މަޖިލިސް ރައީސް އިންތިޚާބުކުރާ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނީ ސިޔާމް

އެމްޑީއޭގެ ރައީސް އަދި. ދ. މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމް މުޙައްމަދު ރައްޔިތުންގެ މަޖިލީހުގައި ބަހުސްކުރައްވަނީ -- ފޮޓޯ. މަޖިލިސް

ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ހުވައިކުރުމަށްފަހު މާދަމާ މަޖިލީހުގެ ރައީސް ހޮވަން ބާއްވާ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނީ މީދޫ ދާއިރާގެ އިންތިޚާބީ މެމްބަރު އަޙްމަދު ސިޔާމް މުޙައްމަދުކަމަށް ރައްޔިތުންގެ މަޖިލީހުން ބުނެފިއެވެ.

މާދަމާ މެމްބަރުން ހުވާކުރުމަށްފަހު އެންމެ ފުރަތަމަ ބާއްވާނީ މަޖިލީހުގެ ރައީސާއި ނައިބު ރައީސް އިންތިޚާބުކުރުމުގެ ޖަލްސާއެވެ.

އެ ޖަލްސާ ތާވަލުކޮށްފައިވަނީ ހެނދުނު 10:15 އަށެވެ. އޭގެ ކުރިން ހެނދުނު 09:00 ގައި އޮންނާނީ މެމްބަރުން ހުވައިކުރުމެވެ.

ސިޔާމަށް ރިޔާސަތު ބެލެހެއްޓެވުމުގެ ފުރުސަތު ލިބިވަޑައިގެންނެވިއިރު ސިޔާމް މަޖިލީހަށް މިފަހަރު އިންތިޚާބުވެވަޑައިގެންފައިވަނީ ފަސްވަނަ ދައުރަކަށެވެ.

މި ނިމިދިޔަ 19ވަނަ މަޖިލީހުގައި ވެސް ރައީސާއި ނައިބު ރައީސް އިންތިޚާބުކުރަން ބޭއްވި ޖަލްސާގައި ރިޔާސަތު ބެލެހެއްޓެވީ ސިޔާމެވެ.

ރައްޔިތުންގެ މަޖިލީހަށް 93 މެމްބަރުންނަށް އަދަދު އިތުރުވީއިރު އޭގެ ތެރެއިން 70 އަށްވުރެ ގިނަ މެމްބަރުންނަކީ ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީގެ މެމްބަރުންނެވެ.

އެ ޕާޓީން ނިންމައިފައި އޮތީ މަޖިލިސް ރައީސްކަމަށް އެ ޕާޓީގެ ފަރާތުން ހުށަހަޅުއްވަން ނިންމައިފައި އޮތީ ފޮނަދޫ ދާއިރާގެ އިންތިޚާބީ މެމްބަރު އަބްދުއްރަހީމް އަބްދުﷲއެވެ.

ނައިބަކަށް ހުށަހަޅުއްވަން ނިންމައިފައި އޮތީ ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ނާޒިމެވެ.

comment ކޮމެންޓް