ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ކަމުގެ މަގާމަށް ކުރިމަތިލެއްވީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ނުވަތަ ސަރުކާރުގެ އެއްވެސް ބޭފުޅެއްގެ އެދިވަޑައިގަތުމަށް ނޫން ކަމަށާއި، މަގާމަށް އައްޔަންކުރައްވައިފިނަމަ މޫނަކަށް ބެލުމެއް ނެތި މައްސަލަތައް ބައްލަވާނެ ކަމަށް މަގާމަށް ކުރިމަތިލައްވާ ރައީސް އޮފީހުގެ ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ލީގަލް އެފެއާޒް ޢައްބާސް ޝަރީފް މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައި މިއަދު ވަނީ އައްބާސާ އިންޓަވިއުކުރުން ކުރިއަށް ގެންގޮސްފައެވެ. މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދިނުން މިއަދު އޮތްއިރު އެކި ދާއިރާތަކުން ވަނީ ސުވާލު އަމާޒުކޮށްފައެވެ.
ކޮމިޓީގައި ވާހަކަދައްކަވަމުން އައްބާސް ވިދާޅުވީ، ޕީޖީގެ މަގާމަށް ކުރިމަތިލެއްވީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ އެދިވަޑައިގަތުމަށް ނޫން ކަމަށެވެ.
އެގޮތުން، ޕީޖީކަމުގެ މަގާމު ހުސްވުމާ އެކު އެ ކަމަށް ޝައުގުވެރިވެވަޑައިގަތުމުން ކުށުގެ ރިކޯޑު ސާފުކުރަން ހުށަހެޅުއްވިކަމަށް ވިދާޅުވިއެވެ. އަދި، އެހާ ހިސާބުން ނޫސްތަކުން އެ ޚަބަރު ޖެހީ ކަމަށާއި، ކެބިނެޓް މިނިސްޓަރުންނަށް ވެސް އެ ކަން އެނގިވަޑައިގަތީ އެހާ ހިސާބުން ކަމަށް އައްބާސް ވިދާޅުވިއެވެ.
"ރައީސުލްޖުމްހޫރިއްޔާގެ ފަރާތުން ވެސް ނޫނިއްޔާ ސިޔާސީ ބޭފުޅެއްގެ ފަރާތުން ވެސް ކުރިމަތިލާކަށް ދަންނަވާކަށް ނެތް، ކުރިމަތިލުމާ ހަމައަށް ވެސް،" އައްބާސް ވިދާޅުވިއެވެ.

އައްބާސް، ޖުޑިޝަރީ ކޮމިޓީގައި: އޭނާ ވިދާޅުވީ ޒިންމާ އަދާކުރުމުގައި މޫނަށް ނުބަލާނެ ކަމަށް -- ސަން ފޮޓޯ/ އަމަން ލަތީފް
އޭގެ ކުރިން ސަރުކާރުގެ އެއްވެސް ބޭފުޅަކާ މަޝްވަރާނުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، އެއް މައްސަލައެއްގައި އެކި އަދަބު ލިބޭ މައްސަލައިގައި ސުވާލުކުރުމުން އައްބާސް ވިދާޅުވީ، ބައެއް މައްސަލަތަކުގެ ބާވަތުން, ވަކި ގާނޫނަކަށް ވަކި ގޮތަކަށް އިސްކަންދީގެން ކުރިއަށް ދެވިފައި ހުންނަކަން ފާހަގަވާ ކަމަށެވެ. އެގޮތުން، ވަކި ކުށަކަށް އަދަބު ލުއިކުރަން ބޭނުންނަމަ ކުރިއަށްދަނީ ވަކި ނިޒާމަކުން ކަމަށް އައްބާސް ވިދާޅުވިއެވެ.
އެއް ބާވަތުގެ ކުށްތަކުގައި އަދަބު ކަނޑައެޅުމާއި، އެ ނޫންކަމުގައި ވެސް ހަމަހަމަކަން ނެތް ތަން އާންމުންނަށް ފެންނަނީ އެހެންވެ ކަމަށް އައްބާސް ވިދާޅުވިއެވެ. އެ ކަން ހައްލުކުރުމަށްޓަކައި ޚާއްސަ ގާނޫނުތަކުގައި ހުރި ކަންކަން އާންމު ގާނޫނުތަކަށް ވައްދައި، ޚާއްސަ ގާނޫނުތައް އުވައިލަން ޖެހޭކަމަށް ވެސް ވިދާޅުވިއެވެ.
"..އުވައިލެވިގެން އާންމު ގާނޫނުގެ ތެރެއިން އެއް އުސޫލަކުން އެއް މިންގަނޑަކުން ދައުވާ ކުރެވޭނެ ގާނޫނީ ނިޒާމަށް ޖެހޭ އެ ބަދަލު އަންނަން،" އައްބާސް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އޭނާ ޕީޖީކަމަށް އައްޔަންވެއްޖެނަމަ އެ ފަދަ ކަންކަމަށް ޚާއްސަ އުސޫލުތައް ލިޔެ، އާންމުކޮށް ތަންފީޒުކުރައްވާނެ ކަމަށެވެ. އަދި، ހާމަކަން ބޮޑުކޮށް، އެއްވެސް މީހެއްގެ "މޫނަށް ނުބަލާނެ" ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑު ޕާސަނަލީ އަރުވާނެ ޔަގީންކަމަކީ، އެއްވެސް މީހެއްގެ މޫނަކަށް އަޅުގަނޑު ނުބަލާނަމޭ. ހުށަހެޅިފައި އޮންނަ މައްސަލައަށް ބަލައިގެން ނޫނީ އަޅުގަނޑުގެ ޑިސިޝަންތަކެއް ނުނަގާނަމޭ،" އޭނާ ވިދާޅުވިއެވެ.
އައްބާސް ވިދާޅުވީ، ޕީޖީކަމަށް ކުރިމަތިލެއްވީ ފަސް އަހަރުގެ ދައުރެއް ފުރިހަމަކުރެއްވުމުގެ ނިޔަތުގައި ކަމަށެވެ. އަދި، މަސައްކަތްކުރައްވާނީ ނަޒާހަތްތެރިކަމާ އެކު ކަމަށް ވިދާޅުވިއެވެ.
އައްބާސަކީ ޔުނިވާސިޓީ އޮފް ޓެސްމޭނިއާއިން ގާނޫނީ ދާއިރާގެ މަތީ ތައުލީމު ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. މީގެ ކުރިން 2011 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރާ ހަމައަށް އޭނާ ހައި ކޯޓުގެ ފަނޑިޔާރުކަން އަދައިކުރެއްވިއެވެ. އައްބާސްވަނީ ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމާއި، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ގާނޫނީ ވަކީލުކަން ވެސް ކުރައްވައިފައެވެ.
comment ބެއްޔާ
7 month 3 day ago
މޫނަކަށް ނުބަލާނެ ބަލާނީ ދޭލާރިއަށް
comment ވޯޓްބެ
7 month 3 day ago
ތިޔަ ކާޑް ހިތުގަ ބާއްވާގެން ޢަމަލީގޮތުން ދައްކަމުންދިޔަނަމަ ގަބޫލުކުރެވުނީސް. ތިއީ ވަރަށް އާއްމު ކާޑެއް. ތިޔަ ކާޑު (އަމަލަށްވުރެ ބަސްގިނަވުން) ދޭހަކޮށްދެނީ މިހާރުވެސް ފެއިލްވެއްޖެކަމަށް. ޑރ މުއިއްޒުވެސް ވިދާޅުވީ ކަނދުރާއަށް ނުބަލާނެކަމަށް. އެމަނިކުފާނު ފެއިލްވެއްޖެ މާބޮޑަށްވެސް. 8 މަސް ދުވަސް ވަންދެން ގޭގަ ބަހައްޓާފަ 3 ނައިބުންނަށް މުސާރަ ދިން. އެވެސް ގައުމުގެ އަގު ވައްޓާލި ބަޔަކަށްވީމަ. ފެއިލް މީންސް ފެއިލް.
comment ޤާދިރު
7 month 3 day ago
މޫނާއި ކަނދުރާ އޮންނަނީ އޮންނަ ތަނެއްގައި. ކަންކުރަނީ ވެރިޔާ ރުހޭގޮތަށް. މޮޅު ބަސް ބުނާނެކަމެއްމެތް.
comment މުޖާހިދުﷲ
7 month 3 day ago
އައްބާސްއަކީ ހަމަ ލާރި އެޅިކޮޅަކަށް ޖެހޭނެ ކަން ވަރަށް ސާފުކޮށް އެނގެން އޮތް ހަގީގަތެއް. އެހެންވީމާ، މޫނަކަށް ބަލާކަށް ނުޖެހޭނެ ދެއްތޯ؟ ޕުކެޓްގައި ހިނގި މަޝްވަރާތައް އެއީ ވަރަށް މަޘްހޫރު ވާހަކައެއް. އެވާހަކަތައް އަދި ތިލަވާނެ. އެކަމަކު، އައްބާސް އަށް ﷲ ތިހުރީ ދެވަނަ ފަހަރަށް ދުނިޔޭގައި އުޅުމުގެ ފުރުޞަތު ދެއްވާފަ. އެކަން އަބަދުވެސް ހަނދާން ކުރާތި!
comment ވާލުސޮރު
7 month 3 day ago
އައްބާސް އަކީ އަބަދުވެސް މޫނާ ކަދުރާއަށް ބައްލަވާ ބޭފުޅެއްކަން މީގެކުރިން ހައިކޯޓުން އެމަނިކުފާނު ބެއްޗުގައި އިނދެގެން ނިންމި ނިއްމުންތަކުން ސާބިވާނެއެވެ. ގިނަފަހަރަށް އެމަނިކުފާނަށް ބެލިފައިވަނީ ކުރިމަތީ އޮންނަ މައްސަލައަށްވުރެ މީހައަށެވެ. އެކަން އަޅުގަނޑު ތަޖުރިބާ ކުރީމެވެ.