ފައިސާ ޗާޕުކުރުން ހުއްޓާލުމުގެ ނަތީޖާއެއްގެ ގޮތުން ރުފިޔާގެ އަގު ހިފެހެއްޓި، ޑޮލަރުގެ ރޭޓު ތިރިވާން ފަށައިފި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
އަތޮޅުތަކަށް އެ މަނިކުފާނު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ދ. މީދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބަައްދަލު ކުރެއްވުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެ މަނިކުފާނު ވެރިކަމާ ހަވާލުވެ ވަޑައިގަތުމަށް ފަހު، ރާއްޖޭން ފައިސާ ޗާޕު ކުރުން ހުއްޓާލާފައިވާ ކަމަށެވެ. ރައީސް ވިދާޅުވީ ފައިސާ ޗާޕުކުރުން ހުއްޓާނުލި ނަމަ، ދިވެހިރާއްޖެ ބަނގުރޫޓުވެ، ޑޮލަރުގެ އަގު އަތު ނުޖެހޭ ވަރަށް އުފުލޭނެ ކަމަށެވެ.
މަރުކަޒީ ބޭންކު، އެމްއެމްއޭއިން ފޮރިން އެކްސްޗޭންޖް ރޭޓް މިހާރު 15.45 ރުފިޔާގައި ހިފަހައްޓާފައި އޮތް ނަމަވެސް، މިއަދަކު އެ ރޭޓަކުން ޑޮލަރެއް ނުލިބެއެވެ. އެ ގޮތުން ކަޅުބާޒާރުގައި ޑޮލަރުގެ އަގު މިހާރު އުޅެނީ 17 ރުފިޔާއާއި 17.40 ރުފިޔާއާ ދެމެދުގައެވެ.
ރައީސް ވިދާޅުވާ ގޮތުގައި މި ސަރުކާރު އައިއިރު ބޭރުގެ ދަރަނި 120 ބިލިއަނަށް އަރައެވެ. އޭގެ ތެރެއިން 9 ބިލިއަން ރުފިޔާއަކީ ސަރުކާރުގެ މިނިސްޓްރީތަކާއި ކުންފުނިތަކުން، އަމިއްލަ ފަރާތްތަކުގެ ކުދި ކުންފުނިތައް ލައްވައި ކުރުވި މަސައްކަތްތަކަށް ދޭން ޖެހޭ ފައިސާ ކަމުގައި ރައީސް ތަކުރާރުކޮށް ވިދާޅުވެއެވެ.
ކުރީ ސަރުކާރުގައި ޚަރަދަށް ޒިންމާވުމުގެ ގާނޫނު ސަސްޕެންޑުކޮށް، ފައިސާ ޗާޕުކުރީ ކޮވިޑާ ގުޅިގެން ދިމާވި އިގުތިސާދީ ކާރިސާއިން އަރައިގަތުމަށް އެޅި ފިޔަވަޅުތަކުގެ ތެރެއިންނެވެ. އެ ހާލަތު ދަންމާލައި ކުރީ ސަރުކާރަށް އަހަރެއްގެ ތެރޭ 4.4 ބިލިއަން ރުފިޔާ ޗާޕުކުުރުމުގެ ހުއްދަ ވަނީ ދީފައެވެ.
ރާއްޖޭގެ އިގްތިސާދީ ހާލަތު ކަންބޮޑުވާ މިންވަރެއްގައި އޮތް ނަމަވެސް އިގްތިސާދީ ވަރުގަދަ ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. އޭގެ ތެރޭގައި ދިވެހި އިގްތިސާދު ވަރުގަދަ ކުރުމަށް ބޭރު ގައުމުތަކުގެ އިސް ފަރާތްތަކުގެ އިތުރުން ބައިނަލްއަގުވާމީ މާލީ އިދާރާތަކާ ވެސް ސަރުކާރުން މީގެ ކުރިން ވެސް އޮތީ މަޝްވަރާތައް ކޮށްފައެވެ. އަދި ސަރުކާރުގެ އިގްތިސާދީ ސިޔާސަތުގެ ސަބަބުން، އެ ފަރާތްތަކުން މިކަމުގައި އެއްބާރުލުން ދޭނެކަން ހާމަކޮށްފައިވާ ކަމަށް ވެސް ސަރުކާރުން ބުނެފައިވެއެވެ.