ޖުމްހޫރިއްޔަތާއި ޑިމޮކްރަސީގެ މާނައަކީ ކޮންމެފަހަރަކު ވެރިކަން ބަދަލުކުރުންތަ؟

ރިޔާސީ އިންތިޚާބު 2023ގެ ފުރަތަމަ ބުރުގައި ވޯޓުލުން -- ސަން ފޮޓޯ

ދިވެހިރާއްޖެވެސް ހިމެނޭހެން ދުނިޔޭގައި މިވަގުތުއޮތީ މިނިވަން މުސްތަގިއްލު 193 ގައުމެވެ. އެއީ އދ. ގެ މެންބަރު ގައުމުތަކުގެ އަދަދެވެ. ފުރިހަމަ މެންބަރަކަށްނުވެ އދ.ގެ އޮބްޒާރވަރ ސްޓޭޓަސް ލިބިފައިވާ ދެ ގައުމެއްވެސް އޮވެއެވެ. އެހެންވީމާ ޖުމްލަ އަދަދަކީ 195 ކަމަށް ބަލަމާބަހީއެވެ. މިދެންނެވި އަދަދުގެ ތެރެއިން 159 ގައުމެއްގައި އޮންނަނީ ޖުމްހޫރީ ނިޒާމެކެވެ. ދިވެހިރާއްޖެވެސް ހިމެނޭގޮތުންނެވެ. އެހެންވީމާ ދުނިޔޭގެ ކޮންމެ ހަތަރު ގައުމެއްގެ ތެރެއިން ތިން ގައުމަކީ ޖުމްހޫރިއްޔަތެކޭ ބުނެވިދާނެއެވެ. އަދަދުތަކަށް ބެލީމައެވެ.

ޖުމްހޫރިއްޔަތަކީ ނުވަތަ ޖުމްހޫރީ ވެރިކަމަކީ ކޮބައިބާވައެވެ. އެއީ ރައްޔިތުން އިންތިޚާބުކޮށްގެން ރައްޔިތުންނަށްޓަކައި ރައްޔިތުން އެދޭގޮތަށް ހިންގާ ވެރިކަމެވެ. ސަރުކާރެވެ. ދިވެހިރާއްޖޭގެ ހަފޮޅުން އެތެރެއަށް މިދެންނެވި ޖުމްހޫރީ މަންޒަރު އެންމެ ފުރަތަމަ އެތެރެވީ 1953 ގައެވެ. އޭގެފަހުން މިހާރު 71 އަހަރުވީއެވެ.

ޖުމްހޫރިއްޔަތަކީ ރައްޔިތުން އެދޭގޮތަށް ރައްޔިތުންނަށްޓަކައި ރައްޔިތުން އިންތިޚާބުކުރާ ބަޔަކު ސަރުކާރު ހިންގުންކަމަށް ވަންޏާ މި ރާއްޖޭގެ ޑިމޮކްރަސީއަށްވެސް މިހާރު އޮންނަންޖެހޭނީ 71 އަހަރު ފުރިފައެވެ. އެތައް ސަތޭކަ އަހަރަކަށް ދެމިގެންއައި ޒަމާންވީ ރަސްކަން ބަދަލުކޮށް ޖުމްހޫރިއްޔަތަކަށް އެނބުރުނުތާ އެހާދުވަސްވީމައެވެ. އެހެންނަމަވެސް ޑިމޮކްރަސީއަށް ދިވެހިން އެނބުރުނުތާ އަދި އެހާދުވަހެެއް ނުވެއެވެ. ޑިމޮކްރަސީއެއްގެ އެންމެ އަސާސީ ސިފަޔަކީ މިނިވަން އިންސާފުވެރި އިންތިޚާބު ބޭއްވުން ކަމަށްވާއިރު އެޒާތުގެ އިންތިޚާބު ބާއްވާތާ އަދި މިވީ އެންމެ ސޯޅަ އަހަރެވެ. ދިވެހިންގެ ޖުމްހޫރީ ވެރިކަމަށް ފާއިތުވެގެންދިޔަ 71 އަހަރުގެ ތެރެއިން 55 އަހަރަކީ ޑިމޮކްރަޓިކް ނޫން އަހަރުތަކެކެވެ. އެ މުއްދަތުގެ ތެރޭގައި ބޭއްވިފައިވަނީވެސް މިނިވަން އިންސާފުވެރި އިންތިޚާބުތަކެއް ނޫނެވެ. މުހައްމަދު އަމީނާއި އިބްރާހިމް ނާސިރާއި މައުމޫން އަބްދުލްގައްޔޫމު ވެރިކަން ކުރެއްވީ މިދެންނެވި ދައުރުގައެވެ. ޑިމޮކްރަޓިކް ނޫން ދައުރުގައެވެ.

މުހައްމަދު އަމީނުގެ ވެރިކަން އެންމެ އަހަރެއްގެ ތެރޭގައި ބަޔަކު އިންގިލާބުކުރީއެވެ. ނާސިރުގެ ވެރިކަން އެމަނިކުފާނު އަމިއްލަފުޅަށް ދޫކޮށްލައްވަންދެން ދެމިގެންދިޔައެވެ. މައުމޫނުގެ ވެރިކަންވެސް އައު ގާނޫނުއަސާސީގެ ދަށުން 2008 ވަނަ އަހަރު މިނިވަން އިންސާފުވެރި އިންތިޚާބެއް ބާއްވަންދެން ދެމިގެންއައެވެ. ޖުމްހޫރިއްޔަތުގެ ކަމާއި ނަމާއި އެއްގޮތްވާގޮތުގެ މަތިން އިންތިޚާބު ބާއްވާތާ ސޯޅަ އަހަރު ފާއިތުވެގެންދިޔައިރު އެއްވެސް ޚިލާފެއްނެތި އެއްކަމެއް ތަކުރާރުވާތީ އެބަފެނެއެވެ. ކޮންމެފަހަރަކުވެސް ރައްޔިތުން ވޯޓުދެނީ ބަދަލަކަށެވެ. އެކަކަށް ވިދިވިދިގެން ދެ ދައުރަކަށް ފުރުސަތެއް ނުދެއެވެ. މީގެ މާނައަކީ ކޮބައިބާވައެވެ. މިއިން ލިބިގަންނަންވީ ފިލާވަޅަކީ ކޮބައިބާވައެވެ. ކަންހިނގާ މަގުބަލައި އެކަން އެގޮތަށް ހިނގާ ސަބަބު ދެނެގަތުމަކީވެސް ކުރާންޖެހޭނެ ކަމެކެވެ. ކޮށްދިން ކަންތަކާއި ކޮށްދޭން ޚިޔާލުކުރާ އަދި ކުރިއަށް ރޭވިފައިހުރި ކަންކަމުގެ ވާހަކަ ހަމަ ކޮންމެ ބަޔަކުވެސް ދައްކައެވެ.

އެކަމަށްޓަކައި މިލިޔަނުން މިލިޔަނުން ޚަރަދުވެސް ކުރެއެވެ. އެކަމަކު ރައްޔިތުން ކޮންމެ ފަހަރަކުވެސް ބުނަނީ ދެން ހެވޭއެވެ. ފުދިއްޖެއެވެ. ވޯޓުދެނީ ބަދަލަކަށެވެ. މިކަން މިމަގުން ވިދިވިދިގެން ހަތަރު ފަހަރު ތަކުރާރުވެއްޖެއެވެ. ޖުމްހޫރިއްޔަތުގެ މާނައަކީ ނުވަތަ ޑިމޮކްރަސީގެ މާނައަކީ އަބަދުވެސް ބަދަލުކުރުން ކަމަށް ގިނަބަޔަކު ހީކުރަނީ ބާވައެވެ. ވެދާނެއެވެ. އެކަމަކު އަޅުގަނޑު ގަބޫލުކުރާގޮތުގައި މައިގަނޑު ސަބަބަކީ ވެރިކަން ހިންގަންވާގޮތަށް އެކަން ނުކުރެވުމެވެ. ކުރެވޭނަމަ ދެވަނަ ފުރުސަތުވެސް ލިބޭނެއެވެ. ދޭނެއެވެ. މި ރާއްޖޭގެ ޑިމޮކްރަޓިކް ހަޔާތުގައި ފުރަތަމަ ފަހަރަށް ރިޔާސީ އިންތިޚާބެއްގައި ވެރިކަން ދިފާއުކުރާ ބަޔަކު ވާނީ ފާއިތުވިތަނުން ފިލާވަޅު ލިބިގަނެ ޖުމްހޫރިއްޔަތެއްގައި ކަންކަން ކުރާންވީ މަގުން ކަސިޔާރުނުވެ ސީދާ ރާސްތާގައި ކުރިއަށްދިއުމުގެ ވިސްނުން ހުރި ބަޔަކަށެވެ. އަދި ނޭނގެނީ އެއީ ކޮންބައެއްކަމެވެ. ކޮންމެވެސް ބަޔަކު އެކަންވެސް ކުރާނެއެވެ.

އެބަޔަކީ މިހާރު މިއޮތް ޑރ. މުއިއްޒުގެ ސަރުކާރުކަމަށްވެސް ވެދާނެއެވެ. ޖުމްހޫރިއްޔަތެކޭ ޖަމާހިރިއްޔާއެކޭ ޑިމޮކްރަސީއެކޭ ދިމިގުރާތީއެކޭ ކިޔަސް ނަމަކުން ވާކަމެއް ނޯވެއެވެ. ކަންކަންވަނީ އަމަލުންނެވެ. ކޮންމެބަޔަކުވެސް ލިބިގަންނަންވީ ފިލާވަޅަކީ އެއީއެވެ. ދުނިޔޭގެ ހަތަރު ބިތަށް ދުރުމިއަޅައިލީމާ އެކި ތަންތަނުން އެކި މިސާލުތައް އެހެރީ ފެންނާށެވެ. ޖުމްހޫރީ ވެރިކަން ހިނގާ ގައުމުތައް މައިގަނޑު ގޮތެއްގައި ބެހިގެންވަނީ ތިން ބަޔަކަށެވެ. ނުވަތަ ގިންތިއަކަށެވެ. ފުރަތަމަ ބަޔަކީ ފުރިހަމަ ރިޔާސީ ނިޒާމެއް އޮންނަ ޑިމޮކްރަޓިކް ގައުމުތަކެވެ. ދިވެހިރާއްޖެ ވެސް ހިމެނެނީ މިބައިގައެވެ. ބްރެޒިލް، އިންޑޮނީޝިއާ، ފިލިޕީންސް، ސީޝެލްސް، ތުރުކީ އަދި މެކްސިކޯފަދަ ގައުމުތަކެވެ. ދެވަނަ ބަޔަކީ ސެމީ ރިޔާސީ ނިޒާމުގެ ގައުމުތަކެވެ. ނަމުން ރިޔާސީ ނިޒާމެކެވެ. އެކަމަކު ކަމުން ބަރުލަމާނީގެ ސިފަތައްވެސް ފާޅުވާ ނިޒާމެކެވެ. ފްރާންސް، ސްރީލަންކާ، ރަޝިޔާ، އަލްޖީރިއާ، މަޑަގަސްކަރަ، މިސްރު އަދި ޕޮލެންޑް ހިމެނެނީ މި ގިންތީގައެވެ.

މި ގިންތީގެ ގައުމުތަކުގެ ތެރޭގައިވެސް ޑިމޮކްރަސީގެ ބާރުގަދަ ގައުމުތަކާއި ޑިމޮކްރަސީގެ ބާރުދެރަ ގައުމުތައް ހިމެނެއެވެ. އެއް ނިޒާމެއް އޮތަސް ކޮންމެ ދެ ގައުމެއްގައި ކަންކުރާގޮތް ހިސާބަކަށް ތަފާތުވެއެވެ. އަނެއްބަޔަކީ ނަމުން ޖުމްހޫރީ އަދި ރިޔާސީ ވިޔަސް ކަމުން ޚުދުމުޚުތާރު ވެރިކަމެވެ. މީގެ މިސާލުތައް ނެގޭނީ ބޮޑަށް ކޮމިއުނިސްޓް ގައުމުތަކުންނެވެ. މިޒާތުގެ އެންމެ ފުރިހަމަ މިސާލަކީ އުތުރު ކޮރެޔާއެވެ. ރަސްމީ ނަމަކީވެސް ޑިމޮކްރަޓިކް ޕީޕަލްސް ރިޕަބްލިކް އޮފް ކޮރެޔާއެވެ. އެކަމަކު ކަމުން ޑިމޮކްރަޓިކް ސިފައެއް، އަދި ޖުމްހޫރިއްޔަތުގެ އެންމެ އަސާސީ ސިފައެއްވެސް ނުފެނެއެވެ. ޗައިނާ އާއި ކިއުބާ ކަހަލަ ގައުމުތައްވެސް ބައެއް މީހުން މި ގިންތިއަށްލުން އެކަށީގެންވެއެވެ. ޖުމްހޫރިއްޔަތެއް ނޫން ކޮންމެ ގައުމެއްގައި އޮންނަނީ ޒާތެއްގެ ރަސްކަމެކެވެ. އެކަހަލަ ގައުމުތައްވެސް ބެހިގެންވަނީ ދެބަޔަކަށެވެ. އެއްބަޔަކީ ޑިމޮކްރަޓިކް ގައުމުތަކެވެ.

ޑިމޮކްރަޓިކް ގައުމުތަކަކީ އިންތިޚާބު ބާއްވައިގެން ރައްޔިތުން ހޮވާ ބަޔަކު ވެރިކަންކުރާ ގައުމުތަކެވެ. ރަސްކަމުގެ ގަނޑުވަރުން ވެރިކަމާއި ނުބެހޭ ގައުމުތަކެވެ. އިނގިރޭސިވިލާތާއި ޖަޕާނާއި ނޯވޭއާއި މެލޭޝިޔާ އާއި ތައިލެންޑު ފަދަ ގައުމުތައް ހިމެނެނީ މިބައިގައެވެ. އަނެއްބަޔަކީ ހަމަސީދާ ޚުދުމުޚުތާރު ރަސްކަން ހިނގާ ގައުމުތަކެވެ. ހުރިހާ ބާރުތަކެއް ވިރާސީ ރަސްކަލެއްގެ އަތްމަތީގައި ނުވަތަ އެ ރަސްކަލަކު އައްޔަންކުރާ ބައެއްގެ އަތްމަތީގައި އޮންނަ ގައުމުތަކެވެ. ހުޅަނގު އޭޝިއާގެ އަރަބި ގިނަ ގައުމުތައް ހިމެނެނީ ކުރިން މިދެންނެވި ބައިގައެވެ. ސައޫދީއަރަބިޔާއާއި ގަތަރެވެ. ކުވޭތާއި ބަހުރައިންއެވެ. އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސް އާއި އޮމާނެވެ. އެފްރިކާގެ ހުޅަނގު އުތުރުބިތުން މޮރޮކޯވެސް މި ގިންތިއަށް ލެވިދާނެއެވެ. ރަސްކަން ހިނގާ ގިނަ ގައުމުތަކުގެ ވެރިކަން ހިންގުމުގެ ނިޒާމުގައި ބޮޑަށް ޖައްސާފައި އޮންނަނީ ބަރުލަމާނީ ސިފައެވެ. އެކުލައެވެ. ޑިމޮކްރަޓިކް ގައުމުތަކާއި އެނޫން ގައުމުތަކުގައިވެސްމެއެވެ.

comment ކޮމެންޓް