ކުރީގެ ޗައިނާ ސަފީރު އަޒީމާ، އިންޑިއާ ސަފީރުކަމަށް އައްޔަންކުރަން ކޮމިޓީން ރުހުންދީފި

އާއިޝަތު އަޒީމާ: އޭނާ އިންޑިއާ ސަފީރުކަމަށް އައްޔަންކުރަން ކޮމިޓީން ރުހުންދީފި --

ރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިބްރާހިމް ޝަހީބުގެ ދައުރު ހަމަވާން ކައިރިވެފައިވުމާއެކު، އެ މަގާމަށް ދެން އައްޔަންކުރާނެ ސަފީރެއްގެ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ހުށަހެޅުއްވި އާއިޝަތު އަޒީމާއަށް، ރައްޔިތުންގެ މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން މިއަދު ރުހުން ދީފިއެވެ.

އަޒީމާ ވަނީ ޗައިނާ ސަފީރުކަން ވެސް ކުރިން ކުރައްވާފައެވެ. އެގޮތުން މިދިޔަ އަހަރުގެ ސެޕްޓެމްބަރާ ހަމައަށް އަޒީމާ ހުންނެވީ ޗައިނާ ސަފީރުކަމުގެ މަގާމުގައެވެ.

އިއްޔެގެ ޖަލްސާގައި އަޒީމާގެ ނަން ވަނީ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވައިފައެވެ.

އެގޮތުން މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ރިފާއު ވަނީ އަޒީމާއާ އިންޓަވިއުކުރުމަށް ހުށަހަޅާފައެވެ. އެ ހުށަހެޅުމަށް މެންބަރުން ތާއީދުކުރެއްވިއެވެ.

ނަމަވެސް ކުޅުދުއްފުށި ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ދާއޫދު ވަނީ އަޒީމާއަކީ، ތައުލީމާއި ތަޖުރިބާގެ އަލީގައި ގާބިލު ބޭފުޅެއްކަން ސާފުވާ ކަމަށް ވިދާޅުވެފައެވެ އެހެންކަމުން އިންޓަވިއު ކުރުމެއް ނެތި އޭނާ، އިންޑީއާ ސަފީރުކަމަށް ރުހުން ދިނުމަށް ހުށަހެޅުއްވިއެވެ. އެ ހުށަހެޅުއްވުމަށް ވެސް މެންބަރުން ތާއީދުކުރެއްވިއެވެ.

އެއާއެކު މެންބަރު ރިފާއު ވަނީ އޭނާގެ ހުށަހެޅުން އަނބުރާ ގެންދަވާފައެވެ.

ރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިބްރާހިމް ޝަހީބަށް ކުރީގެ ރައީސް ޞަލިޙު ފަތްކޮޅު އަރުވަނީ---

މިހާރު އިންޑިއާ ސަފީރުކަމުގެ މަގާމުގައި ހުންނެވި ޝަހީބު މަގާމަށް އައްޔަން ކުރެއްވީ މިދިޔަ ސަރުކާރުގައި 2022ވަނަ އަހަރުގެ އޮކްޓޫބަރު 10ގައެވެ.

މިހާރު އިންޑިއާ ސަފީރުކަމުގެ މަގާމުގައި ހުންނެވި ޝަހީބަކީ ސިންގަޕޫރުގެ ލީ ކުއާން ޔޫ ސްކޫލް އޮފް ޕަބްލިކް ޕޮލިސީއިން މާސްޓާ އިން ޕަބްލިކް އެޑްމިނިސްޓްރޭޝަން ޙާސިލް ކުރައްވައިގެން ހުންނެވި ބޭފުޅެކެވެ.

އޭނާ މީގެ ކުރިން ފުރުއްވާފައިވާ މުހިންމު ބައެއް މަޤާމުތަކުގެ ތެރޭގައި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޗީފް ޕްރޮޓޮކޯލްގެ މަޤާމާއި، އެ މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީގެ މަޤާމު ހިމެނެއެވެ.

comment ކޮމެންޓް