ބީއެމްއެލްއިން ޔުއާންއާއި ދިރުހަމުން މުއާމަލާތް ކުރެވޭ ގޮތް ހަދަނީ

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ކާލް ސްޓުމްކަ: ބީއެމްއެލްއިން ޔުއާންއާއި ދިރުހަމުން މުއާމަލާތް ކުރެވޭ ގޮތް ހަދަން މަސައްކަތް ފަށައިފައިވާ ކަމަށް ވިދާޅުވި -- ސަން ފޮޓޯ/ ނާއިޝް ނާހިދު

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ޗައިނާގެ ޔުއާންއާއި ޔޫއޭއީގެ ދިރުހަމްއިން މުއާމަލާތް ކުރެވޭ ގޮތް ހެދުމުގެ މަސައްކަތް ފަށައިފައިވާ ކަމަށް ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ކާލް ސްޓުމްކަ މިރޭ ވިދާޅުވެއްޖެއެވެ.

ބީއެމްއެލްއިން މިރޭ ބޭއްވި އަހަރީ އާންމު ޖަލްސާގައި ސްޓުމްކަ ވިދާޅުވީ ބޭންކުގެ ކާމިޔާބީއާމެދު ފަޚުރުވެރިވާ ކަމަށާއި އެގޮތުން މިދިޔަ އަހަރު ސާފު ފައިސާގެ ގޮތުގައި 2.07 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ.

"މިއީ މިހާތަނަށް ބޭންކަށް ހޯދުނު އެންމެ މަތީ އަދަދު. މި ފުރިހަމަ ކާމިޔާބީ ލިބިފައިވަނީ ލިކުއިޑިޓީ މެނޭޖްމަންޓް، ޓްރެޝަރީ ބިލްއަށް އިންވެސްޓްކުރުން، އަދި ލޯނު ޕޯޓްފޯލިއޯ އިތުރުކުރަން ކުރި މަސައްކަތުގެ ސަބަބުން،" އޭނާ ވިދާޅުވިއެވެ.

މިދިޔަ އަހަރު ކަސްޓަމަރުން ޑިޕޮސިޓްކުރި އަދަދު 1.6 ބިލިއަން ރުފިޔާއަށް އިތުރުވެފަައިވާކަން ފާހަގަކުރައްވައި ސްޓުމްކަ ވިދާޅުވީ ރާއްޖޭގެ މާކެޓްގައި އެންމެ ބޮޑު ބޭންކުގެ މަގާމު ބީއެމްއެލްއިން ވަރުގަދަކޮށްފައިވާ ކަމަށެވެ.

"ވީހާވެސް ފަސޭހަކަމާއެކު ބޭންކިން ޚިދުމަތް ލިބޭނެ ގޮތްތަކާއި ތިޔަބޭފުޅުން ޚިދުމަތް ހޯއްދެވުމުގައި ކުރައްވާ ތަޖުރިބާ އިތުރަށް ރަނގަޅުކުރުމަށް އަޅުގަނޑުމެން އިތުރަށް މަސައްކަތްކުރާނަން،" އޭނާ ވިދާޅުވިއެވެ.

އެ މަސައްކަތުގެ ތެރެއިން، ދިރުހަމް އާއި ޔުއާންއިން ކަސްޓަމަރުންނަށް މުއާމަލާތްކުރެވޭނެ ގޮތަށް ދާދިފަހުން ބީއެމްއެލްގެ ސިސްޓަމްތައް ކޮންފިގްރޭޓް ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް މިހާރު ރެންމިންބީ [ޔުއާން]އިން ސެޓްލްމަންޓްތައް ލިބެން ބޭނުންވާ ކަސްޓަމަރުންނަށް ރެންމިންބީ އެކައުންޓްތައް ފޯރުކޮށްދީ، ކުރިއަށް އޮތްތަނުގައި ފައިސާ ދެއްކުމަށް މި ޚިދުމަތް ބޭނުންކުރެވޭނެ،" ސްޓުމްކަ ވިދާޅުވިއެވެ.

ފައިސާ ބަދަލުކުރެވޭ އަގަށް ބަލާއިރު، ޔުއާން 2.13 ރުފިޔާއަށް ލިބެން ހުންނައިރު ދިރުހަމަކީ 4.21 ރުފިޔާއެވެ.

https://sun.mv/192555

މިރޭގެ އަހަރީ އާންމު ޖަލްސާގައި ބީއެމްއެލްއިން ވަނީ ހިއްސާއަކަށް 50 ރުފިޔާގެ މަގުން، 269 މިލިއަން ރުފިޔާ ބަހަން ނިންމައިފައެވެ.

ރާއްޖެއަކީ އިމްޕޯޓަށް ބަރޯސާވެފައިވާ ގައުމަކަށްވާއިރު، އެންމެ ގިނައިން މުދާ ގެންނަ ގައުމުތަކުގެ ތެރޭގައި ޗައިނާއާއި ޔޫއޭއީ ހިމެނެއެވެ. މި ސަރުކާރުން އަންނަނީ އިމްޕޯޓަށް ބަރޯސާވުމާއި ބޭރުގެ މުއާމަލާތްތައް ޑޮލަރުން ކުރުން މަދުކުރުމަށް ފިޔަވަޅުތައް އަޅަމުންނެވެ.

މިމަހު ބީއެމްއެލްއިން ވަނީ ޗައިނާގެ ވެއިޝިން ޕޭ، ނުވަތަ އާންމު ނަމުންނަމަ ވީޗެޓް ޕޭ ބޭންކުގެ ޕޮއިންޓް އޮފްސޭލް (ޕީއޯއެސް) ޓާމިނަލް ނެޓްވޯކްގައި ބޭނުންކުރެވޭ ގޮތް ހަދައިފިއެވެ. އެ ޚިދުމަތް ތައާރަފް ކުރުމުން ރާއްޖެއަށް ޒިޔާރަތް ކުރާ މީހުންނަށާއި ރާއްޖޭގެ ވިޔަފާރިތަކަށް ވެސް އެތައް ގުނައެއް ފަސޭހަވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވަނީ ވިދާޅުވެފައެވެ.

https://sun.mv/192275

މީގެ އިތުރުން، ޗައިނާ އަދި އިންޑިއާ ފައިސާއިން، ރާއްޖެ އެތެރެކުރާ މުދަލުގެ އިމްޕޯޓު ފައިސާ ދެއްކޭނެ މަގު ހަމަޖެއްސުމަށްޓަކައި ދެ ގައުމު ސަރުކާރުން ވެސް އެއްބާރުލުން ދިނުމަށް އެއްބަސްވެފައިވާކަން ސައީދު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

comment ކޮމެންޓް