ގުޅީފަޅަށް ގޯތި ބަދަލުކުރަން ބޭނުންވާ މީހުންގެ އަދަދު 2210އަށް

ގުޅިފަޅު ބިން ހިއްކުން: ގިރާވަރުން ގުޅީފަޅަށް ގޯތި ބަދަލުކުރަން ބޭނުންވާ މީހުންގެ އަދަދު 2210އަށް އަރާ -- ފޮޓޯ/ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު

މިދިޔަ ސަރުކާރުން ކުރިއަށް ގެންދިޔަ ބިންވެރިޔާ ސްކީމުގެ ދަށުން ގިރާވަރުފަޅުން ގޯތި ލިބުނު މީހުން ގުޅީފަޅަށް ގޯތި ބަދަލު ކުރުމަށް އިތުރު ފުރުސަތެއް ހުޅުވައިލުމުން، ގޯތި ބަދަލުކުރަން އެދުނު މީހުންގެ އަދަދު 2210އަށް އަރައިފިއެވެ.

ގިރާވަރުފަޅުން ބިން ދޫކޮށްފައިވާ އަދަދަށް ގޯތި ނުނެގޭތީ، ބާކީ ގޯތި ގުޅިފަޅުން ދޭން ސަރުކާރުން ނިންމައި، ގޯތި ބަދަލުކުރުމަށް އެދި ހުށަހެޅުމަށް ހުޅުވާލީ މިދިޔަ މަހުގެ ހަތްވަނަ ދުވަހެވެ.

އެ ފުރުސަތުގައި، ގޯތި ބަދަލުކުރަން 1،913 މީހުން ހުށަހެޅިއެވެ. ނަމަވެސް 2،450 އަދި 2،050 އަކަފޫޓުގެ ގޯއްޗަށް އެދި ހުށަހެޅީ، ގުޅީފަޅަށް ބަދަލުކުރުމަށް ކަނޑައަޅާފައިވާ އަދަދަށްވުރެ މަދު އަދަދެއް ކަމަށް ބުނެ، ގޯތި ބަދަލުކުރަން ހައުސިން މިނިސްޓްރީން މިމަހުގެ ފަހެއްގައި އިތުރު ފުރުސަތެއް ދިނެވެ.

ގުޅީފަޅުން އިއުލާންކުރި ގޯތީގެ އަދަދާއި ގިރާވަރުފަޅުން ގޯތި ބަދަލުކުރަން އެދުނު މީހުންގެ ތަފްސީލު:

  • 1250 އަކަފޫޓު

އިއުލާންކުރި ގޯތީގެ އަދަދު: 196

ބަދަލުވާން އެދިފައިވާ ފަރާތްތަކުގެ އަދަދު: 1093

  • 1650 އަކަފޫޓު

އިއުލާންކުރި ގޯތީގެ އަދަދު: 663

ބަދަލުވާން އެދިފައިވާ ފަރާތްތަކުގެ އަދަދު: 880

  • 2050 އަކަފޫޓު

އިއުލާންކުރެނު ގޯތީގެ އަދަދު: 234

ބަދަލުވާން އެދިފައިވާ ފަރާތްތަކުގެ އަދަދު: 234

  • 2450 އަކަފޫޓު

އިއުލާންކުރެނު ގޯތީގެ އަދަދު: 3

ބަދަލުވާން އެދިފައިވާ ފަރާތްތަކުގެ އަދަދު: 3

ހައުސިން މިނިސްޓްރީން ބުނީ، ގުޅީފަޅަށް ގޯތި ބަދަލުކުރުމަށް ހުށަހަޅާފައިވާ މީހުންގެ ތެރެއިން 1250 އާއި 1650 އަކަފޫޓުގެ ގޯތި ބަދަލުކުރުމަށް އެދިފައިވާ މީހުންގެ އަދަދު ގުޅީފަޅަށް ބަދަލުކުރުމަށް ކަނޑައަޅައިފައިވާ ގޯތީގެ އަދަދަށްވުރެ ގިނަވުމުން، ގޯތި ބަދަލުކުރެވޭނެ މީހުން ނިންމުމަށް ގުރު ނަގާނެ ކަމަށެވެ، އެ ގުރު ނެގުން އޮންނާނީ އަންނަ އަންގާރަ ދުވަހުގައެވެ.

ގުރުއަތުލުން ބޭއްވުމަށް ހަމަޖެހިފައިވާ ތަނާއި ގަޑި މިނިސްޓްރީން ފަހުން އިއުލާނެކުރާނެ ކަމަށް އެ އިއުލާނުގައިވެއެވެ.

މީގެ އިތުރުން، 2450 އަކަފޫޓާއި 2050 އަކަފޫޓުގެ ގޯތި ބަދަލުކުރަން އެދިފައިވަނީ ކަނޑައަޅާފައިވާ އަދަދަށްވުރެ މަދުންކަމަށް ވާތީ އެފަރާތްތަކުގެ މެދުގައި ގުރުއަތުލުމެއް ނޯންނާނެ ކަމަށާއި ނަމަވެސް ގުޅީފަޅުން ލިބޭ ގޯތި ކަނޑައެޅުމަށް ހަމަޖެހިފައިވަނީ ގުރުއަތުން ކަމަށް ވުމުން އެ ގުރު ނެގުން އޮންނާނެ ތާރީޚު ފަހުން އިއުލާން ކުރާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

އެ ލިސްޓާ ގުޅޭގޮތުން ޝަކުވާއެއް އޮތް ނަމަ އަންނަ ހުކުރު ދުވަހުގެ 23:00ގެ ކުރިން މިނިސްޓްރީއަށް ހުށަހެޅުމަށް، އިއުލާނުގައިވަނީ އެދިފައެވެ. އެގޮތުން އީމެއިލް ([email protected]) އަދި ހިޔާވަހި ޕޯޓަލް މެދުވެރިކޮށް ޝަކުވާ ހުށަހެޅޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

ނިމިދިޔަ ސަރުކާރުން ކުރިއަށްގެންދިޔަ ބޯހިޔާވަހިކަމުގެ މަޝްރޫއެއް ކަމަށްވާ ބިންވެރިޔާ ސްކީމްގެ ފުރަތަމަ ފިޔަވަހީގެ ދަށުން، 18،955 މީހުން ގޯއްޗަށް ޝަރުތު ހަމަވާއިރު، ޖުމުލަ 9،003 ގޯތި ދޫކުރަން ވަނީ ނިންމައިފައެވެ. އެ ސްކީމްގެ ދަށުން ގޯތި ދޫކުރަނީ ގިރާވަރުފަޅާއި ގުޅިފަޅުގެ އިތުރުން ހުޅުމާލެ ހިއްކައިގެންނެވެ.

comment ކޮމެންޓް