ގުޅީފަޅަށް ގޯތި ބަދަލުކުރަން 1900އަށް ވުރެ ގިނަ މީހުން އެދިއްޖެ

ގުޅިފަޅު ބިން ހިއްކަނީ -- ފޮޓޯ/ މިނިސްޓަރު މުއްތަލިބު

މިދިޔަ ސަރުކާރުން ކުރިއަށް ގެންދިޔަ ބިންވެރިޔާ ސްކީމުގެ ދަށުން ގިރާވަރުފަޅުން ގޯތި ލިބުނު މީހުން ގުޅީފަޅަށް ގޯތި ބަދަލު ކުރުމަށް މި ސަރުކާރުން ހުޅުވާލި ފުރުސަތުގައި 1،913 މީހުން އެކަމަށް އެދިއްޖެއެވެ.

ގިރާވަރުފަޅުން ބިން ދޫކޮށްފައިވާ އަދަދަށް ގޯތި ނުނެގޭތީ، ބާކީ ގޯތި ގުޅިފަޅުން ދޭން ސަރުކާރުން ނިންމައި، ގޯތި ބަދަލުކުރުމަށް އެދި ހުށަހެޅުމަށް ހުޅުވާލީ މިމަހުގެ ހަތްވަނަ ދުވަހެވެ.

ގުޅީފަޅުން އިއުލާންކުރި ގޯތީގެ އަދަދާއި ގިރާވަރުފަޅުން ގޯތި ބަދަލުކުރަން އެދުނު މީހުންގެ ތަފްސީލު:

  • 1250 އަކަފޫޓު

އިއުލާންކުރި ގޯތީގެ އަދަދު: 193

ބަދަލުވާން އެދިފައިވާ ފަރާތްތަކުގެ އަދަދު: 928

  • 1650 އަކަފޫޓު

އިއުލާންކުރި ގޯތީގެ އަދަދު: 663

ބަދަލުވާން އެދިފައިވާ ފަރާތްތަކުގެ އަދަދު: 769

  • 2050 އަކަފޫޓު

އިއުލާންކުރެނު ގޯތީގެ އަދަދު: 487

ބަދަލުވާން އެދިފައިވާ ފަރާތްތަކުގެ އަދަދު: 213

  • 2450 އަކަފޫޓު

އިއުލާންކުރެނު ގޯތީގެ އަދަދު: 4

ބަދަލުވާން އެދިފައިވާ ފަރާތްތަކުގެ އަދަދު: 3

ހައުސިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ، އިއުލާންކުރެވުނު ގޯތީގެ އަދަދާއި އެކަމަށް އެދި ހުށަހެޅި ފަރާތްތަކުގެ އަދަދަށް ރިއާޔަތްކުރާއިރު، 2450 އަކަފޫޓާއި 2050 އަކަފޫޓުގެ ގޯއްޗަށް އެދި ހުށަހަޅާފައިވަނީ ކަނޑައަޅާފައިވާ އަދަދަށްވުރެ މަދުންކަމަށެވެ.

އެހެންކަމުން ގުރުއަތުލުން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ 1250, 1650 އަކަފޫޓުގެ ގޯތި ލިބިފައިވާ ފަރާތްތަކުގެ މެދުގައި ކަމަށާއި މި ގުރުއަތު ނެގުން އޮންނާނެ ތާރީޚެއް މިނިސްޓްރީން އާންމުކޮށް އިޢުލާނެކުރާނެ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.

ނިމިދިޔަ ސަރުކާރުން ކުރިއަށްގެންދިޔަ ބޯހިޔާވަހިކަމުގެ މަޝްރޫއެއް ކަމަށްވާ ބިންވެރިޔާ ސްކީމްގެ ފުރަތަމަ ފިޔަވަހީގެ ދަށުން، 18،955 މީހުން ގޯއްޗަށް ޝަރުތު ހަމަވާއިރު، ޖުމުލަ 9،003 ގޯތި ދޫކުރަން ވަނީ ނިންމައިފައެވެ. އެ ސްކީމްގެ ދަށުން ގޯތި ދޫކުރަނީ ގިރާވަރުފަޅާއި ގުޅިފަޅުގެ އިތުރުން ހުޅުމާލެ ހިއްކައިގެންނެވެ.

comment ކޮމެންޓް