ހުޅުމާލޭ ދެވަނަ ފިޔަވަހީގައިވާ ޓަވަރަކަށް ވައްދައިގެން މީހެއްގެ އަތުން ފޭރި ބްލެކްމޭލްވެސް ކުރި ބަޔަކާ ދެކޮޅަށް ބަދަލުހިފުމުގެ ގޮތުން ހިންގި ހަރަކާތެއްގެ ވާހަކަ ނޫސްތަކުގެ ސުރުޚީން އިހަށްދުވަހު ވަނީ ފެނިފައެވެ. އެކަންކުރި މީހުން ދިރިއުޅޭ ތަނަށް ނުވަތަ ތިބި ތަނަށް ޖަމާއަތެއްގެ ބަޔަކާއެކު ވަދެ އެމީހުން ތަޅައި ރޯނާގަންނަވައި ބަރަހަނާކޮށް އަތްފައި ބަނދެ އިމާރާތުގެ ސިޑިމައްޗަށް ނެރެ އާއްމުންނަށް ދައްކައިލީކަމަށް ވެއެވެ. މިއީ ދިވެހިރާއްޖޭގައި އަލަށް ހިނގިކަމެއް ނޫނެވެ. މިބާވަތުގެ ކަންކަން ދޭތެރެ ދޭތެރެއިން ހިނގައެވެ. ހިންގައެވެ. ބަދަލުހިފުމުގެ ގޮތުންނެވެ. ދަގަނޑު ކެނޑޭނީ ދަގަނޑުންނޭ ބުނެވޭ އުސޫލުން ކުށްވެރިންނަށް އަދަބުދިނުމަށްޓަކައި ކުށަށް އަރައިގަންނަނީއެވެ. އަމިއްލަ އަތަށް ގާނޫނު ގެންނަނީއެވެ. މިހިސާބަށް ކަންކަން ދިއުމުގެ ސަބަބުތަކެއްވެސް އެބަހުއްޓެވެ. ހުންނާނެއެވެ. އެއްސަބަބަކީ ތަންފީޒީ އިދާރާތަކަށް އިތުބާރު ނެތުމެވެ. ކުށްވެރިންނަށް އަދަބު ނުލިބުމާއި ތަކުރާރުކޮށް ކުށަށް އަރައިގަތުމަށް ވީއްލިފައި ތިބުމެވެ.
އެހެންވީމާ އަމިއްލައަށް ކަންކަން ނިންމައިލުމަށް ވިސްނެނީއެވެ. ކެތްމަދުވަނީއެވެ. އަތްއިސްކުރެވެނީއެވެ. ހުޅުމާލޭގައި މިދެންނެވި ހާދިސާ ހިނގުމުގެ ކުރިންވެސް އެކި ތަންތަނުން ވައްކަންކުރަން އުޅުނު މީހުން ހިފަހައްޓައި ބަރަހަނާކޮށް ގައިގައި ކުރަހައި ކަރުގައި ބޯޑުއަޅުވައި ގަންހިންގުމުގެ ތަފާތު އެތަކެއް ހާދިސާތައް ވަނީ ހިނގައިފައެވެ. ނޫސްތަކުގެ ސުރުޚީއަށް ވަނީ އަރައިފައެވެ. ތަންފީޒީ އިދާރާތަކުގެ ސަމާލުކަމަށް އަންނަނީ ކަންނިމޭ ފަހުންނެވެ. މިޒާތުގެ ކަންކަމާމެދު އާއްމުންގެ ޚިޔާލު އޮންނަނީ ދެކަފި ވެފައެވެ. އެއްބަޔަކު ބުނެއެވެ. ހޯހޯއެވެ. ތިޔައީ ގޯހެކެވެ. ކުށްވެރިންނަށް ހުކުމްއިއްވައި އެ ހުކުމް ތަންފީޒުކުރުމަކީ އާއްމުން ކުރަންޖެހޭ ކަމެއް ނޫނެވެ. ގާނޫނު ހިންގުމުގެ ނަމުގައި އަމިއްލަ އަތަށް ގާނޫނު ނެގުމެއް ނޯވެއެވެ. އެހެން ނަގަންޏާ އެއީ ވަރަށްބޮޑު ގޯހެކެވެ. އަނެއް ބަޔަކު ބުނެއެވެ. ދެން ފުދިއްޖެއެވެ. ކުށްވެރިން އެތިބެނީ ވީއްލިފައެވެ. ތަކުރާރުކޮށް ކުށްކުށަށް އަރައިގަތުމަަށް އެތިބެނީ ދޫވެފައެވެ.
މީސްމީހުންގެ މުދަލާއި ފުރާނައަށްވެސް ރައްކާތެރިކަމެއް ނެތިފައި ތަންފީޒީ އިދާރާތަކަށް އިތުބާރެއްވެސް ނެތިއްޔާ ދެން އެޅެންހުރި ފިޔަވަޅެއް އަމިއްލައަށް އެޅުމަކީ ފަރުދީ ޒިންމާއެއްކަމަށް އެމީހުން ދެކެއެވެ. ދެން މައްސަލައެއް ނެތެވެ. ނަންހުސްކޮށް މުއައްސަސާތައް ހަދައިގެން މިތިބެނީ ކީއްވެގެން ބާވައެވެ. ގާނޫނުތައް ލިޔެގެން، ތަންފީޒީ އިދާރާތައް ހަދައިގެން، ނިޒާމެއް ގާއިމުކޮށްގެން މިތިބެނީ ކޮންމެ މީހަކު އެމީހެއްގެ އަމިއްލަ އަތަށް ގާނޫނު ނެގުމަށް ޖާގަ ނުދޭންވެގެންނެވެ. ތަންފީޒީ އިދާރާތަކާއި ނުބައްސައި ކުށްވެރިން ގަންހިންގައި އަދަބު ދިނުމަކީ އިޖުތިމާއީގޮތުންވެސް އަދި ގާނޫނީގޮތުންވެސް ހެޔޮގޮތެއް ނޫނެވެ. އެކަންއޮތީ އެހެންނެވެ. އެކަމަކު ދަންނަވަންތޯއެވެ. ދިވެހިންގެ ތެރޭގައި ގަންހިންގުމުގެ ޒަމާންވީ ސަގާފަތެއް އެބައޮތެވެ. އާދައެއް އެބައޮތެވެ. ކުށްވެރިން އާއްމުންގެ ތެރެއަށް ނެރެ ބޭޒާރުކޮށް ލަދުގެންނެވުމުގެ ޒަމާންވީ ސަގާފަތެއް އެބައޮތެވެ. ބަލައިލަމާބަހީއެވެ.
ބައެއް ބާވަތުގެ ބޮޑެތި ކުށްތަކަށް އަރައިގަންނަ މީހުންނަށް ކުރީޒަމާނުގެ ދިވެހިން ވަރަށް އާދަޔާޚިލާފު އަދަބެއްދީ އުޅުނެވެ. ޚާއްސަގޮތެއްގައި ވަގުންނަށެވެ. ވައްކަންކުރާ މީހުންނަށެވެ. އާދަޔާޚިލާފު އަދަބެކޭ މިދެންނެވީ މިޒަމާނުގެ ހަމަތަކާއި އުސޫލުތަކަށްފެތޭ އަދަބަކަށްނުވާތީއެވެ. ގާނޫނީ ތަރަހައިގެ ތެރެއިން މިޒަމާނުގައި ދެވޭނެ އަދަބަކަށްވެސް ނުވާތީއެވެ. މި އަދަބަށް ކިޔަނީ ގަންހިންގުމެވެ. ގަންހިންގާ ގޮތަކީ ކޮބައިބާވައެވެ. މިއީ ކުށްވެރިޔާ ބަރަހަނާކޮށް ބުރަކަށީގައި ފަނެއް ބަނދެ، މޫނުގައި އަޅިދެލިކުރަހައި އުނަގަނޑުގައި ވައުޖަހައިގެން ރަށްރަށުގެ ބޮޑެތި މަގުތަކުގައި ހިންގުމަށް ކިޔާނަމެކެވެ. މި ހިންގުމުގައި ކޮންމެ ހަތަރުއަނގޮޅިއެއްގައި މަޑުކޮށް އެމީހާގެ ކުށަކީ ކޮބައިކަން ކިޔައިދީ "އަދަބުން އަދަބޯތް" މިހެންގޮވައި ތައުޒީރު ކުރެއެވެ. ތައުޒީރު ކުރުމަކީ ދުއްރައަކުން ތެޅުމެވެ. ދުއްރައަކީ ތައުޒީރު ކުރުމަށާއި ހައްދުޖެހުމަށް ހަމުން ހަދާފައި އޮންނަ ޚާއްސަ ހަތިޔާރެކެވެ.
މިދެންނެވި ބީދައިން ކުށްވެރިޔާ ގަންހިންގާއިރު އެމީހާގެ ފަހަތުން އާއްމުންގެ ވަރަށް ގިނަބަޔަކު ހެމުން އުފާފާޅުކުރަމުންދާނެއެވެ. އޭގެތެރޭގައި ގިނައަދަދެއްގެ ވަކަރުގޭ ކުދިންވެސް ހިމެނޭނެއެވެ. މައިގަނޑުގޮތެއްގައި ފޯރިނަގާނީ އެކުދިންނެވެ. މިޒަމާނުގައި މި މަންޒަރު އެންމެ އެއްގޮތްވާނީ މިނިވަންދުވަހު މާލޭގެ ބޮޑެތި މަގުމަގުގައި އޮންނަ ބޭންޖެހުމާއެވެ. ފަނޑިޔާރުގޭގެ ހުކުމަކާނުލައިވެސް އަދި ތަހުގީގުކުރުމަކާއި ސަރިޔަތަކާނުލައިވެސް ބައެއްފަހަރު ގަންހިންގައެވެ. އެކަން އެގޮތަށް ކުރަނީ ނުފޫޒުގަދަ މީހަކު ނުވަތަ ބަޔަކު ފަހަތުގައި ތިބެގެންނެވެ. މީހަކުދެކެ އަނެއްބަޔަކު ރުޅިއަންނަ ކޮންމެފަހަރަކު، އަދި ކުށެއްގެ ތުހުމަތުކުރެވޭ ކޮންމެފަހަރަކު މަގުމައްޗަށް ނެރެ ގަންހިންގުމެއް ނޯވެއެވެ. ހިންގޭކަށްވެސް ނޯވެއެވެ. މި އަދަބެއް ދެނީ ލަދުގަންނަވައި ފަޟީހަތްކުރުމުގެ ގޮތުންނެވެ. ކާކުކަން އަންގައި ދެންދުވަހަކުވެސް ކުށަކަށް އަރައިނުގަތުމަށް ބާރުއެޅުމުގެ ގޮތުންނެވެ. މުޖުތަމައަށްވެސް ފިލާވަޅެއްގެ ގޮތުންނެވެ.
ސަރުކާރާއި ރަސްގެފާނަށް ބޮޑު ކުށެއްކޮށްފިނަމަ އެމީހަކަށް އަދަބުދިނުމަށް އަދި އެހެން އުސޫލެއްވެސް ބޭނުންކުރިއެވެ. އެއަށްކިޔަނީ ހަވަރަށް ދިނުމެވެ. ކުށްވެރިވިޔަސް ނުވިޔަސް މީހަކު ހަވަރަށް ދެވޭނީ އެންމެ ފަރާތަކަށެވެ. އެފަރާތަކީ ރަސްގެފާނެވެ. ރަދުންނެވެ. މިވެނި މީހަކު ހަވަރަށް ދީފީމޭ ރަދުން ވިދާޅުވީމާ ދެން އެމީހާގެ ދުވަސްދިޔައީއެވެ. ހަނގުބޭކަލުން ނުކުމެ އެވެރިން ހިތާވާހައި ކަމެއް އެމީހަކަށް ކޮށްނިންމައިލާއިރު ގިނަފަހަރު އެމީހާ އޮންނާނީ ސަންދޯކުއަޅަން ޖެހިފައެވެ. ހަވަރަށް ދިނުމަކީ ރައްޔިތުންނާ ހަވާލުކުރުމެއް ނޫނެވެ. ހަނގުބޭކަލުންނާ ހަވާލުކުރުމެވެ. ހަވަރަކީ ކުރީޒަމާނުގައި ސިފައިން ބެހިފައިވާ ހަ ޑިވިޝަނެވެ. ހަނގުބޭކަލުންނަކީ ރަސްގެފާނުގެ ލަޝްކަރެވެ. މިޒަމާނުގައި އެއީ ސިފައިންނެވެ. މި އަދަބު ދެވެނީ އަބަދުވެސް ސިޔާސީ ކުށްވެރިންނަށެވެ. ވެރިކަން ބަދަލުކުރަން އުޅުމާއި ވެރިކަމާމެދު ހިތްހަމަނުޖެހިގެން އުޅުމާއި ވެރިކަމާ ދެކޮޅަށް ކޮންމެވެސް ހަރަކާތެއް ހިންގުމުގެ ތުހުމަތު ކުރެވޭ މީހުންނަށް ދެނީ މި އަދަބެވެ.