ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އެ މަގާމަށް ހޮވިއިރު ގަސްތުގައި އެއްވެސް ވޯޓެއް ބާތިލު ނުކުރާ ކަމަށާއި، މަޖިލީހުގެ މެޖޯރިޓީ ޕާޓީ ޕީއެންސީ ތެރޭ އެއްވެސް ހިތްހަމަނުޖެހުމެއް ނެތް ކަމަށް އެ ޕާޓީން މިއަދު ބުނެފިއެވެ.
ރޭ މަޖިލީހުގެ މައިނޯރިޓީ ޕާޓީ އަދި ސަރުކާރާ އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީން ވަނީ އަބްދުއްރަހީމާއި މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެންބަރު ނާޒިމަށް ލިބިވަޑައިގެންނެވި ވޯޓުގައި އެހާބޮޑު ފަރަގެއް އޮތުމުން އެ ކަމަށް ފާޑު ކިޔައިފައެވެ.
މަޖިލީހުގެ ރައީސް ހޮވުމަށް ނެގި ވޯޓުގައި އަބްދުއްރަހީމަށް 71 ވޯޓު ލިބިވަޑައިގެންނެވިއިރު އޭނާއާ ވާދަކުރެއްވި، އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ނާޒިލަށް ލިބިވަޑައިގަތީ 14 ވޯޓެވެ. ހަތް ވޯޓު ބާތިލުވިއެވެ.
ނައިބު ރައީސް ހޮވުމަށް ނެގި ވޯޓުގައި ނާޒިމަށް 80 ވޯޓު ލިބިވަޑައިގަތެވެ.
އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު، އައްޑޫސިޓީ މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ ރޭ ވިދާޅުވީ، ވަކި މީހަކު ބުނެގެން މީހަކު އައްޔަނުކުރަން ޖެހުމުން ޕާޓީތެރޭ ނުތަނަވަސްކަމެއް އޮތް ކަމަށް ބެލެވޭ ކަމަށެވެ.
އެގޮތުން ބާތިލު ވޯޓު ދީފައިވަނީ، މީހަކު ބުނި ބުނުމަށް ވޯޓު ލައިގެން މީހަކު އައްޔަނުކުރަން ޖެހޭތީ ކަމަށާއި އެހެން ނޫންނަމަ މަޖިލީހުގެ ރައީސް އަދި ނައިބު ރައީސް ހޮވުމަށް ވޯޓުލީ އިރު އެހާ ބޮޑު ފަރަގެއް އޮންނަންވީ ސަބަބެއް ނެތް ކަމަށް ދީދީ ވިދާޅުވިއެވެ.
އެކަމާ ގުޅުވައި "ސަން"އާ ވާހަކަދައްކަވަމުން ޕީއެންސީގެ ޕީޖީ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު މިއަދު ވިދާޅުވީ، ޕާޓީ ތެރޭގައި އެއްވެސް ދެބަސްވުމެއް ނުވަތަ ހަމަނުޖެހުމެއް ނޫޅޭ ކަމަށެވެ.
ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުއްﷲ (އަދުރޭ) އެ މަގާމަށް ހޮވުމަށް ނެގި ވޯޓުގެ ތެރެއިން -- ފޮޓޯ/ މަޖިލިސް
އަދި މަޖިލީހުގެ ރައީސް ހޮވުމަށް ނެގި ވޯޓުގައި އެއްވެސް މެންބަރަކު ގަސްތުގައި ވޯޓު ބާތިލުކޮށްފައި ނުވާ ކަމަށް ފަލާހު ވިދާޅުވިއެވެ.
މަޖިލިސް ރައީސް ކަމަށް އަބްދުއްރަހީމް އަދި ނައިބަކަށް ނާޒިމްގެ ނަން ހުށަހެޅުއްވީ ޕީއެންސީގެ ރައީސް، ރައީސް ޑރ. މުޙައްމަދު މުއިއްޒެވެ.
މެންބަރު ދީދީ ވިދާޅުވީ، ޑިމޮކްރަސީގައި އަމަލުކުރާ ގޮތުން ނަމަ އެފަދަ މަގާމަކަށް ބޭފުޅަކު އައްޔަނުކުރުމަށް ނަން ހުށަހަޅާނީ ޕާޓީ ތެރޭ ނަގާ ވޯޓަކުންނެވެ. ނަމަވެސް ރައީސް މުއިއްޒު ވިދާޅުވީތީ ވޯޓު ލާން ޖެހުމުން ބައެއް މެންބަރުން ވޯޓު ބާތިލުކުރީ ގަސްތުގައި އެކަމާ ހިތްހަމަނުޖެހި ކަމަށް ވިދާޅުވިއެވެ.
އެކަމަށް ރައްދު ދެއްވައި ފަލާހު ވިދާޅުވީ، ޕީއެންސީން މަޖިލީހުގެ ރައީސް ކަމަށާއި ނައިބު ރައީސް ކަމުގެ އިތުރުން ޕާޓީގެ ޕީޖީ ލީޑަރާއި ނައިބު ލީޑަރުން ވެސް ހޮވާފައި ވަނީ ޕާޓީގެ އެތެރޭގައި ރުހުން އޮތް ކަމަށް ނެގި ވޯޓަކަށް ފަހުގައި ކަމަށެވެ.

ވިހިވަނަ މަޖިލީހުގެ ރައީސް އަބްދުއްރަހީމް: އެ މަނިކުފާނު އެ މަގާމަށް ވަޑައިގަތީ ވަރަށް ބުރަ މަސައްކަތުން -- ސަން ފޮޓޯ/ މޫސާ ނަދީމް
ފާހަގަކޮށްލެވޭ ގޮތުގައި އާ މަޖިލީހުގެ ރައީސަކަށް އިންތިޚާބުވެވަޑައިގަތް އަބްދުއްރަހީމް ވަނީ 17 ވަނަ މަޖިލީހާއި 18 ވަނަ މަޖިލީހުގެ މެންބަރުކަން ވެސް ކުރައްވައިފައެވެ. އެ މަނިކުފާނު މިހާރު ވެސް ހުންނެވީ ވެރިކަން ކުރާ ޕީއެންސީގެ ޗެއާޕާސަންގެ މަގާމުގައެވެ.
ވިހި ވަނަ މަޖިލީހުގައި 93 މެންބަރުން ތިބިއިރު މަޖިލީހުގެ ސުޕަމެޖޯރިޓީ ލިބިފައި ވަނީ ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީއަށެވެ. އެމްޑީޕީއަށް މިފަހަރުގެ މަޖިލީހުން ކާމިޔާބުކުރެވުނީ އެންމެ 12 ގޮނޑިއެވެ. މިއީ މަޖިލީހުގެ ހަޔާތުގައި އެމްޑީޕީއަށް އެންމެ މަދުން ގޮނޑި ކާމިޔާބުކުރެވުނު ފަހަރުވެސްމެއެވެ.