އަބްދުއްރަޙީމާއި ރިޒާ ޖޭއެސްސީއަށް އައްޔަންކުރައްވައިފި

ޖޭއެސްސީގެ މެންބަރު ކަމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމާއި މެންބަރު ރިޒާ ހުވާކުރެއްވުމަށް ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތު -- ފޮޓޯ/ ރައީސް އޮފީސް

ޖުޑީޝަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީ)ގެ މެންބަރު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲއާއި މަޖިލީހުން ކަނޑައެޅި މެންބަރުގެ ހައިސިއްޔަތުން މާފުށި ދާއިރާގެ މެންބަރު ހުސައިން ރިޒާ އާދަމް މިއަދު ރައީސް އައްޔަންކުރައްވައިފިއެވެ.

ޖޭއެސްސީގެ އެކުލެވިގެންވާ ގޮތުން މަޖިލީހުގެ ރައީސާއި މަޖިލީހުން ކަނޑައަޅާ އިތުރު މެންބަރަކު އެ ކޮމިޝަންގައި ހިމެނެއެވެ. އެގޮތުން، 20 ވަނަ މަޖިލީހުން ޖޭއެސްސީ މެންބަރުކަމަށް ކަނޑައެޅުއްވީ މެންބަރު ރިޒާއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އަބްދުއްރަހީމާއި ރިޒާއަށް ޖޭއެސްސީ މެންބަރުކަމުގެ ހުވާ ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމެވެ. އަދި، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ދެ ބޭފުޅުން މަގާމަށް އައްޔަންކުރައްވައި، މަގާމުގެ ލިޔުން ހަވާލުކޮށްދެއްވައިފައެވެ.

ޖޭއެސްސީގެ މެންބަރު ކަމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމާއި މެންބަރު ރިޒާ ހުވާކުރެއްވުމަށް ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތު -- ފޮޓޯ/ ރައީސް އޮފީސް

އިއްޔެގެ ޖަލްސާގައި މެންބަރު ރިޒާ ޖޭއެސްސީއަށް އައްޔަންކުރަން އެ ވަގުތު ވޯޓުގައި ބައިވެރިވެވަޑައިގެން 83 މެންބަރުންގެ ވޯޓުން ވަނީ ފާސްކޮށްފައެވެ.

ރިޒާއަކީ ގާނޫނީ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. މީގެ ކުރިން އޭނާ ވަނީ ކްރިމިނަލް ކޯޓުގެ ރެޖިސްޓްރާގެ މަގާމު ވެސް ފުރުއްވާފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ރިޒާއަކީ މިދިޔަ ދައުރުގައި ކ. ގުރައިދޫ ދާއިރާގެ މެންބަރުކަން ކުރެއްވި އިބްރާހިމް ރިޒާގެ ބޭބޭފުޅެވެ. ކެންސަރުގެ އާލާސްކަންފުޅުގައި ހުސައިން ރިޒާގެ ބޭބެ އިބްރާހިމް ރިޒާ 2022 ގައި ވަނީ އަވަހާރަވެފައެވެ. އޭނާ ވެސް ވަނީ ޖޭއެސްސީގެ މެމްބަރުކަން މީގެ ކުރިން ކުރައްވައިފައެވެ.

މިދިޔަ 19 ވަނަ މަޖިލީހުގައި ޖޭއެސްސީއަށް ކަނޑައެޅީ އޭރުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިނެވެ. އޭނާ ވަނީ ޖޭއެސްސީގެ ރައީސްކަން ވެސް ކުރައްވައިފައެވެ.

މިހާރު ޖޭއެސްސީ އެކުލެވިގެންވާ ގޮތް:

  • ޖޭއެސްސީގެ ނައިބު ރައީސް މުހައްމަދު ނިޔާޒު - ހައިކޯޓުގެ ފަނޑިޔާރުންގެ ތެރެއިން އިންތިޚާބުކުރި ފަނޑިޔާރު
  • މަޖިލީހުގެ ރައީސް އަބްދުއްރަހީމް
  • މަޖިލީހުން ކަނޑައެޅި މެންބަރު ރިޒާ
  • ފަނޑިޔާރު ހުސްނުއްސުއޫދު - އުއްތަމަފަނޑިޔާރު ފިޔަވައި ސުޕްރީމް ކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުން އިންތިޚާބުކުރި ފަނޑިޔާރު
  • އަލީ ޝަރީފް - ދަށު ކޯޓުތަކުން އިންތިޚާބުކޮށްފައިވާ ފަނޑިޔާރު
  • މުހައްމަދު ނާސިހު - ސިވިލް ސާވިސް ކޮމިޝަންގެ ރައީސް
  • އަހްމަދު އުޝާމް - ބަންޑާރަނައިބު
  • މެންބަރު މުހައްމަދު ސަމީރު - ރައީސްގެ މެންބަރު
  • އަލީ އަބްދުއްލަތީފް - ގާނޫނީ ވަކީލުންގެ ތެރެއިން އިންތިޚާބުކުރި މެންބަރު
comment ކޮމެންޓް