ބިމާ ބެހޭ ބިލު ތަސްދީގުނުކުރީ 3 މަސް ތެރޭ ގޯތި ދޭން ލާޒިމުކުރި ނަމަވެސް އެ ކަން ވާން ނެތުމުން: ސަރުކާރު

އަހްމަދު ސިއްދީގު ވާހަކަދައްކަވަނީ --- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

ސަރުކާރުން ރައްޔިތުންނަށް ދޭންޖެހޭ ގޯތިތައް ވަކި މުއްދަތެއްގެ ތެރޭ އަަވަހަށް ދޫކުރަން ލާޒިމުވާ ގޮތަށް ބިމާބެހޭ ޤާނޫނަށް ގެނައި ނުވަވަނަ އިޞްލާޙުގައި ތިން މަސް ތެރޭ ގޯތި ދޭން ލާޒިމުކުރި ނަމަވެސް ހާލަތު އޮތީ އެކަން ތަންފީޒުވާ ގޮތަކަށްނޫން ކަމަށް ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި ގާނޫނީ ވަކީލު އަހުމަދު ސިއްދީގު މިރޭ ވިދާޅުވެއްޖެއެވެ.

ސަރުކާރުން ރައްޔިތުންނަށް ދޭންޖެހޭ ގޯތިތައް ވަކި މުއްދަތެއްގެ ތެރޭ ދޫކުރަން ލާޒިމުވާ ގޮތަށް ޤާނޫނަށް އިޞްލާޙު ގެނެސް އެ ބިލް ތަސްދީގު ކުރަން ފޮނުވީ މިދިޔަ މަހު 29 ވަނަ ދުވަހުގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައެވެ. ނަމަވެސް އަލުން ވިސްނުމަށް އެދިވަޑައިގެން ރައީސް ވަނީ އެބިލް އަނބުރާ މަޖިލީހަށް ފޮނުވާލާފައެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި މިކަމާ ގުޅިގެން ވާހަކަ ދައްކަވަމުން ސިއްދީގު ވިދާޅުވީ، މި ބިލް ރައްޔިތުންގެ މަޖިލީހަށް އަނބުރާ ފޮނުވާލީ ރައްޔިތުންގެ ހައްގު ގެއްލޭ ގޮތަށް އޮތުމުން ކަމަށެވެ. އަދި މި އިސްލާހު ގެނެސްފައި ވަނީ ވެސް މި ބިލުގެ މަޤްސަދާ މެދު ވަރަށް ބޮޑަށް ސުވާލު އުފެދޭ ގޮތަށް ކަމަށް އޭނާ ވިދާޅުވިއެވެ.

އެގޮތުން ބިލުގެ ފުރަތަމަ މާއްދާގައި ވަނީ ގޯތި ލިބޭ ފަރާތްތައް ކަނޑައަޅައި، އެގޯތި ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓު ގެޒެޓުގައި ޝާއިއުކުރުމަށް ފަހު ހަ މަސް ދުވަސްތެރޭ އެ ގޯތިތައް ހަވާލު ކުރަން ވާނެ ކަމަށެވެ.

ދެވަނަ މާއްދާގައި ވަނީ، ދާއިމީ ލިސްޓު ގެޒެޓުކޮށް ޝާއިއުކުރުމަށް ފަހު، ހަވާލުކޮށްފައި ނުވާ ގޯތިތައް، ބިލު ފާސްވެ ގާނޫނަކަށް ވުމަށް ފަހު އަމަލު ކުރަން ފަށާ ތާރީޚުން ފެށިގެން ތިން މަސްތެރޭ ހަވާލުކުރަން ވާނޭކަމަށެވެ.

ސިއްދީގު ވިދާޅުވީ، ކުރީ ސަރުކާރުން ގޯތި ދީފައި ވަނީ ކަނޑުތަކުންނާއި ފަޅުތަކުން ކަމަށެވެ.

"ޑރ. މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމުގެ ކުރީގައި ވެސް އަދި އިންތިޚާބުގެ ދުވަސްވަރު ވެސް ވައުދުވެ ވަޑައިގަންނަވަމުން ދިޔަ ކަމެއް، ދީފަ ހުރި އެއްޗެއް އަނބުރާ އަތު ނުލައްވާނެ ވާހަކަ. އަދި އެ ބޭފުޅުން ވުޖޫދުގައި ނެތް ތާކުން ގޯތި ދީފައި ހުރި ކަމުގައިވީ ނަމަވެސް، އިރާދަ ކުރެއްވިއްޔާމުން އެ ހަގީގީ އެއްޗަކަށް ބަދަލު ކުރައްވާނެ،" އޭނާ ވިދާޅުވިއެވެ.

ސަރުކާރުން ބިންތައް ހިއްކަން މަސައްކަތް ކުރާ މި ދަނޑިވަޅުގައި، ތިން މަސްދުވަސްތެރޭ ގޯތި ދޫކުރަން ލާޒިމް ކުރާ ބިލެއް ތަންފީޒު ކުރުމަކީ ކުޅަދާނަ ކަމެއް ނޫންކަމަށް ސިއްދީގު ވިދާޅުވިއެވެ.

މިއަދު އެ ބިލް ރައީސް ތަސްދީގު ކުރެއްވިނަމަ، މިއަދުން ފެށިގެން ތިން މަސްތެރޭ ކޮންމެ ތަނަކުން ނަމަވެސް ގޯތި ދޭން ލާޒިމްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މިއީ ސަރުކާރަށް ނުކަތާ ވަރު ކަންކަން ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ، މަޖިލީހުން ގާނޫނު ފަރުމާ ކުރަން ޖެހޭނީ އެންމެންނަށް މަންފާ ކުރާ ގޮތަށް ކަމަށެވެ.

ނަމަވެސް، މި ބިލުން ދޭހަކޮށްދެނީ އެމްޑީޕީގެ ސަރުކާރުން ކޮށްފައިވާ ގަވައިދާ ޚިލާފު ކަންކަން ތަންފީޒުކޮށް ގާނޫނީ ގޮތުން ކުރުން ލާޒިމް ކަމަކަށް ހެދުން ކަމަށް އޭނާ ވިދާޅުވިއެވެ.

މިދިޔަ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ވަނީ ގިރަވަރު ފަޅާއި ގުޅީފަޅުން ވެސް މާލޭ ރައްޔިތުންނަށް ގޯތި ދޫކޮށްފައެވެ.

comment ކޮމެންޓް