ފަތުރުވެރިކަމުގެ ވިޔަފާރިތަކަށް ވީޗެޓް ޕޭ ބޭނުންކުރަން ރަސްމީކޮށް ސޮއިކޮށްފި

ވެއިޒިންޕޭ ތާރަފްކުރުމަށް މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން އެމްއެމްޕީއާރުސީ ވިޒިޓް މޯލްޑިވްސްއާ ވީޗެޓް އާއި ދެމެދު އެމްއޯޔޫގައި ސޮއި ކުރުމަށް ބޭއްވުނު ރަސްމިއްޔާތުގެ ތެރެއިން---

ރާއްޖޭގެ ފަތުރުވެރިކަމުގެ ވިޔަފާރިތަކަށް ވެއިޒިންޕޭ ނުވަތަ ވީޗެޓްޕޭ ތައާރަފުކުރަން މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)އާއި ޗައިނާގެ ވީޗެޓްއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކުރީ އެމްއެމްޕީއާރުސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޒިހުނީ ރަޝީދާއި ވެއިޒިން ޕޭގެ އޭޝިއާއަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ މެނޭޖަރު އަދި ސައުތުއީސްޓް އޭޝިއާގެ ރީޖަނަލް ޑިރެކްޓަރު އެޓިއެން އޭންގްއެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު ވާހަކަދައްކަމުން ޒިހުނީ ވިދާޅުވީ ޗައިނާއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އެންމެ މުހިންމު މާކެޓްތަކުގެ ތެރޭގައި ހިމެނޭ މާކެޓެއް ކަމަށާއި ޗައިނާއިން ޒިޔާރަތްކުރާ މީހުންގެ ތަޖުރިބާ ވަރަށް ބޮޑަށް ވަޒަންކުރާ ކަމުގައެވެ.

ޗައިނާގެ ޒިއަމެން އެއާލައިންސްއިން ރާއްޖެއަށް ދަތުރުތައް ފެށުން: މިހާރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރަނީ ޗައިނާއިން -- ފޮޓޯ/ އެމްއެމްޕީއާރުސީ

"ޗައިނާގެ ފަތުރުވެރިންނަށް އެ މީހުން ދަންނަ އަދި އިސްކަންދޭ ޕޭމަންޓް އޮޕްޝަން ފޯރުކޮށްދީ ވެއިޒިން ޕޭ ބަލައިގަތުން މުޅި ގައުމުގައި އިޝްތިހާރުކުރުމުގެ ވިސްނުން އެބަހުރި،" ޒިހުނީ ވިދާޅިވިއެވެ.

އެ އެއްބަސްވުމާ ގުޅިގެން ފަތުރުވެރިކަމާ ބެހޭ ވަޒީރު އިބްރާހިމް ފައިސަލް ވިދާޅުވީ ވެއިޒިން ޕޭ ތައާރަފުކުރާތީ އުފާކުރައްވާ ކަމަށާއި މިއީ ޗައިނާ ފަތުރުވެރިންގެ އެންމެ އެދެވޭ މަންޒިލެއްގެ ގޮތުގައި ރާއްޖެ ހަދަން އެޅުނު އިތުރު ފިޔަވަޅެއް ކަމަށެވެ.

މި އެއްބަސްވުމާ އެކު ފައިސާގެ ކަންކަން ލުއިފަސޭހަވެ، ޗައިނާ ފަތުރުވެރިން ރާއްޖޭގައި ހޭދަކުރާ މުއްދަތު އިތުރުވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

އެޓިއެން އޭންގް ވިދާޅުވީ ވެއިޒިން ޕޭ މިހާރު ދަނީ ރާއްޖޭގެ އެއާޕޯޓް ޑިއުޓީ ފްރީ ފިހާރައިގެ އިތުރުން ސަލާ ތައި އަދި ސިޓީ ގާޑަން ފަދަ މަޝްހޫރު ރެސްޓޯރެންޓްތަކުގައި ޕައިލެޓް ކުރަމުން ކަމަށެވެ.

ޗައިނާގެ ޒިއަމެން އެއާލައިންސްއިން ރާއްޖެއަށް ދަތުރުތައް ފެށުން: އެ އެއާލައިނުން އައި ފުރަތަމަ ފަތުރުވެރިންނަށް ހޫނު މަރުހަބާއެއް ކިޔާފައިވޭ -- ފޮޓޯ/ އެމްއެމްޕީއާރުސީ

"ވެއިޒިން ޕޭއަކީ ކަސްޓަމަރުންނަށް ރައްކާތެރި އަދި ފަސޭހަކަމާ އެކު ފައިސާދެއްކުމުގެ ޚިދުމަތް ފޯރުކޮށްދިނުމަށް މަސައްކަތްކުރާ ކުންފުންޏެއް. ވިސާ އެކްސްޕެންޝަން ޕޮލިސީއަށް އަމަލުކުރަން ފެށި ފަހުން ވެއިޒިން ޕޭ ބޭނުންކުރާ ގިނަ ބަޔަކު ވަނީ ރާއްޖެއަށް ދަތުރުކުރަން ހިޔާރުކޮށްފައި،" އެޓިއެން އޭންގް ވިދާޅުވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން މިހާރު ޒިޔާރަތްކުރަނީ ޗައިނާއިންނެވެ. އެހެންވެ، ވީޗެޓްޕޭ ބޭނުންކުރަން ފެށުމުން ބޭރު ފައިސާގެ ދަތިކަމަށް ވެސް އެ ކަމުގެ ހެޔޮ އަސަރު ކުރާނެއެވެ.

ރާއްޖެއަކީ އިމްޕޯޓަށް ބަރޯސާވެފައިވާ ގައުމަކަށްވާއިރު، އެންމެ ގިނައިން މުދާ ގެންނަ ގައުމުތަކުގެ ތެރޭގައި ވެސް ޗައިނާ ހިމެނެއެވެ. މި ސަރުކާރުން އަންނަނީ އިމްޕޯޓަށް ބަރޯސާވުމާއި ބޭރުގެ މުއާމަލާތްތައް ޑޮލަރުން ކުރުން މަދުކުރުމަށް ފިޔަވަޅުތައް އަޅަމުންނެވެ.

މި ޚިދުމަތް ތައާރަފުކުރުމުން ރާއްޖެއަށް ޒިޔާރަތް ކުރާ މީހުންނަށާއި ރާއްޖޭގެ ވިޔަފާރިތަކަށް ވެސް އެތައް ގުނައެއް ފަސޭހަވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

https://sun.mv/192557

މީގެ އިތުރުން، ޗައިނާ އަދި އިންޑިއާ ފައިސާއިން، ރާއްޖެ އެތެރެކުރާ މުދަލުގެ އިމްޕޯޓު ފައިސާ ދެއްކޭނެ މަގު ހަމަޖެއްސުމަށްޓަކައި ދެ ގައުމު ސަރުކާރުން ވެސް އެއްބާރުލުން ދިނުމަށް އެއްބަސްވެފައިވާކަން ސައީދު ވަނީ ވިދާޅުވެފައެވެ.

މި އަހަރުގެ ފެބްރުއަރީ މަހު ރާއްޖެއާއި ޗައިނާއާ ދެމެދު ސޮއިކުރި އެގްރީމަންޓް އޮން މިއުޗުއަލް އެކްސްޕެކްޝަން އޮފް ވިސާ ރިކުއަޔަމަންޓްސްއަށް އަމަލުކުރަން ފެށީ ޗައިނާއިން ވިސާ ފްރީ ސިޔާސަތު އިތުރު ގައުމުތަކަށް ފައިދާވާ ގޮތަށް ފުޅާކުރަމުން ދަނިކޮށެވެ. އެހެންކަމުން މޭޑޭއާއި ގައުމީ ދުވަހުގެ ޗުއްޓީ ފަދަ މަގުބޫލު ދަތުރުތަކުގައި ޗައިނާގެ ފަތުރުވެރިން އެންމެ ގިނައިން ދަތުރުކުރާ މަންޒިލްތަކުގެ ތެރޭގައި ރާއްޖެ ވަނީ ހިމެނިފައެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު 1.8 މިލިއަނަށްވުރެ ގިނަ ފަތުރުވެރިންނަށް މަރުހަބާ ކިޔާފައިވާއިރު މިއީ ގައުމީ އާ ރިކޯޑެކެވެ. ޗައިނާ މާކެޓަކީ މިހާރު ރާއްޖޭގެ ޓޮޕް ސޯސް މާކެޓެވެ. މި މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް 91،073 ފަތުރުވެރިން ޒިޔާރަތްކުރި ފުރަތަމަ ސޯސް މާކެޓެވެ.

comment ކޮމެންޓް