އެސްޓީއޯއިން ހިއްސާދާރުންނާ އެކު ނުރަސްމީ މަޝްވަރާ ބައްދަލުވުމެއް ބާއްވަނީ

އެސްޓީއޯ ހެޑް އޮފީސް އިމާރާތް --- ސަން ފޮޓޯ/ ޢަބްދުﷲ ހުސައިން

ކުންފުނީގެ ކަންކަމާ މަޝްވަރާކުރަން ހިއްސާދާރުންނާ އެކު އަންނަ ހޮނިހިރު ދުވަހު ނުރަސްމީ ބައްދަލުވުމެއް ބާއްވަން ސަރުކާރުގެ ވިޔަފާރި ކުންފުނި، އެސްޓީއޯއިން މިއަދު ނިންމައިފިއެވެ.

އެސްޓީއޯ މައި އޮފީހުގެ ހަތަރުވަނަ ފަންގިފިލާގައި ހުންނަ ޓްރެއިނިން އިންސްޓިއުޓްގައި ބޭއްވުމަށް ހަމަޖެހިފައިވާ އެ ބައްދަލުވުމުގައި ބައިވެރިވުމަށް އޮންލައިކޮށް ރަޖިސްޓްރީވުމަށް ވަނީ ހުޅުވައިލާފައެވެ.

އެސްޓީއޯއިން މިއަދު ނެރުނު އިއުލާނެއްގައި ބުނީ، އަންނަ ހުކުރު ދުވަހުގެ 11:00ގެ ކުރިން އެ ކުންފުނީގެ ޕޯޓަލް މެދުވެރިކޮށް ރަޖިސްޓްރީކުރެވޭއިރު ބައްދަލުވުމުގައި ބައިވެރިވެވޭނީ އުމުރުން 16 އަހަރުވެފައިވާ ކުންފުނީގެ ހިއްސާދާރުންނަށް ކަމަށެވެ.

މި ބައްދަލުވުމަކީ ހިއްސާދާރުންނާ އެކު ބާއްވާ ނުރަސްމީ ބައްދަލުވުމަކަށް ވާތީ ޕްރޮކްސީ އައްޔަންކުރުމެއް ނޯންނާނެ ކަމަށް އެސްޓީއޯއިން ބުނެއެވެ.

އެ ބައްދަލުވުމުގެ އެޖެންޑާގައިވަނީ އަހަރީ ރިޕޯޓް އާންމުކުރުމަށާއި އަހަރީ އާންމު ޖަލްސާއަށް ވަމުން އަންނަ ތައްޔާރީތަކުގެ މައުލޫމާތު ހިއްސާކުރަން ހިމަނައިފައެވެ. އަދި، ކުންފުނީގެ ސްޓެރެޓީޖިކް ކަންކަމާ ގުޅޭ ގޮތުން ހިއްސާދާރުންނާ އެކު މަޝްވަރާކޮށް ހިއްސާދާރުންގެ ޚިޔާލު ފާޅުކުރުން އެ ބައްދަލުވުމުގައި އޮންނާނެ ކަމަށް އެޖެންޑާގައިވެއެވެ.

https://sun.mv/191461

އެ ކުންފުނީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ ރިޕޯޓް ބުނާގޮތުން މި އަހަރުގެ ފުރަތަމަ ތިން މަހު ލިބުނު ސާފު ފައިދާ 195 މިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ. އަދި، އެސްޓީއޯއިން ބުނާ ގޮތުގައި އެ ކުއާޓަރުގައި އާމްދަނީގެ 83 ޕަސެންޓަކީ ތެލުގެ ވިޔަފާރިން ލިބިފައިވާ އާމްދަނީއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އެންމެ ދެފުށް ފެންނަ ގޮތެއްގައި ހިންގި ސަރުކާރު ކުންފުނިތަކުގެ ތެރޭގައި ވެސް އެސްޓީއޯ ހިމެނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް