ލަންކާ މީހާ އެތެރެވިޔަ ނުދިނީ ޑީޕޯޓްކޮށްފައި ހުރުމުން: ޝަމްއާން

އިމިގްރޭޝަން ކޮންޓްރޯލަރު މުޙައްމަދު ޝަމްއާން ވަހީދު -- ފޮޓޯ: އިމިގްރޭޝަން

މިއަދު ހެނދުނު ރާއްޖެ އައި ލަންކާއަށް ނިސްބަތްވާ ނަދީޝް ޕެރޭރާ އެތެރެވިޔަ ނުދިނީ އޭނާއަކީ މީގެކުރިން އިމިގްރޭޝަނުން ޑީޕޯޓްކޮށްފައިވާ މީހަކަށް ވާތީ ކަމަށް އިމިގްރޭޝަން ކޮންޓްރޯލަރު މުޙައްމަދު ޝަމްއާން ވަހީދު މިރޭ ވިދާޅުވެއްޖެއެވެ.

އޭނާގެ މައްސަލައިގެ ތަފްސީލް "ސަން"އާ ހިއްސާކުރައްވަމުން ޝަމްއާން ވިދާޅުވީ ނަދީޝްއަކީ އިމްގްރޭޝަންގެ ގާނުނުގެ ދަށުން ރާއްޖެ އެތެރެވުމުގެ ހުއްދަ ނެތް މީހެއް ކަމަށެވެ.

މިގޮތުން، އިމިގްރޭޝަންގެ ގާނޫނުގެ ވިހި ވަނަ މާއްދާއަށް ރިއާޔަތްކޮށް، އެ ގާނޫނޫގެ 33 ވަނަ މާއްދާގެ ދަށުން މި މަހުގެ ހަަތަރުވަނަ ދުވަހުން ފެށިގެން ނަދީޝަށް ވަކި މުއްދަތެއް ނެތްގޮތަށް ރާއްޖެ ނާދެވޭ ގޮތަށް ޑިޕޯޓްކޮށްލާފައިވާކަމަށް ޝަމްއާން ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ އިމިގްރޭޝަން ގާނޫނާ ޚިލާފުވެގެން، އަޅުގަނޑުމެން އިތުރަށް މައްސަލަ ބަލަމުންދާ ކޭސްއެއްގައި އުޅޭ ފަރާތެއް އެ ލަންކާ ރައްޔިތަކީ،" ޝަމްއާން ވިދާޅުވިއެވެ.

އެއާއެކު، ގާނޫނުގެ ދަށުން ލިބޭ އިޚްތިޔާރުގެ ދަށުން އިމިގްރޭޝަން ގާނޫނާއި ޚިލާފުވާ ހުރިހާ ފަރާތްތަކަށް ފަޔަވަޅު އަޅަމުންދާނެ ކަމަށް ޝަމްއާން ވިދާޅުވިއެވެ.

https://sun.mv/192388

އެ މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށް ނަދީޝްގެ ގާނޫނީ ވަކީލު އަދި އެމްއެމް ޗެމްބާސްގެ މެނޭޖިން ޕާޓްނަރު މަރިޔަމް މުނާ ވިދާޅުވީ، އެ މީހާ ރާއްޖެ އެތެރެވިޔަނުދީ ހިފެހެއްޓުމަށް ފަހު، ވަކީލުންނަށް ވެސް އޭނާއާ ބައްދަލުކުރެވިފައިނުވާ ކަމަށެވެ.

އެހެންވެ، ނަދީޝަށް ރާއްޖެ އެތެރެވުމުގެ ފުރުސަތު ނުދިނުމުން އޭނާގެ ވަކީލުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މުނާ ވިދާޅުވި ގޮތުގައި ނަދީޝް މިހާރު ވަނީ ރާއްޖެ އެތެރެނުވެވޭނެކަން އަންގައި، ސްރީލަންކަން އެއާލައިންސްއާ ހަވާލުކޮށްފައެވެ. އަދި، އޭނާ ބޭނުން އިރަކު ލަންކާއަށް އަނބުރާ ފުރޭގޮތަށް އެ އެއާލައިނުން މިހާރު ވަނީ ހަމަޖައްސައިފައެވެ.

comment ކޮމެންޓް