ހުސްވެފައިވާ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ކަމުގެ މަގާމަށް އައްޔަންކުރަން ރައީސް ހުށަހަޅުއްވާފައިވާ، ރައީސް އޮފީހުގެ ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ލީގަލް އެފެއާޒް ޢައްބާސް ޝަރީފް، އެ މަގާމަށް އައްޔަނުކުރަން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.
މިދިޔަ ހޯމަ ދުވަހުގެ ރޭ ދައުރުން ބޭރުން އާ ޕީޖީއަކު އައްޔަންކުރަން ބޭއްވި ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޓީފުޅު އިއްވެވިއިރު، ރައީސް ހުށަހެޅުއްވާފައިވަނީ އައްބާސްގެ ނަންފުޅު އެކަންޏެވެ. އެ ރޭ ޖަލްސާގައި ވަނީ ދިރާސާކުރުމަށް ޖުޑީޝަރީ ކޮމިޓީއަށް އެ މައްސަލަ ފޮނުވާފައެވެ.
އެއާ އެކު މިއަދު ޖުޑިޝަރީ ކޮމިޓީއަށް އައްބާސް ހާޒިރުކޮށް މެންބަރުން ވަނީ އިންޓަވިއުކޮށްފައެވެ.
އިންޓަވިއުއަށް ފަހު، ކޮމިޓީ މެންބަރުންގެ އިއްތިފާގުން، އައްބާސް އެ މަގާމަށް އައްޔަނުކުރުމަށް ވަނީ ފާސްކޮށްފައެވެ.
މިއަދު ވެސް ދައުރުން ބޭރުން ޖަލްސާއެއް ބާއްވާފައިވާއިރު، މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ މާދަމާ ވެސް ދައުރުން ބޭރުން ޖަލްސާއެއް އޮންނާނެކަން އިއުލާނުކުރައްވާފައެވެ. ބެލެވޭގޮތުގައި މާދަމާގެ ޖަލްސާއަށް އެޖެންޑާކުރާނީ އައްބާސް ޕީޖީގެ މަގާމަށް އައްޔަނުކުރަން ރުހުން ދިނުމާއި، މިއަދު ކުންފުނީގެ ގާނޫނަށް ގެނައުމަށް ނިންމި އިސްލާހުތައް ފާސްކުރުމެވެ.
ޕީޖީގެ މަގާމު ހުސްވެފައިވަނީ ކުރިން އެ މާގާމުގައި ހުންނެވި ހުސެއިން ޝަމީމް އެ މަގާމުން ވަކިކުރުމާ ގުޅިގެންނެވެ.
ޝަމީމް ވަކިކުރަން މި މަހުގެ 22ވަނަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގައި ޖަލްސާއެއް ބޭއްވިއެވެ. މަޖިލީހުގައި ޖަލްސާ ފެށިތަނާހެން ޝަމީމް އިސްތިއުފާ ދެއްވި ނަމަވެސް އިސްތިއުފާގެ ސިޓީ ރައީސް އޮފީހަށް ނުލިބޭތީކަމަށް ބުނެ ވޯޓަށް އަހައި 65 ވޯޓުން ޝަމީމް އެ މަގާމުން ވަކިކުރަން ފާސްކުރިއެވެ.
ޝަމީމް ވަކިކުރުމާ އެކު 30 ދުވަސް ތެރޭ އާ ޕީޖީއަކު އައްޔަންކުރަން ޖެހޭނެއެވެ.
އައްބާސަކީ ޔުނިވާސިޓީ އޮފް ޓެސްމޭނިއާއިން ގާނޫނީ ދާއިރާގެ މަތީ ތައުލީމު ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އެއާއެކު 2011 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރާ ހަމައަށް ހައި ކޯޓުގެ ފަނޑިޔާރުކަން އަދާކުރެއްވިއެވެ. އައްބާސްވަނީ ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމާއި، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ވަކީލުކަން ވެސް ކުރައްވައިފައެވެ.