ރަސްމީ ރިޒާވް 15 ޕަސަންޓު މަތިވެއްޖެ

މަރުކަޒީ ބެންކް، އެމްއެމްއޭ-- ފޮޓޯ: އެމްއެމްއޭ

ރާއްޖޭގެ ރަސްމީ ރިޒާވް މިދިޔަ މަހާ އަޅައިބަލާއިރު، 15 ޕަސަންޓު މަތިވެއްޖެއެވެ.

މޯލްޑިވްސް މަނިޓޮރީ އޮތޯރިޓީ (އެމްއެމްއޭ)އިން ނެރުނު ތަފާސްހިސާބުތަކުގައި ވާގޮތުން، މިއަހަރުގެ މާޗް މަސް ނިމުނުއިރު ރިޒާވުގައި ހުރީ، 541.8 މިލިއަން ޑޮލަރެވެ. ނަމަވެސް، އެޕްރިލް މަހުގެ ނިޔަލަށް އެ އަދަދު ވަނީ، 622.1 މިލިއަނަށް އަރާފައެވެ.

މިއަހަރުގެ މާޗް މަހާ އަަޅައިބަލާއިރު، އެޕްރިލް މަހުގެ ރަސްމީ ރިޒާވް އިތުރުވީ ކަމުގައި ވީނަމަވެސް، މިދިޔަ އަހަރުގެ އެޕްރިލްމަހާ އަޅައިބަލާއިރު، މިއަހަރުގެ އެޕްރިލް މަހުގެ ރިޒާވް ވަނީ ދަށްވެފައެވެ. އެގޮތުން މިދިޔަ އަހަރުގެ އެޕްރިލް މަހުގެ ރިޒާވް ހުރީ، 756.8 މިލިއަންގައެވެ. މިއީ 134.7 މިލިއަން ޑޮލަރާއެކު، 18 ޕަސަންޓުގެ ދަށްވުމެކެވެ.

ރާއްޖޭގެ މާލީ ހާލަތު އިތުރުކުރުމަށް އިދާރާތަކުން ގުޅިގެން ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ގިނަ ފިޔަވަޅުތަކެއް އަޅާފައި ވާއިރު، އިގްތިޞާދު ހަރުދަނާ ކުރުމަށް ރާއްޖެއިން ކުރާ މަަސައްކަތަށް ބޭރުން ވެސް ވަނީ ތައުރީފުކޮށްފައެވެ.

ރާއްޖޭގެ ފަތުރުވެރިކަމަށް ބަލާއިރު، މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އައިސްފައި ވަނީ، 895,764 ފަތުރުވެރިންނެވެ. މިއީ މިދިޔަ އަހަރަ އަޅާބަލާއިރު 82،790ގެ ކުރިއެރުމެކެވެ. މިދިޔަ އަހަރުގެ މިހާތަނަށް ރާއްޖެ އައިސްފައި ވަނީ، 812,914 ފަތުރުވެރިންނެވެ.

އިގުތިސާދީ މާހިރުން ވިދާޅުވާގޮތުގައި ފަތުރުވެރިން އަންނަ އަދަދު އިތުރުވެ، ރާއްޖޭގެ އެކްސްޕޯޓް މަހަކަށްވުރެ މަހެއް އިތުރުވަމުންދާނަމަ އެއީ ރާއްޖޭގެ އިގުތިސާދަށް އޮތް ހެޔޮ ފާލެކެވެ.

ރާއްޖެއަކީ އިމްޕޯޓަށް ބަރޯސާވެފައިވާ ގައުމަކަށްވާއިރު، ސަރުކާރުން އަންނަނީ އިމްޕޯޓަށް ބަރޯސާވުމާއި ބޭރުގެ މުއާމަލާތްތައް ޑޮލަރުން ކުރުން މަދުކުރުމަށް ފިޔަވަޅުތައް އަޅަމުންނެވެ.

https://sun.mv/189515

މި ސަރުކާރުން ފައިސާ ޗާޕް ކުރުން ހުއްޓާލާފައިވާއިރު، އޭގެ ހެޔޮ އަސަރުކޮށް، ދިވެހި ފައިސާގެ އަގު ހިފެހެއްޓި، ޑޮލަރުގެ ރޭޓް ދަށްވެ، އިގުތިސާދު ރަނގަޅު ވަމުން އަންނަ ކަމަށް މިދިޔަ މާޗު މަހު ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް