ރައްޔިތުންގެ މަޖިލީހުން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް މާފުށި ދާއިރާގެ މެންބަރު ހުސެއިން ރިޒާ އާދަމް ކަނޑައަޅަން މިއަދު ނިންމައިފިއެވެ.
ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ޖަލްސާގައި މަޖިލީހުގެ ރައީސްގެ މޭޒުން ހުށަހަޅާ ކަމެއްގެ ގޮތުގައި މިއަދު އޮތީ ޖޭއެސްސީއަށް މަޖިލީހުން މެންބަރަކު ކަނޑައެޅުން އެޖެންޑާކޮށްފައެވެ.
އެ އެޖެންޑާގެ ދަށުން ނަން ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރިކު ވަނީ މާފުށި ދާއިރާގެ މެންބަރު ހުސެއިން ރިޒާ އާދަމްގެ ނަން ހުށަހަޅުއްވާފައެވެ. އެ ހުށަހެޅުމަށް މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު ވަނީ ތާއީދުކުރައްވާފައެވެ.
މަޖިލީހުން ޖޭއެސްސީގެ މެންބަރުކަމަށް ނަން ހުށަހެޅުމަށް ދިން 15 މިނެޓުގެ ފުރުސަތުގައި ހުށަހަޅާފައިވަނީ މެންބަރު ރިޒާގެ ނަން އެކަންޏެވެ.
އެހެންވެ، އޭނާ ޖޭއެސްސީއަށް އައްޔަންކުރަން ފެންނަ ކަމަށް މަޖިލީހުގެ ތަޅުމުގައި ނެގި ވޯޓުގައި ބައިވެރިވެވަޑައިގެން 83 މެންބަރުންގެ ތާއީދާ އެކު ވަނީ ފާސްކޮށްފައެވެ.
ރިޒާއަކީ ގާނޫނީ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. މީގެ ކުރިން އޭނާ ވަނީ ކްރިމިނަލް ކޯޓުގެ ރެޖިސްޓްރާގެ މަގާމު ވެސް ފުރުއްވާފައެވެ.
ޖޭއެސްސީއަށް ރައްޔިތުންގެ މަޖިލީހުން މެންބަރަކު ކަނޑައެޅުމުން އެ މަގާމަށް އެ މެންބަރަކު އައްޔަނުކުރައްވާނީ ރައީސުލްޖުމްޙޫރިއްޔާއެވެ. މަޖިލީހުން ކަނޑައަޅާ މެންބަރެއްގެ އިތުރުން ދެން ޖޭއެސްސީގައި ހިމެނިވަޑައިގަންނަވާނީ މަޖިލީހުގެ ރައީސެވެ.
ނިމިދިޔަ 19 ވަނަ ރައްޔިތުންގެ މަޖިލީހުން ޖޭއެސްސީގެ މެންބަރުކަން ކުރައްވާފައި ވަނީ ތުޅާދޫ ދާއިރާގެ ކުރީގެ މެންބަރު ހިސާން ހުސައިނެވެ.