ޕީއެސްއެމް ފޯރި 2024ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު

ޕީއެސްއެމް ފޯރި 2024ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ----

ދައުލަތުގެ މީޑީއާ ޕީއެސްއެމްއިން ގެނެސްދޭ ޔޫރޯ 2024 ފުޓްބޯޅަ މުބާރާތުގެ ޚާއްސަ ކަޕަރޭޖް ކަމަށްވާ 'ޕީއެސްއެމް ފޯރި 2024'ގެ ޑިޖިޓަލް ޕާޓްނަރުކަމަށް ދިރާގުން ސޮއިކޮށްފިއެވެ.

ދިވެހި މީޑީއާތަކުގެ ތެރެއިން އެ މުބާރާތުގެ މެޗުތައް ދެއްކުމުގެ ހައްގު ހަމައެކަނި ޕީއެސްއެމްއަށް ލިބިފައިވާއިރު، މި ކަވަރޭޖުގައި ކޮމެންޓްރީގެ އިތުރުން ޚާއްސަ ސެގްމަންޓުތައް ވެސް ހިމެނެއެވެ.

މި ކަވަރޭޖާއި ގުޅުވައި، ދިރާގުގެ ޑިރެކްޓަރު ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަން މުޙައްމަދު މިރްޝާން ހަސަން ވިދާޅުވީ، މި އަހަރުގެ އެންމެ ބޮޑު ފުޓްބޯޅަ އިވެންޓު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ރައްޔިތުންނާ ހަމައަށް ގެނެސްދިނުމުގައި ބައިވެރުވުމަކީ އެ ކުންފުންޏަށް ލިބޭ އުފަލެއް ކަމަށެވެ.

"މިފަދަ ފުޓްބޯޅަ އީދަކަށް ދިވެހިން ތައްޔާރުވަމުން އަންނައިރު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ހުރިހާ އުމުރުފުރައެއްގެ ބެލުންތެރިންނަށް ވެސް މި ޚާއްސަ ކަވަރޭޖާއެކު ފުރިހަމަ ތަޖުރިބާއެއް ލިބިގެންދާނެ ކަން އަޅުގަނޑުމެން ޔަގީންކުރަން،" އޭނާ ވިދާޅުވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ޕީއެސްއެމްއިން ވަނީ އެ މުބާރާތާއި ގުޅުވައިގެން ކުޑަކުދިންނަށް އަމާޒުކޮށްގެން އަންނަ ހުކުރު ދުވަހުގެ ހަވީރު 16:00 އިން 18:00 ގެ ނިޔަލަށް ހަވީރެއް ބޭއްވުމަށް ނިންމާފައެވެ.

https://sun.mv/192858

ޔޫރޯގެ މެޗުތައް ޕީއެސްއެމްގެ ޓީވީއެމާއި ޔެސްޓީވީން ވަގުތުން ދައްކާނީ އެޗްޑީ ކޮލިޓީގައި، ބެލުންތެރިން އެކަމަށް އިތުރު އެއްވެސް އަގެއް ދައްކަން ނުޖެހޭގޮތަށް ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

ޖަރުމަނުވިލާތުގެ 10 ސިޓީއެއްގައި ކުޅޭ މި މުބާރާތުގައި ޔޫރަޕްގެ 24 ގައުމަކުން ވާދަކުރާނެއެވެ. މި ގައުމުތައް ހަ ގްރޫޕަކަށް ބަހާލައިގެން މި މުބާރާތުގައި ޖުމްލަ 51 މެޗް ކުޅޭނެއެވެ. މުބާރާތުގެ ފައިނަލް މެޗު ކުޅޭނީ ޖުލައި 14 ވަނަ ދުވަހު ބާލިންގައެވެ.

comment ކޮމެންޓް