ޕީއެސްއެމްއިން ޔޫރޯ 2024އާ ގުޅުވައި ކުޑަކުދިންނަށް ހަވީރެއް ބާއްވަނީ

މީގެކުރިން ބޭއްވި ކުޑަކުދިންގެ ހަވީރެއްގެ ތެރެއިން: ޕީއެސްއެމްއިން ޔޫރޯ 2024އާ ގުޅުވައި ކުޑަކުދިންނަށް ހަވީރެއް ބާއްވަނީ -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

މި މަހު 14ގައި ޖަރުމަނު ވިލާތުގައި ފެށުމަށް ހަމަޖެހިފައިވާ ޔޫރޯ 2024 ފުޓްބޯޅަ މުބާރާތާ ގުޅުވައިގެން ކުޑަކުދިންނަށް ހަވީރެއް ބޭއްވުމަށް ދައުލަތުގެ މިޑީއާ ޕީއެސްއެމްއިން ނިންމައިފިއެވެ.

ޕީއެސްއެމްއިން މައުލޫމާތު ދޭ ގޮތުގައި، މި ހަރަކާތުގައި ކުޑަކުދިންނަށް ޚާއްސަ ކުޅިވަރުތަކާއި ތަފާތު ސްޓޯލްތައް ހުންނާނެއެވެ. އަދި، މި ހަރަކާތް އެ ކުންފުނީގެ ޓީވީއެމް މެދުވެރިކޮށް ވަގުތުން ގެނެސްދޭނެ ކަމަށް ޕީއެސްއެމްއިން ބުނެއެވެ.

"ޔޫފޯރިއާ"ގެ ނަމުގައި ބާއްވާ މި ހަވީރު އަންނަ ހުކުރު ދުވަހުގެ ހަވީރު 16:00އިން 18:00ގެ ނިޔަލަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށް ދާނެއެވެ.

މި ހަވީރަކީ ޕީއެސްއެމްގެ އިތުރުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)، އެސްޓީއޯ، ސްޓެލްކޯ، އެމްޓީސީސީ، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)، އެމްޑަބްލިއުއެސްސީ، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ އިތުރުން ދިރާގުން ގުޅިގެން ގެނެސްދޭ ހަރަކާތެކެވެ.

ޔޫރޯގެ މެޗުތައް ޕީއެސްއެމްގެ ޓީވީއެމާއި ޔެސްޓީވީން ވަގުތުން ދައްކާނީ އެޗްޑީ ކޮލިޓީގައި، ބެލުންތެރިން އެކަމަށް އިތުރު އެއްވެސް އަގެއް ދައްކަން ނުޖެހޭގޮތަށް ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

https://sun.mv/192597

އެ މުބާރާތުގެ މެޗުތައް ދެއްކުމުގެ ހައްގު ލިބިފައި ވަނީ ވެސް ދިވެހި މީޑިއާތަކުގެ ތެރެއިން ޕީއެސްއެމްއަށް އެކަންޏެވެ.

ޖަރުމަނުވިލާތުގެ 10 ސިޓީއެއްގައި ކުޅޭ މި މުބާރާތުގައި ޔޫރަޕްގެ 24 ގައުމަކުން ވާދަކުރާނެއެވެ. މި ގައުމުތައް ހަ ގްރޫޕަކަށް ބަހާލައިގެން މި މުބާރާތުގައި ޖުމްލަ 51 މެޗް ކުޅޭނެއެވެ. މުބާރާތުގެ ފައިނަލް މެޗު ކުޅޭނީ ޖުލައި 14 ވަނަ ދުވަހު ބާލިންގައެވެ.

comment ކޮމެންޓް