ސުންގަޑި ހަމަވިއިރު 48 ކެންޑިޑޭޓުން މާލީ ބަޔާން ހުށަނާޅާ

އީސީގެ މެންބަރުން: ރިޓަޔާކުރާ އީސީގެ މުވައްޒަފުންނަށް އިނާޔަތްދޭ އިސްލާހު ވަނީ އުވާލައިފަ -- ފޮޓޯ/ އީސީ

ނިމިދިޔަ 20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ވާދަކުރި ކެންޑިޑޭޓުންގެ ތެރެއިން 48 ކެންޑިޑޭޓުން މާލީ ބަޔާން ހުށަނާޅާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން މިއަދު ބުނެފިއެވެ.

މަޖިލިސް އިންތިޚާބުގައި 368 ކެންޑިޑޭޓުން ވާދަކުރިއިރު، އެ ކެންޑިޑޭޓުންގެ މާލީ ބަޔާން ހުށަހެޅުމުގެ ސުންގަޑި ހަމަވެފައި ވަނީ މިދިޔަ ބުދަ ދުވަހުގެ ނިޔަލަށެވެ.

'ސަން' އަށް މައުލޫމާތު ދެއްވަމުން އީސީގެ މެންބަރު ހަސަން ޒަކަރިއްޔާ ވިދާޅުވީ، ސުންގަޑި ހަމަވިއިރު އެހާތަނަށް މާލީ ބަޔާން ހުށަހެޅީ 320 ކެންޑިޑޭޓުން ކަމަށެވެ. ބާކީ ތިބި 48 ކެންޑިޑޭޓުންގެ ތެރެއިން ބައެއް ކެންޑިޑޭޓުން ވަގުތު ހަމަވި ފަހުން ހުށަހަޅާފައިވާ ކަމަށް ހަސަން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އާންމު ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން މާލީ ބަޔާން ހުށަހެޅުމަށް އިތުރު ވަގުތެއް އީސީއަކަށް ނުދެވޭނެ ކަމަށެވެ. އެހެންކަމުން ސުންގަޑީގެ ފަހުން މާލީ ބަޔާން ހުށަހެޅި ކެންޑިޑޭޓުންގެ މާލީ ބަޔާން ބަލައިގަންނާނީތޯ ނުވަތަ ނޫންތޯ އާއި އެ ފަރާތްތަކަށް ފިޔަވަޅެއް އަޅާނީތޯ އީސީން ނިންމާނެ ކަމަށް ހަސަން ވިދާޅުވިއެވެ.

މަޖިލީސް އިންތިޚާބުގެ ވޯޓުލުން ކުރިއަށްދަނީ -- ސަން ފޮޓޯ/ މޫސާ ނަދީމް

ހަސަން މީގެ ކުރިން "ސަން"އަށް ވިދާޅުވީ، ކެންޑިޑޭޓުން މާލީ ބަޔާން ހުށަހަޅަން ޖެހޭ މުއްދަތުގައި ހުށަނާޅައިފިނަމަ، ގާނޫނުގައި ބުނާ ގޮތަށް އެ މެންބަރުންނަށް ފިޔަވަޅު އެޅުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އަށް ފޮނުވާނެ ކަމަށެވެ. އަދި އެ މެންބަރުންނަށް ޖަލު ހުކުމެއް ނުވަތަ ޖޫރިމަނާއެއް އަންނާނެ ކަމަށް ގާނޫނުގައި ބުނެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މި ކަމާ ގުޅިގެން އީސީގެ ކުރީގެ ނައިބު ރައީސް އިސްމާޢިލް ހަބީބް މިދިޔަ އާދިއްތަ ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މަޖިލީހަށް ކުރިމަތިލި ކެންޑިޑޭޓުން މަޖިލީހަށް އިންތިޚާބު ވިޔަސް ނުވަތަ ނުވިޔަސް، މިދިޔަ ބުދަ ދުވަހުގެ ކުރިން އީސީއަށް މާލީ ބަޔާން ހުށަހަޅަން ޖެހޭނެ ކަމަށެވެ.

މިގޮތުން، ބޭންކް ސްޓޭޓްމަންޓުގައި ހުރި ހުރިހާ މަޢާމަލާތަކާ ގުޅޭ ހުރިހާ ބިލެއް މާލީ ބަޔާނާ އެއްކޮށް ހުށަހަޅަން ޖެހޭ ކަމަށާއި ކުރެވިފައިވާ ކޮންމެ މުޢާމަލާތަކާ ގުޅިގެން ބިލެއް އޮންނަން ޖެހޭ ކަމަށް ހަބީބް ވިދާޅުވިއެވެ.

އެ އިންތިޚާބުގައި ޖުމުލަ 368 ކެންޑިޑޭޓުން ވާދަކޮށްފައިވާއިރު، ސަރުކާރު ހިންގާ ޕީއެންސީން ވަނީ މަޖިލީހުގެ ސުޕަ މެޖޯރިޓީ ކާމިޔާބުކޮށްފައެވެ. އަމިއްލަ ގޮތުން ކުރިމަތިލައިގެން އިންތިޚާބުވި ކެންޑިޑޭޓުންތަކެއް ވެސް އެ ޕާޓީއާ ގުޅިފައިވާއިރު، ޕީއެންސީގެ އިންތިޚާބީ މެންބަރުންގެ އަދަދު 75އަށް އަރައެވެ.

comment ކޮމެންޓް