ދިރާސީ އައު އަހަރުގެ ކިޔެވުން ފެށޭއިރު ޔުނީފޯމާއި ބޫޓާއި ދަބަހާއި ފޮތްތައް ހަމަކޮށް، ދަރިފުޅު ސުކޫލަށް ފޮނުވަން ތައްޔާރުކުރުމުން، ދަރިފުޅުގެ އުނގެނުމާ ގުޅޭ އެންމެހައި ކަންކަން ފުރިހަމަކުރެވުނީކަމަށް ދެކިގެން ނުވާނެއެވެ. މިއާއެކު ކޮންމެ ދުވަހަކުމެ ބެލެނިވެރިޔާ ބަލައި ސަމާލުކަންދޭންޖެހޭ ވަރަށް މުހިއްމު ގިނަ ކަންތައްތަކެއް އެބަހުއްޓެވެ. މީގެ ބައެއް ކަންކަން ތިރީގައި އެވަނީއެވެ.
ދަރިފުޅު މަދަރުސާއަށް ގެންގޮސް ގެނައުން: ކިތަންމެ ބޮޑުވެފައި ހުއްޓަސް ދަރިފުޅު ސުކޫލަށް ގެންގޮސް ގެނައުމުގައި ބެލެނިވެރިޔާގެ އެހީތެރިކަން ދޭންވާނެއެވެ. މާލޭގެ ސުކޫލެއްގެ ދަރިވަރަކު ސުކޫލަށް ނައިސް ގިނަދުވަސްވެގެން ބެލެނިވެރިޔާއާ ސުވާލުކުރުމުން، އޭނާގެ ދަރިފުޅު ބަރާބަރަށް ސުކޫލަށް ދާކަމަށް ބުންޏެވެ. އަދި މާގިނައިން ގަޑިޖެހޭ ކުއްޖަކާ އެކަމާބެހޭގޮތުން ދެކެވުނު ވާހަކައިގައި، އޭނާ ސުކޫލަށް އަޔަސް ނަޔަސް ބެލެނިވެރިޔާއަށް ނޭނގޭނެކަމަށާއި، ހެނދުނު ތެދުވެގެން ސުކޫލަށްދާއިރު ބެލެނިވެރިޔާ އޮންނަނީ ނިދާފައި ކަމަށް ބުނެފައިވެއެވެ.
ބައެއް ބެލެނިވެރީންނަށް ފެންނަނީ ސުކޫލަށޭ ކިޔާފައި ދަރިފުޅު ނިކުންނަ ތަނެވެ. އޭގެ ފަހުން ދެން ކަންތައް ވާގޮތެއް ނުބަލައެވެ. ސުކޫލުތަކުން ލިބޭ މައުލޫމާތުން އެނގޭގޮތުގައި، އެގޮތަށް ސުކޫލަށޭ ކިޔާފައި ނިކުތްނަމަވެސް ސުކޫލަށް ނުދާ ކުދިން ބައެއް ފަހަރަށް ދަނީ ކޮންމެވެސް ރައްޓެހި ކުއްޖެއްގެ ގެއަށެވެ. ނުވަތަ އެނޫންވެސް 'އެކަށީގެންނުވާ' ތަންތަނަށް ގޮސް 'އެކަށީގެންނުވާ' ޢަމަލުތައް ކުރުމުގައި ވަގުތު ހޭދަކުރެއެވެ. އަދި މިގޮތަށް އަޅައިލުމެއްނެތި ވީއްލިގެންދާ ބައެއް ކުދީން އެންމެފަހުން ކުށުގެ ވެށީގައި ހަރަކާތްތެރިވާކަމީ ހަގީގަތެކެވެ. ވީމާ މިފަދަ ހިތާމަވެރި ހާދިސާތަކުން ސަލާމަތްކުރުމަށްޓަކައި، ދަރިފުޅު ސުކޫލަށް ގެންގޮސް ގެނައުމަށް ބެލެނިވެރިޔަކު ދިއުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ.
ރަނގަޅު ނާސްތާއެއް ދީފައި ފޮނުވުން: ދަރިފުޅު ސުކޫލަށް ފޮނުވާއިރު ރަނގަޅު ނާސްތާއެއް ދީފައި ފޮނުވުމަކީ ވަރަށް މުހިއްމު ކަމެކެވެ. ދިރާސާތަކުން ދައްކާގޮތުގައި؛ ރަނގަޅު ކާނާއެއް ދީފައި ސުކޫލަށް ފޮނުވުމަކީ އުނގެނުމުގައި ކާމިޔާބު ކުއްޖަކަށް ވުމަށްޓަކައި ކޮންމެހެން ބޭނުންތެރިކަމެކެވެ. ރަނގަޅު ނާސްތާއެއް ކައިގެން ސުކޫލަށްދާ ކުދީން އެނޫންކުދީންނަށްވުރެ ތޫނުފިލިވެފައި އުނގެނުމަށް ފަހިކަމަށް ހޯދިފައިވެއެވެ. އަދި ހެނދުނު ރަނގަޅު ނާސްތާއެއް ނުކައިދާ ކުދީންނަށް ފިލާވަޅަށް ސަމާލުކަން ދެވޭ މިންވަރު ދަށެވެ. ހަމަ މިއާއެކު، ހެނދުނު ރަނގަޅު ނާސްތާއެއް ނުލިބޭ ކުދީން ބަލިވެގެން ސުކޫލަށް ނައުން ގިނަވުމާއި، އަންނަ ދުވަސްދުވަހުގައިވެސް ބަލިވެގެން ހެލްތު ރޫމަށް ދާންޖެހުން އިތުރުކަންވެސް ފާހަގަ ކުރެވިފައިވެއެވެ.
އިންޓަވަލު ގެންދަންޖެހޭ ކުއްޖެއްނަމަ އިންޓަވަލެއް ދީފައި ފޮނުވުން: މަތީ ގުރޭޑުތަކުގެ ދަރިވަރުން އިންޓަވަލަށް 'ސަލާން ޖަހާ' ހާލަތްތައް މުދައްރިސުން އާއްމުކޮށް ތަޖުރިބާ ކުރެއެވެ. މުދައްރިސަކު ކިޔައިދިން ގޮތުގައި؛ ގުރޭޑު 10 ގައި އުޅޭ ބައެއް ދަރިވަރުން، ކުލާހުގެ އެހެން ކުދީން ގާތުގައި ކާ އެއްޗެތި ދިނުމަށް އެދެއެވެ. އަދި ބައެއްފަހަރު އިންޓަވަލު ގަޑީގައި ކުލާހުން ނިކުމެ އެހެން ކުލާސްތަކުގެ ކައިރިޔަށް ގޮސް އަތް ދިއްކޮށް ކާއެއްޗެއް ދިނުމަށް އެދޭ މަންޒަރުވެސް ފެނެއެވެ. މިފަދަ ބައެއް ދުވަސްދުވަހު މުދައްރިސްގެ ހިތަށް ކުޅަދާނަ ނުވެގެން، އޭނާ ކާން ގެންގޮސްފައި ހުންނަ އެތިކޮޅު އޭގެތެރެއިން ބައެއް ކުދީންނަށް ދެއެވެ.
ފާހަގަކުރެވޭގޮތުގައި އެގޮތަށް އިންޓަވަލަށް ސަލާންޖަހާ ބައެއް ދަރިވަރުންނަކީ ހެނދުނު އެއްވެސް އެއްޗެއް ނުކައި ސުކޫލަށްދާ ކުދީންނެވެ. އަދި ނުވިތާކަށް އެކުދީންގެ އިންޓަވަލަށްވެސް އެއްޗެއް ގެންދާކަށް ނުލިބެއެވެ. ފަހަރެއްގައި މިއީ ދަރިވަރު އިންޓަވަލަށް ސަލާންޖަހާ ހަމައެކަނި ސަބަބުކަމަށް ނުވެދާނެއެވެ. ނަމަވެސް ބެލެނިވެރީންގެ ފަރުވާ ކުޑަވުމުގެ ސަބަބުން މިފަދަ ކަމެއް ހިނގުމުގެ ފުރުސަތު އެއްގޮތަކަށްވެސް ދީގެންނުވާނެއެވެ. އިންޓަވަލު ގަޑީގައި ކުލާހުގެ އެހެންކުދީން ކާން ތިބޭއިރު ކާ އެއްޗެއް ނުގެންދާ ކުއްޖާ ދެރަވެ ލަދު ގަންނާނެއެވެ. ނުވަތަ ކުރީން ބުނި ކުދީންހެން ލަދު ފިލައި ގޮސް އެހެން ކުދީންގެ އަތުން ކާ އެއްޗެތި ހޯދަން މަސައްކަތްކޮށްފާނެއެވެ. މިއީ ކިހައި ހިތްދަތި މަންޒަރެއް ހެއްޔެވެ؟ ވީމާ، އެންމެ މޮޅު ކެއުމަކަށް ނުވިޔަސް، ލިބުނު މިންވަރަކުން، ކޮންމެވެސް ކާއެއްޗެއް ދީފައި ދަރިފުޅު ސުކޫލަށް ފޮނުވަން ހަނދާން ބަހައްޓަންވާނެއެވެ. ބަނޑުހައިވެގެން އާވާރާއެއްހެން ކާއެއްޗެއް ހޯދުމަށް އެހެންކުދީން ގާތު އާދޭސްކުރަން ދަރިފުޅު ދޫކޮށްލައިގެން ނުވާނެއެވެ.
އެންމެ އެދެވިގެންވަނީ އިންޓަވަލު ގަންނަން ފައިސާ ދިނުމުގެ ބަދަލުގައި ސީދާ ކާއެއްޗެއް ދީފައި ފޮނުވުމެވެ. ޒަމާނަށް އައިސްފައިވާ ބަދަލާއެކު، އިންޓަވަލަށްދޭ ފައިސާ ބޭނުންކޮށްގެން ނޭދެވޭ ޢަމަލުތައް ކުރުން މިހާރު ވަރަށް އާއްމެވެ. އެގޮތުން ސިނގިރޭޓާއި ވޭޕާއި މަސްތުވާ ތަކެތި ގަތުމާއި އެނޫންވެސް ވިޔާނުދާ ޢަމަލުތައް ކުރުމަށް އެފައިސާ ބޭނުންކުރާ ކުދީން ދަނީ ގިނަވަމުންނެވެ. ވުމާއެކު މިކަމަށްވެސް ބެލެނިވެރީން ޚާއްސަ ސަމާލުކަމެއް ދޭންވާނެއެވެ.
ގުރޫޕު ސްޓަޑީއަށާއި ޓިއުޝަނަށް ފޮނުވުމުގައި ސަމާލުކަން ދިނުން: ދަރިފުޅު ޓިއުޝަނަށް ފޮނުވުމަކީ އެކަމަށް ކޮންމެހެން ބޭނުން ނުޖެހުނަސް މިފަހަކަށް އައިސް ގިނަ ބެލެނިވެރިން ކުރާ ކަމެކެވެ. ކޮންމެގޮތެއްގައިވިޔަސް މިފަދަ ކަމަކަށް ދަރިފުޅު ބޭރަށް ފޮނުވާނަމަ އޭނާ އުޅޭނޫޅޭގޮތް ބެލެނިވެރިޔާ ބަލަންވާނެއެވެ. ޓިއުޝަނަށް ނުވަތަ ގުރޫޕު ސްޓަޑީއަށްދާ ކުދީން ދަބަސް އަޅުވައިގެން ޕާކުތަކާއި އެނޫންވެސް ތަންތަނަށް ގޮސް، ދެޖިންސުގެ ކުދީން މަސްހުނިވެ ސަކަރާތްޖަހައި މައްލަވަކުރުމުގައި އެތައް ވަގުތެއް ހޭދަކުރެއެވެ. އަތްނުފޯރާ ވަރުގެ ބޮޑެތި އަގުތަކާއެކުވެސް ހުރިހާ މާއްދާއަކުން ޓިއުޝަން ނަގަން ފޮނުވާއިރު އެކަމުން ދަރިފުޅަށް ލިބެނީ ފައިދާތޯ ނުވަތަ ގެއްލުންތޯ ބަލައިލަނީ ކިތައް ބެލެނިވެރީންހެއްޔެވެ؟ ބައެއް ދަރިވަރުން އާދޭސްކޮށްގެންވިޔަސް ޓިއުޝަނަށް ދާން އުޅެނީ ހަމަ ކިޔަވާ ހިތުންތޯ ނުވަތަ އެހެން ބޭނުމެއްގައިތޯވެސް ބަލައިލުން ރަނގަޅުވާނެއެވެ.
މަތީގައި ބުނި ކަންތައްތަކުގެ އިތުރުން، މައިންބަފައިންނާއި ބެލެނިވެރީން ޚާއްސަ ސަމާލުކަމެއް ދޭންޖެހޭ އަނެއް ކަމަކީ ވަގުތަށް ފަރުވާތެރިވުމަށް ދަރިފުޅު ހޭނުވުމެވެ. އޭގެ މުހިއްމުކަން އަބަދުވެސް ހަނދާންކޮށްދީ، ޢަމަލީގޮތުން އެކަން ކުރުމަށް ދަރިވަރަށް އެހީތެރިވެދިނުމެވެ. ނަމާދުތައް އޭގެ ވަގުތުގައި އަދާކޮށް، ސުކޫލަށް ހާޒިރުވާންޖެހޭ ގަޑިތަކަށް ބަރާބަރަށް ދަރިވަރު ހާޒިރުވޭތޯއާއި އެނޫނަސް ވަކި ވަގުތެއްގައި ކުރަންޖެހޭ ކަންކަން ދަރިފުޅު ކުރޭތޯ ބެލުމަކީ ބެލެނިވެރިޔާގެ ޒިންމާއެއްކަމުގައި ދެކިގެން އެކަން ކުރަންވާނެއެވެ. ވަގުތަށް ފަރުވާތެރިވުމަށް ދަރިފުޅު ހާނުވަން ލިބޭ އެންމެ ރަނގަޅު ފުރުސަތަކީ މަދަރުސީ ހަޔާތްކަން ދަންނާންވާނެއެވެ. ތޭރަ ވަރަކަށް އަހަރަށް ދެމިގެންދާ މި ރަނުގެ ފުރުސަތުގެ ބޭނުން ހެޔޮގޮތުގައި ނުހިފައި، ދަންވަރެއް ފަތިހެއް ނުބަލައި ދަރިފުޅު ބޭނުންގޮތަކަށް ވަގުތުތައް ހޭދަކޮށްލުމަށް ދޫކޮށްލައިފިނަމަ އޭގެ ހިތި ނަތީޖާ ދަރިފުޅުގެ ދިރިއުޅުމުން ފެންނާނެއެވެ. އެކަމުގެ ސަބަބުން އުނގެނުމަށް ކުރާ ނޭދެވޭ އަސަރުގެ އިތުރުން، ބޭރުގައި ނުވަތަ ގޭގައިކަމަށްވިޔަސް ދަންވަރު ނުނިދައި އުޅެން ފަށައިފިނަމަ ވިޔާނުދާ ކަންތައްތަކެއްގެތެރެއަށް ދަރިފުޅު ވެއްޓިގެން ދިއުން އޮންނާނީ ވަރަށް ގާތުގައެވެ.
ވީމާ މި ފެށޭ ދިރާސީ އައު އަހަރާއެކު، ބަޔާންވެ ދިޔަ ކަންތައްތަކާމެދު ޚާއްސަ ސަމާލުކަމެއް ދީގެން، ދަރިފުޅުގެ މަދުރަސީ ހަޔާތް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަށް އެހީތެރިވެދޭ މަޔަކަށް ބަފަޔަކަށް ނުވަތަ ބެލެނިވެރިއަކަށް ވުމަށް އަޒުމު ކަނޑައަޅަމާ ހިނގާށެވެ.