ބޮޑުތިލަދުންމަތި ބޮޑު އުއްމީދެއްގައި!

ބަންކަރިންގެ ޚިދުމަތް ފެށުމަށްޓަކައި އިހަވަންދިއްޕޮޅަށް ގެނައި ދެ ބޯޓު ބަލާލުމަށް ތިބި ފިރިހެނަކާއި ކުޑަކުއްޖެއް: މުޅި ބޮޑުތިލަދުންމަތި ރައްޔިތުން ތިބީ ބޮޑު އުންމީދެއްގައި -- ފޮޓޯ/ އެމްޕީއެލް

ބޮޑު ތިލަދުންމައްޗަށް ނިސްބަތްވާ ރައްޔިތުންގެ މޫނު މަތިން ފެންނަނީ އުފާވެރިކަމެވެ. އެމީހުންގެ މޫނުމަތިން ފެންނަނީ ހިނިތުންވުމެވެ. އުމުރުން ދުވަސްވީ މީހުންނާއި، ޒުވާނުން އަދި ކުޑަކުދިން ވެސް ތިބީ އެ މަންޒަރު ބަލާށެވެ.

މިއީ މީގެ އެތައް އަހަރެއް ކުރިން ވެސް ދެއްކި ވާހަކަތަކެކެވެ. އެކި ސަރުކާރުތަކުން އައިސް، 'ފަށާނީއޭ ފަށަނީއޭ' ބުނެ ވެސް އެކަމުގެ ފޮނިމީރުކަން ރައްޔިތުންނަށް ލިބިފައިނުވާ ކަމެއްގެ ވާހަކައެވެ.

ބުރާސްފަތި ދުވަހުގެ ހަވީރުގެ ވަގުތު، ހއ. ހޯރަފުށީގައި ގިނަ އަދަދެއްގެ ބަޔަކު ރަށުގެ ބަނދަރަށް އެއްވީ އެ މަންޒަރު ބަލާށެވެ. އަވީގައި ތިބެންޖެހުނު ނަމަވެސް ރައްޔިތުންގެ މޫނުމަތި އުޖާލާއެވެ. އެތަނުގައި ނެތް ރައްޔިތުން ވެސް ތިބީ ޓީވީން ދައްކަމުން ދިޔަ މަންޒަރު ހިނިތުންވުމާއެކު ބަލާށެވެ.

ބޮޑުތިލަދުންމަތީ އުތުރުބުރިއަށް ނިސްބަތްވާ ފަސް ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެންބަރުން ވެގެން އިފުތިތާހުކޮށްދެއްވީ، އިގްތިޞާދަށް އިންގިލާބީ ބަދަލެއް ގެންނާނެ ބަންކަރިންގެ ޚިދުމަތެވެ. މިއީ ރާއްޖޭގައި މުޅިން އަލަށް ފެށި ޚިދުމަތެކެވެ. މެންބަރުންގެ އަރިހުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި، އެ ޚިދުމަތް ފޯރުކޮށްދިނުމުގައި އިސްކޮށް ހަރަކާތްތެރިވާނެ ދެ ކުންފުނި ކަމަށްވާ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހީމްގެ އިތުރުން އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހީމް ވެސް އަތްތިލަބަޑިޖައްސަވަން ތިއްބެވެ.

ބަންކަރިންގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ ތިލަދުންމަތީ އުތުރުބުރިއަށް ނިސްބަތްވާ ފަސް މެންބަރުން -- ސަން ފޮޓޯ/ މޫސާ ނަދީމް

އިހަވަންދިއްޕޮޅުގައި ބަންކަރިންގެ ޚިދުމަތް ފެށުމަށް ބޭއްވި އެ ރަސްމިއްޔާތަށް ފަހު ބަނދަރުމައްޗަށް އެއްވެ ތިބި ބައެއް މީހުންނާ ވާހަކަދައްކާލުމުން އެ އެންމެން ވެސް ބުނަނީ އެއް ވާހަކައެކެވެ. އެއީ ދިގު އިންތިޒާރެއްގެ ނިމުން ކަމަށެވެ. ފޮނި އުންމީދުތަކެއްގެ ފެށުން ކަމަށެވެ.

"އިގްތިސޯދަށް ހެޔޮ ބަދަލެއް އަންނާނެ މިކަމުން. މި އަތޮޅަށް ލިބޭނެ ކުރިއެރުމެއް މިއީ. ވަރަށް އުފާކުރަން އެކަމާ،" އެތަނުގައި ހުރި ފިރިހެނަކު ބުންޏެވެ.

"ދެން އަންނަން އޮތް ޖީލަށް މީގެ ފައިދާކުރާނެ ކަމުގެ އުންމީދު އެބައޮތް. ގައުމު ކުރިއަރައިގެންދާނެ ކަމުގެ ހެއްކެއް މިއީ. ވަރަށް އުފަލުން ދައްތަމެން މިތިބީ،" އެތަނުގައި ހުރި މުސްކުޅި ފުރައިގެ އަންހެން މީހަކު ބުންޏެވެ.

ދައްތަގެ ވިސްނުމުގައި ހުރީވެސް، ކުރިއަށް އޮތް ޖީލުތަކަށް އެކަމުން މަންފާކުރާނެ ކަމުގެ އުންމީދެވެ.

"ބަންކަރިންގެ ޚިދުމަތާއެކު ރާއްޖެއަށް ވަންނަ ބޭރު ފައިސާ އިތުރުވާނެ ކަމަށް ބެލެވޭ. އެއީ ވެސް ލިބޭނެ މަންފާއެއް،" އެހެން މީހަކު ބުންޏެވެ.

ބަންކަރިންގެ ޚިދުމަތް ފެށުމަށްޓަކައި އިހަވަންދިއްޕޮޅަށް ގެނައި ދެ ބޯޓު -- ސަން ފޮޓޯ/ މޫސާ ނަދީމް

ބަންކަރިންގެ ޚިދުމަތަކީ ރާއްޖޭގެ އިގްތިސާދު ސިންދަފާތު ކުރުމަށް މި ސަރުކާރުން ނެގި ވަރަށް މުހިންމު ފިޔަވަޅެކެވެ. އެ ޚިދުމަތާއެކު ރާއްޖޭގެ އިގްތިސޯދަށް ގިނަ މަންފާތަކެއްކުރާނެ ކަމަށް މިނިސްޓަރު ސައީދު ވެސް ވިދާޅުވިއެވެ.

"މާތްﷲގެ ވާގިފުޅާއެކު ހުޅުވާލެވިގެން މިދިޔައީ ބައިނަލްއަގްވާމީ ބޮޑު ވިޔަފާރިއަކަށް،" ރައްޔިތުންނަށް އުންމީދު ދެއްވައި މިނިސްޓަރު ވެސް ވިދާޅުވިއެވެ.

'ސަން' އާ ވާހަކަދައްކަވަމުން ބޮޑުތިލަދުންމަތީ އުތުރުބުރީގެ މެންބަރުން ވެސް ވަނީ ޝުއޫރުތައް ފާޅުކުރައްވާފައެވެ. ކޮންމެ މެންބަރަކު ވެސް ވިދާޅުވީ، އެއީ އެ ބޭފުޅަކު ނިސްބަތްވާ ދާއިރާގެ ރައްޔިތުންނަށް އެކަމުން ގިނަގުނަ މަންފާ ކުރާނެ ކަމެއް ކަމަށެވެ.

"މިއަދު ހއ. އަތޮޅުގައި ފެށި މި ޚިދުމަތަކީ ގާތްގަނޑަކަށް 1،000 މޭލުގެ ދަތުރެއް. އެއް ފިޔަވަޅު ނެގިއްޖެ. ތަރައްގީއަށްޓަކައި މުޅި ރަށަށް، މުޅި އަތޮޅަށް، މި ލިބުނީ ވަރަށް ބޮޑު ކުރިއެރުމެއް. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ އުންމީދަކީ މުޅި ދުނިޔޭގަ އެންމެ ރަނގަޅަށް ޚިދުމަތްދޭ ގައުމަކަށް މި ގައުމު ވެގެންދާނެ ދުވަހެއް އައުން،" ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުހައްމަދު ވިދާޅުވިއެވެ.

ރާއްޖެ އޮންނަ ސަރަހައްދުގެ ގޮތުން އިހަވަންދިއްޕޮޅު ކައިރިން ގިނަ އަދަދެއްގެ އާގުބޯޓު އާންމުކޮށް ދަތުރުކުރާއިރު، އޭގެ ތެރެއިން އެންމެ ޕަސެންޓަކަށް ޚިދުމަތް ދިނުމުގެ ފުރުސަތު ލިބުނަސް ރާއްޖޭގެ ޖީޑީޕީއަށް 400 މިލިއަން ޑޮލަރު އިތުރުކުރެވޭނެ ކަމަށް ސައީދު ވަނީ ލަފާކުރައްވާފައެވެ.

އެ ޚިދުމަތުން ލިބޭނެ އާމްދަނީއަށް އަލިއަޅުއްވާލައްވައި ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވީ، މިއީ ހއ. އަތޮޅުގެ ރައްޔިތުންނަށް ލިބުނު ކާމިޔާބީއެއް ކަމަށެވެ.

"މިއީ ވަރަށް ތާރީޚީ ދުވަހެއް. ހއ. އަތޮޅުގެ ރައްޔިތުންނަށް ލިބުނު ކާމިޔާބީއެއް. މައްސަލައެއް ނެތްތާ ޚަރަދުތައް ކަނޑާފައި 1،000 ޑޮލަރު ލިބުނަސް އަޅުގަނޑުމެންނަށް. މިއޮތްހާ ޒަމާންވީއިރު ދައްކަމުން އައި ވާހަކައެއް ނިމުމަކަށް މި ގެނައީ މި ސަރުކާރުން. އިރާދަކުރެއްވިއްޔާ މިކަން ވާނީ އަންނަން އޮތް ޖީލުތަކަށް މީގެ މަންފާކުރާނެ ކަމަކަށް،" ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވިއެވެ.

ބަންކަރިންގެ ޚިދުމަތް ރަސްމީކޮށް ފެށުމަށް އިއްޔެ ހޯރަފުށީގައި ބޭއްވި ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު ސައީދު ވާހަކަދައްކަވަނީ -- ސަން ފޮޓޯ/ މޫސާ ނަދީމް

ރާއްޖޭގެ އުތުރުގައި ބަންކަރިންގެ ޚިދުމަތް ދިނުމުގައި އަމަލީ ގޮތުން ހަރަކާތްތެރިވާނީ އެސްޓީއޯއާއި އެމްޕީއެލް އިންނެވެ.

އޮފްޝޯ ޚިދުމަތެއްގެ ގޮތުގައި އިންޓަނޭޝަނަލް ބަންކަރިން ފެށިއިރު އެ ޚިދުމަތް ފޯރުކޮށްދިނުމަށް ފުރަތަމަ ބޭނުންކުރާނީ ދެ ބޯޓެކެވެ. އެެއީ 3،258 ޓަނުގެ އެމްޓީ މެރިން އޭންޖަލް އާއި 3،929 ޓަނުގެ އެމްޓީ މެރިން ބެލާއެވެ. މި ދެ ބޯޓަކީ މިފަދަ ޚިދުމަތް ފޯރުކޮށްދިނުމަށް ފަރުމާކޮށް ބަނދެފައިވާ، ސަލާމަތީ ގޮތުންނާއި ރައްކާތެރިކަމުގެ ގޮތުން ބައިނަލްއަޤްވާމީ މިންގަޑުތަކަށް ފުރިހަމައަށް ފެތޭކަމުގެ ސެޓްފިކެޓްތައް އެލް އާރް ކްލާހުންނާއި ފްލެގް ސްޓޭޓުން ދޫކޮށްފައިވާ ބޯޓުފަހަރެވެ.

މި ދެ ބޯޓަކީ އެސްޓީއޯ އާއި ވިޓޯލްއާ ގުޅިގެން ބަންކަރިން ޚިދުމަތަށް، ދެ އަހަރުތެރޭ އެއްކޮށް މިލްކުވާގޮތަށް ހޯދާފައިވާ ދެ ބޯޓެވެ.

ބަންކަރިންގެ ޚިދުމަތް ފަށާފައި ވަނީ ވަރަށް ބޮޑަށް އެ ޚިދުމަތަށް ތައްޔާރު ވުމަށްފަހުއެވެ. އެ ޚިދުމަތް ކުރިއަށް އޮތް ތަނުގައި ފުޅާކުރުމަކީ މި ސަރުކާރުން ގެންގުޅޭ އަމާޒެކެވެ.

އެ ޚިދުމަތާއެކު މުޅި ބޮޑުތިލަދުންމަތި ހެއްވާލައިފިއެވެ. ރައްޔިތުންގެ އުންމީދުތައް ބޮޑެވެ.

comment ކޮމެންޓް