އެސައިންމެންޓު ހަދައިދޭ ކަމަށް ބެލެވޭ ތިން މައްސަލައެއް ފުލުހަށް

އެމްކިއުއޭގެ ސީއީއޯ މަރްޔަމް ފިޒާނާ ރަޝީދު: އޭނާ ވިދާޅުވީ އެސައިންމެންޓު ހަދައިދޭ ކަމަށް ބެލެވޭ ތިން ބައެއްގެ މައްސަލަ ފުލުހަށް އެ އޮތޯރިޓީގެ ފަރާތުން ހުށަހަޅައިފައިވާ ކަމަށް -- ސަން ފޮޓޯ: ނާއިޝް ނާހިދު

އެސައިންމެންޓު ހަދައިދޭ ކަމަށް ތުހުމަތު ކުރެވޭތީ ތިން މައްސަލައެއް ފުލުހަށް ހުށަހަޅައިފައިވާ ކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ)އިން މިއަދު ބުނެފިއެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްކިއުއޭގެ ސީއީއޯ މަރްޔަމް ފިޒާނާ ރަޝީދު ވިދާޅުވީ އެސައިންމެންޓުތައް ގަވާއިދާ ޚިލާފަށް ހަދައިދޭ ކަމަށް ތުހުމަތު ކުރެވޭ ތިން މައްސަލައެއް އެމްކިއުއޭގެ ފަރާތުން ފުލުހަށް ހުށަހަޅައިފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން އެމްކިއުއޭގެ ފަރާތުން ކުރަން ޖެހޭ މަސައްކަތްތައް ވެސް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

އިތުރަށް އޭނާ ވިދާޅުވީ މިހާރު އެ އޮތޯރިޓީން އިންސްޓިޓިއުޝަނަލް އޮޑިޓުތަކެއްވެސް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ދެ ޔުނިވާސިޓީއެއްގެ އޮޑިޓު ނިމުމަކާ ހަމައަށް އައިސްފައިވާ ކަމަށްވެސް ފިޒާނާ ވިދާޅުވިއެވެ.

"އެޑްވައިޒަރީ ބޯޑުގެ ނިންމުމާއެކު އަޅުގަނޑުމެން އެ ދެ އޮޑިޓްގެ ރިޕޯޓު ޕަބްލިޝް ކުރަމުން ގެންދާނަން. ހަމަ އެހެން އޮޑިޓް ރިޕޯޓުތައް ވެސް ނިމޭ ވަރަކުން އަޅުގަނޑުމެން ޕަބްލިޝް ކުރަމުން ގެންދާނަން،" އޭނާ ވިދާޅުވިއެވެ.

މީގެ އިތުރަށް ފިޒާނާ ވަނީ މިހާރު ހަޔާ އެޑިއުކޭޝަން އިންސްޓިޓިއުޓްގެ މަސައްކަތްތައް ވެސް ދަރަޖަ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވެފައެވެ.

މަތީ ތައުލީމު ހާސިލުކުރާ ބައެއް ދަރިވަރުން އަގަށް އެސައިމެންޓްތައް ހައްދައިގެން ފާސްވުމަކީ ކަމާ ގުޅުން ހުރި އިދާރާތަކުން އާންމުކޮށް ކަންބޮޑުވުން ފާޅުކުރާ ކަމެކެވެ.

https://sun.mv/173135

އަގަށް އެސައިމެންޓް ހަދައިދިނުމަކީ މަތީ ތައުލީމުގެ ގާނޫނުގެ ދަށުން މަނާ ކަމެކެވެ. ދެހާސް އެކާވީސް ވަނަ އަހަރުގެ އޭޕްރީލް މަހު ފާސްކުރި އެ ގާނޫނުގެ ދަށުން ދަރިވަރަކު އެހެން ފަރާތެއް ލައްވައި އަގު ދީގެން އެސައިންޓްމަންޓް ހަދައިފިނަމަ 5،000 ރުފިޔާއިން ޖޫރިމަނާކުރެވެއެވެ. އަދި އަގަށް އެފަދަ މަސައްކަތްތައް ކުރަން ހުށަހަޅާ ފަރާތްތައް 10،000 ރުފިޔާއިން ޖޫރިމަނާ ކުރެވެއެވެ.

comment ކޮމެންޓް