އަގަށް އެސައިމެންޓް ހަދައިގެން ޑިގްރީ ނެގުން، އަދިވެސް ނުހުއްޓުވޭ!

އެސައިމެންޓް ހަދަނިކޮށް: އެހެން މީހުންނަށް އަގު ދީގެން އެސައިމެންޓް ހެދުމަކީ ގާނޫނީ ކުށެއް --- ފޮޓޯ/ ގޫގުލް

"އައި ކޮމްޕްލީޓެޑް މައި ޑިގްރީ، ލާރިން ހުރިހާ ކަމެއްވާ ޒަމާނެއްގައި މީއީ އެހާ ހާސްވާން ޖެހޭ ކަމެއް ނޫން،" މިއީ އެކައުންޓްސް އެންޑް ފައިނޭންސް ދާއިރާއިން ޑިގްރީ ނިންމި ކޮލެޖު ދަރިވަރަކު ބުނި ވާހަކައެކެވެ.

އޭނާ ޑިގްރީ ހެދިއިރު ކުރި ހަމައެކަނި ކަމަކީ ބަރާބަރަށް ކްލާސްތަކަށް ހާޒިރުވުމެވެ. އެހެން ދަރިވަރުންނާ ޚިލާފަށް މާބޮޑު މަސައްކަތެއް ނުކޮށް އޭނާ ގްރެޖުއޭޓް ވީ އަމިއްލަ ޒިންމާ އެހެން ބަޔަކަށް ފައިސާކޮޅެއްގެ އެހީގައި ހަވާލުކޮށްގެންނެވެ.

މި ދެކެވެނީ ދިވެހިންނަށް މާ ބީރައްޓެހި ވާހަކައެއް ނޫނެވެ. މިއީ ކިތަންމެ ހިތާމަވެރި ކަމެއް ނަމަވެސް ރާއްޖޭގައި މިއަދު ހިނގާ ކަމެކެވެ. ފައިސާ ދީގެން އެހެން މީހުން ލައްވައި އަމިއްލަ އެސައިމެންޓުތައް ހެދުމަކީ މީގެ އަހަރުތަކެއް ކުރިން ދިވެހީންގެ ތެރެއަށް ތައާރަފުވި ކަމެކެވެ.

އޭގެ ފަހުން މިއަދާ ހިސާބަށް ވެސް ހުއްޓުމެއް ނެތް ކަމެކެވެ. ގިނަ ފަހަރަށް ސަމާލުކަން ދެވެނީ މީހުންގެ އަތުގައި އޮންނަ ސެޓްފިކެޓަށް އެކަންޏެވެ. އަނެއް މައްސަލައަކީ ސެޓްފިކެޓް އޮތަސް މީހާގެ ކިބައިން އެ ގާބިލްކަން ނުފެނުމެވެ.

ކިތަންމެ މަތީ ފާހެއް އޮތް ނަމަވެސް އެހެން މީހުން އަތަށް ދީގެން އެސައިމެންޓް ހަދުވާ މައްސަލައަކީ ގައުމީ މައްސަލައެއްގެ ގޮތުގައި ބައެއް މީހުން ފާހަގަކުރެއެވެ. އެއީ މުޖުތަމައެއްގެ ތެރޭގައި ކަން ހިނގައިގެން ވާނެ ގޮތަކަށް ނުވާތީއެވެ. އަދި އެކަން އެހެން ކޮށްގެން އޭގެ ނޭދެވޭ އަސަރު މުޖުތަމައަށް ތަސައްވަރު ނުކުރެވޭހާ ބޮޑަށް ކުރާނެތީއެވެ.

ކަމުގެ މާހިރުން ދެކޭ ގޮތުގައި އަގު ދީގެން އެހެން މީހުން ލައްވައި އެސެއިމެންޓް ހަދައިގެން ހާސިލު ކުރާ ޑިގްރީއެއްގެ އެއްވެސް އަގެއް ނެތެވެ. އެކަން އެންމެ ބޮޑަށް ފާހަގަވަނީ ވަޒީފާގެ މާހައުލަށް ނިކުތުމުންނެވެ.

ގައުމީ ޔުނިވާސިޓީގެ ދަރިވަރުން ދަސްވެނިވުމުގެ ރަސްމިއްޔާތެއްގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު އަފްރާޙް

އަތުގައި އޮންނަ ސަނަދާ ގާތްކުރާ ވަރަށް ވެސް އިލްމީ ގޮތުން މީހާއަށް މަސައްކަތް ކުރެވޭތަން ނުފެންނާތީއެވެ. ފަސޭހަގޮތުގައި މަސައްކަތެއް ނުކޮށް ސެޓްފިކެޓެއް ހާސިލު ކުރި ނަމަވެސް މީހާގެ ގާބިލްކަން ނުފެންނާތީ ވަޒީފާގެ މާހައުލުގައި އެމީހަކަށް ކުރިއަށް ދެވޭތަން ނުފެނެއެވެ.

"މިއީ އަސްލު ގައުމީ ކަމެއް. ތައުލީމީ ގޮތުން ވިޔަސް އަދި އޭގެ ބޭރުން ވިޔަސް އެއްވެސް މީހަކު ޓޮލަރޭޓް ކޮށްގެން ވާނެ ކަންކަމެއް ނޫން މި ހުންނަނީ. ކިޔަވާއިރު ވެސް ގިނަ ލާރިތަކެއް ހޭދަކޮށްގެން މި ކިޔަވަނީ އެއްވެސް ބޭނުމެއް ނެތް ގޮތަށް. އަނެއްކާ ސެޓްފިކެޓެއް އޮވެގެން ވަޒީފާއަކަށް ވަނަސް ވަޒީފާގެ މާހައުލުގައި ކުރިއަކަށް ނުދެވޭ. އެއީ ވަރަށް ބޮޑު ދެރައެއް. އެކަހަލަ ކަންކަން ކުރެވިގެން ނުވާނެ، ކޮލެޖުތަކުން ބަލައިގަނެގެން ވެސް ނުވާނެ،" ވިލާ ކޮލެޖުގެ ފެކަލްޓީ އޮފް ބިޒްނަސް މެނޭޖްމެންޓްގެ ޑީން އަބްދުﷲ ނާފިޒް ވިދާޅުވިއެވެ.

ރާއްޖޭގައި އަގު ދީގެން އެހެން މީހުން ލައްވައި އެސައިމެންޓް ހެދުމުގެ މައްސަލަތައް މީގެ ކުރިން ވަނީ ފާހަގަކުރެވޭ މިންވަރަކަށް އިތުރުވެފައެވެ. އެ މައްސަލަ ފެންމަތިވެ މީގެ ކުރިން ހަޔާ އެޑިއުކޭޝަނުން ވަނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އާއި ފުލުހުންގެ ސަމާލުކަމަށް އެ މައްސަލަ ގެނެސްފައެވެ.

އެކަމާ ގުޅިގެން އަގަށް އެސައިމެންޓް ހަދައިދިނުން ގާނޫނީ ކުށަކަށް ހަދައި ޖޫރިމަނާ ކުރުމަށް 2021 ވަނަ އަހަރުގައި ވަނީ ނިންމާފައެވެ.

އޭގެ ދަށުން ދަރިވަރަކު އަމިއްލައަށް ފުރިހަމަކުރަން ޖެހޭ އެސައިންޓްމަންޓެއް އެހެން ފަރާތަކަށް އަގު ދީގެން އެ މަސައްކަތް ކުރުމާއި އެހެން ފަރާތަކުން އެކަން އަގަށް ކޮށްދޭން ހުށަހެޅުމަކީވެސް ކުށެކެވެ.

ދަރިވަރަކު އެހެން ފަރާތެއް ލައްވައި އަގު ދީގެން އެސައިންޓްމަންޓް ހަދައިފިނަމަ 5،000 ރުފިޔާއިން ޖޫރިމަނާކުރެވެއެވެ. އަދި އަގަށް އެފަދަ މަސައްކަތްތައް ކުރަން ހުށަހަޅާ ފަރާތްތައް 10،000 ރުފިޔާއިން ޖޫރިމަނާ ކުރެވެއެވެ.

އެ ގާނޫނުގައި ބުނެފައިވާ ގޮތުން އަގު ދީގެން އެސައިންޓްމަންޓް ހަދުވާނަމަ އެކަން ބަލައި ފިޔަވަޅު އެޅޭނެ ނިޒާމެއް މަތީ ތައުލީމު ދޭ އިންސްޓްޓިއުޝަން ތަކުގައި ގާއިމްކޮށްފައި ހުންނަން ޖެހެއެވެ. ނަމަވެސް ވިޔަފާރިއަކަށް އެކަން ކުރާނަމަ އެކަމާ މެދު ފިޔަވަޅު އަޅާނީ މިނިސްޓްރީން ގާއިމުކުރާ ނިޒާމެއްގެ ދަށުން ކަމަށްވެސް އެ ގާނޫނުގައި ބުނެފައިވެއެވެ.

މަތީ ތައުލީމާ ބެހޭ ބިލް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙު ތަސްދީގުކުރެއްވުން --- ފޮޓޯ/ ރައީސް އޮފީސް

މިފަދަ އަދަބު ލިބޭ ގާނޫނެއްގެ ގޮތުގައި މިކަން އޮންނައިރު އަދިވެސް ރާއްޖޭގައި މިގޮތަށް ކަންކަން ހިނގައެވެ. ހަޔާ އެޑިއުކޭޝަނުންނާއި އެމްކިއުއޭއިން މިކަންކަން ހުއްޓުމަށް އަބަދުވެސް މަސައްކަތް ކުރާނެ ކަމަށް މީގެ ކުރިން އެތައް ފަހަރަކު އެ އިދާރަތުން ވަނީ ބުނެފައެވެ.

"ފައިސާ އަށް އެސައިންމަންޓު ހަދަނީ ރާއްޖޭގައި އެކަމަށް ޑިމާންޑެއްވެސް އޮވެ އަދި ކޮންމެވެސް ބަޔަކު ވިޔަފާރި އުސޫލުން އެކަން ކުރާތީ. އެކަންކަން ހުއްޓުވުމަށް މިނިސްޓްރީން ކުރަން ޖެހޭ ކަންކަން ކުރާނަން،" ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވިއެވެ.

ކުރިއެކޭ އެއްގޮތަށް މިހާރުވެސް އަގަށް އެސައިމެންޓު ހަދައިދޭ ކަމަށް ބުނެ އިޝްތިހާރުތައް ހަދައި އެމީހުންނާ ގުޅޭނެ ނަންބަރު ވެސް އެ އިޝްތިހާރުތަކުގައި ހުރެއެވެ. އަދި އެކަންކަން ވަރަށް ގާތުން ބަލާކަމަށް ހަޔާ އެޑިއުކޭޝަނުން ވަނީ ބުނެފައެވެ. ނަމަވެސް އަދިވެސް ދިވެހިންގެ ތެރޭގައި އަގަށް އެސައިމެންޓް ހެދުން ނުހުއްޓެނީ ކީއްވެ ކަމާ މެދު ކުރެވޭ ސުވާލުތައް ވަރަށް ވެސް ގިނައެވެ.

"އިޝްތިހާރުތައް ހުރޭ ހަދާފަ. ނަންބަރާ އެއްޗެއްހި ޖަހާފަ. އެކަންކަމުގެ މައުލޫމާތު ހޯދާއިރު ގިނަ ފަހަރަށް ރާއްޖޭން ބޭރުން ވެސް މީހުން މިކަން ކުރާ ކަން ފާހަގަކުރެވޭ. ޓެކްނޮލޮޖީގެ ޒަމާނެއް. ރާއްޖޭގެ ކުދިން އެހެންވީމާ އެމީހުންގެ އެސައިމެންޓް ހަދަން ބޭރުގެ ބަޔަކާވެސް ހަވާލު ކުރުމުގެ ޗާންސް އެބައޮތޭ އޭގެ މާނައަކީ. އެއީ ވަރަށް ފާހަގަވާ ކަމެއް. އަނެއްކާ އެކަން ކުރާ މީހުން އެކަން ކުރަނީ އެއީ ކޮން ބައެއްކަން ފަސޭހައިން ދަނެނުގަނެވޭނެ ގޮތަކަށް،" އެމްކިއުއޭގެ ސީއީއޯ ޑރ. އަބްދުލް ހަންނާން ވަހީދު ވިދާޅުވިއެވެ.

އަގަށް އެސައިމެންޓް ހަދައިދޭ ބަޔަކު ޖަހާފައިވާ އިޝްތިހާރެއް --- ފޮޓޯ/ ފޭސްބުކް

ރާއްޖޭގައި މިކަން ކުރާވަރު މަދު ކުރުމަށް ނުވަތަ ހުއްޓުވުމަށް ކޮލެޖު ޔުނިވާސިޓީ ތަކުން މަސައްކަތް ކުރުން މުހިއްމު ކަމަށް ކޮލެޖުތަކުގައި އިސް ފަޑީގައި މަސައްކަތް ކުރައްވާ ބޭފުޅުން ދެކިލައްވައެވެ. އެގޮތުން މިކަންކަން ފާހަގަކުރެވޭނެ ގޮތްތައް ހޯދައި އެކަންކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަކީ ވެސް މުހިއްމު ކަމެއްގެ ގޮތުގައި އެ ބޭފުޅުން ދެކިލައްވައެވެ.

މިހާރުވެސް ގިނަ ކޮލެޖުތަކުގައި އެސައިމެންޓުތައް ބަލައިގަންނާނީ ވަކި ސޮފްޓްވެއާއެއް މެދުވެރިކޮށެވެ. އޭގެން ދަރިވަރުން އެކިތަންތަނުން ކޮޕީކޮށްފައި ހުރި މިންވަރުވެސް ދެނެގަނެވެއެވެ.

އެ ސްފްޓްވެއާތައް މެދުވެރިކޮށް ކިޔެވުމުގެ ތެރެއިން އަންނަ އެފަދަ މައްސަލަތައް މަދުކުރެވޭނެ ކަމަށް އެބޭފުޅުން ވިދާޅުވެއެވެ. މީގެ އިތުރުންވެސް ކޮލެޖުތަކުގައި އެކަންކަން ހުއްޓުވުމަށް ހާއްސަ އުސޫލުތަކެއް ކަނޑައަޅާފައި ހުންނަން ޖެހޭކަމަށް ކަމާބެހޭ ފަރާތްތަކުން ވިދާޅުވެއެވެ.

"ކިޔަވައިދޭ މުދައްރިސުންނަށް އެނގިލައްވާނެ ކުދިންގެ ފެންވަރު. އެ ކުދިންގެ ކެޕަބިލިޓީ. އެހެންވީމަ އެ މަސައްކަތަކީ އެކުދިންގެ އަމިއްލަ އެއްޗެއްހެން ހީނުވާ ދަނޑިވަޅުތަކުގައި އެކަންކަން ރަނގަޅަށް ބަލުން ވެސް އެއީ ކުރެވޭނެ ކަމެއް. އަނެއްކާ ކޮލެޖު ހިންގަން ތިބޭ އިސްވެރިންގެ ހައިސިއްޔަތުން އެބަޖެހޭ އެކަހަލަ ކަންކަން ވާނަމަ އެމްކިއުއޭއަށް ހުށަހަޅާން. ނޫންނަމަ ޕޮލިހަށް ވެސް ހުށަހަޅަން،" ގައުމީ ޔުނިވާސިޓީގެ ވައިސް ޗާންސިލާ މުހައްމަދު ޝަރީފް ވިދާޅުވިއެވެ.

ގައުމީ ޔުނިވާސިޓީގެ ވެރިން --- ސަން ފޮޓޯ

މިފަދަ ދެރަވަރު އަމަލުތައް މުޖުތަމައުގައި ހިނގާއިރު އެކަމުގެ ވާހަކަ ދައްކައި އެކަމާ ގުޅިގެން ކުދިންނާއި ބެލެނިވެރިން ހޭލުންތެރިކުރުވަން ޖެހޭ ކަމަށް ކިޔަވާ ކުދިންވެސް ގަބޫލުކުރެއެވެ. އެގޮތުން މި ކަންކަމުގެ މާބޮޑު މައުލޫމާތެއް ނެތި އެކަމުގެ އަޖުމަ ބަލާލުމަށް އަގަށް އެސައިމެންޓް ހަދައިދޭން މީހުންނަށް ދަރިވަރުން ގުޅައެވެ. ނުވަތަ މާ ފަރުވާކުޑަ ކޮށްލާފައި މުސްތަގުބަލުގައި ކުރިމަތިވެދާނެ އުނދަގޫތަކަށް ނުބަލައި ދަރިވަރުން އެފަދަ ކަންކަން ކުރެއެވެ.

ނަމަވެސް އެކަންކަމުން ކުރާނެ ނޭދެވޭ އަސަރު ކުދިންނަށް ކިޔައިދީ ރަނގަޅު ގޮތުގައި ކިޔަވައިގެން އަމިއްލަ މަސައްކަތުން ހޯދާ ޑިގްރީއެއްގެ މުހިއްމުކަން ކުދިންނަށް އިހުސާސް ކޮށްދޭން ޖެހެއެވެ.

ނޫން ނަމަ އަމިއްލަ މަސައްކަތުން ތިމާގެ މުސްތަގުބަލު އުޖާލާ ކުރުމަށް ހޯދާ ސެޓްފިކެޓުން ލިބޭ ނަފުސުގެ ހިތްހަމަ ޖެހުމުގެ އަސްލު އިހުސާސް ވެސް އެންމެ ފުރިހަމަ ގޮތުގައި ނުކުރެވޭނެއެވެ. މި ކަމަކީ މިއަދު ކޮންމެ ކިޔަވާ ކުއްޖަކުމެ ސަމާލުކަން ދިނުން މުހިއްމު އަދި އެ ކުދިންގެ ކިޔެވުމުގެ އިތުރުން ދިރުއުޅުމާ ގުޅޭ މުހިއްމު ކަމެކެވެ. މިއަދުގެ ހަގީގަތަކީ އެސައިމެންޓް ހަދައިދިނުން ގާނޫނީ ކުށަކަށް ހަދާފައި އޮތްނަމަވެސް އެކަން ނުހުއްޓުވޭ ކަމެވެ.

comment ކޮމެންޓް