އިހަވަންދިއްޕޮޅުގައި ހިންގާ މެރިޓައިމް ބޮޑު މަޝްރޫއުގެ ތެރެއިން ޚިދުމަތްތައް ގާއިމްކުރުމަށް ޓަކައި އެ ކަމަށް ބޭނުންވާ އޮފީސް "އުތުރު އުލިގަން އިންޓަނޭޝަނަލް ޝިޕް އެންޑް ޕޯޓް ސެކިއުރިޓީ ގޭޓް" (އައިއެސްޕީއެސް ގޭޓު) މިރޭ ހުޅުވައިފިއެވެ.
އުތުރު އައިސްއެސްޕީއެސް ގޭޓު އުލިގަމުގައި ހުޅުވުމަަށް މިރޭ އޮތް ރަސްމިއްޔާތުގައި އުލިގަމު ރައްޔިތުންނާއި، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އާއި އެސްޓީއޯގެ ވެރިން ބައިވެރިވެލެއްވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ވިދާޅުވީ އުތުރުގެ މި ސަރަހައްދަކީ ވިޔަފާރީގެ ގޮތުން ސްޓްރެޓެޖިކް ސަރަހެއްދެއް ކަމަށެވެ.
އެހެންކަމުން އަމާޒަކީ ރާއްޖޭގެ ސްޓްރެޓެޖިކް ލޮކޭޝަންގެ ފައިދާ ނަގައިގެން މެރިޓައިމް ޚިދުމަތް ދޭ ގައުމަކަށް ހަދައި އޭގެ ނަފައި ރައްޔިތުންނަށް ފޯރުކޮށްދިނުން ކަމަށެވެ.
އެގޮތުން ހަމައެކަނި ފަތުރުވެރިކަމަށް ބަރޯސާވާވުން ނިމުމަކަށް ގެނެސް އެހެން ސިނާއަތްތަކުން ވެސް ރާއްޖެއަށް ބޭރު ފައިސާ ވަންނާނެ މަގު ފަހިކުރުމަށް ރައީސް ޑރ. މުޙައްމަދު ގެންގުޅުއްވާ ވިސްނުންފުޅާއެކު ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށް ވިދާޅުވިއެވެ.
އެގޮތުން މޯލްޑިވްސް އިންޑަސްޓްރިއަލް ފްރީޒޯން ކުންފުނީގެ ތެރެއިން މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ ގާއިމްކޮށް ޚިދުމަތް ފެށުމަކީ އޭގެ މަސައްކަތެއް ކަމަށް ވިދާޅުވިއެވެ.
އެކަމުގެ ތެރެއިން އުތުރުގައި މެރިޓައިމް ޚިދުމަތް ފޯރުކޮށްދެވި އުލިގަމުގައި އައިއެސްޕީއެސް ގޭޓްވޭ ހުޅުވުމަކީ ބަންކަރިން ޚިދުމަތް ފެށުމުގެ ފުރަތަމަ ފިޔަވަޅުކަމަށް ވިދާޅުވިއެވެ.
"މި ގޭޓްވޭ ވާނީ އިރާދަކުރެއްވިއްޔާމުން މާކެޓް ޕްލޭސަކަށް،" އަހަރެއްގެ މައްޗަށް އެތައް ބިލިއަން ޑޮލަރެއްގެ މުދާ އުފުލާ ބޯޓުތަކުން ނެގެން އޮތް އެންމެ ބޮޑު މަންފާ ނެގޭނެކަން ފާހަގަކުރައްވައި ވިދާޅުވިއެވެ.
މީގެ އިތުރުން ވެސް އުތުރުގައި ޚާއްސަ މަޝްރޫއުތައް ހިންގަން ރައީސް ކަނޑައަޅުއްވައިފައިވާކަމަށް ވިދާޅުވިއެވެ.
އެމްޕީއެލްގެ ސީއީއޯ މުޙައްމަދު ވަޖީހު އިބްރާހިމް ވިދާޅުވީ މި އައިސްއެސްޕީއެސް ގޭޓާއެކު އަލަށް ގިނަ މެރިޓައިމް ޚިދުމަތްތަކެއް ފަށަން މަގުފަހިވާނެ ކަމަށެވެ.
އުތުރުގެ މި އައިއެސްޕީއެސް ގޭޓު މިރޭ ހުޅުވިއިރު މާދަމާ ބަންކަރިންގެ ޚިދުމަތް ފަށާނެއެވެ.