުހުން ކަށަވަރުކޮށްދީފައި ވާއިރު އިންޑިއާގެ އުއްތަރު ޕްރަދޭޝާއި ހަރިޔާނާއިން ދެ މީހަކު ވަނީ މިހާރު ހައްޔަރުކޮށްފައެވެ.
އިންޑީއާގެ ނޭޝަނަލިސްޓު ކޮންގްރެސް ޕާޓީގައި 48 އަހަރު ވަންދެން މަސައްކަތް ކުރުމަށްފަހު ސިއްދީގީ އެ ޕާޓީއިން ވަކިވިކަން އިއުލާނުކުރީ މި އަހަރުގެ ފެބްރުއަރީ މަހުތެރޭގައެވެ.
އެންސީޕީގެ ސްޕޯކްސްޕާސަން މީޑިއާއަށް މައުލޫމާތު ދެމުން ބުނެފައި ވަނީ މިހާތަނަށް އެއްވެސް ބައެއްގެ ފަރާތުން ސިއްދީގީއަށް ބިރުދެއްކުން ފަދަ އިންޒާރެއް ލިބިފައިވާކަމެއް އެނގިފައި ނުވާ ކަމަށެވެ.
ސިޔާސީ ދާއިރާގައި ހަރަކާތްތެރިވުމުގެ އިތުރުން ސިއްދީގީ އަކީ އިންޑިއާގެ ފިލްމު އިންޑަސްޓްރީގައި މަސައްކަތްކުރާ މީހުންނާ ވެސް ވަރަށް ހާއްސަ ގުޅުމެއް ބާއްވަމުން އައި ފަރާތެކެވެ. ސިއްދީގީގެ ފަރާތުން ކޮންމެ އަހަރަކު ވެސް އިންޒާމު ކުރާ ރޯދާ ވީއްލުމާ އީދު ދުވަހުގެ ކެއުންތަކަކީ ވަރަށް ގިނަ ބައެއްގެ ސަމާލުކަން ހޯދާ ހަފްލާތަކެކެވެ.
ހާއްސަކޮށް ބޮލީވުޑްގެ ފިލްމީ ތަރިން ކަމަށްވާ ސަލްމާން ޚާން އާއި ޝާހްރުކް ޚާންގެ ކެރިއަރުގައި ދިމާވި ހަމަނުޖެހުމާ ގުޅިގެން ދެ ތަރިންގެ ގުޅުން ވަރަށް ގިނަ ދުވަހު ގޯސްވެފައި އޮތްވާ އެކަން ހައްލުކޮށްދިނީ ބާބާ ސިއްދީގީއެވެ.
ބާބާ ސިއްދީގީގެ މަރާއި ގުޅިގެން ފިލްމު އިންޑަސްޓްރީގެ ގިނަ ބަޔަކު އާއިލާއަށް ތައުޒިއްޔާ ކިޔަމުން އަންނައިރު ސިއްދީގީއަށް ހަމަލާދިން ޚަބަރު ލިބުމާއެކު ސަލްމާން ޚާން ވަނީ އެކްޓަރު ކުރިޔަށްގެންދިޔަ "ބިގް ބޮސް"ގެ ޝޫޓިންގް މެދު ކަނޑާލުމަށްފަހު ހޮސްޕިޓަލަށް ޒިޔާރަތްކޮށްފައެވެ.
ސަލްމާން ޚާން އަކީ ބާބާ ސިއްދީގީއަށް ހަމަލާދިން ކަމަށް ފުލުހުން ބުނެފައިވާ ގޭންގްސްޓާ ލޯރެންސް ބިޝްނޯއީގެ މަރުގެ އިންޒާރުތައް މިފަހުން އެންމެ ގިނައިން ލިބެމުން އަންނަ އެކްޓަރެކެވެ.