ލަންކާ މީހަކު ރާއްޖެ އެތެރެވިޔަ ނުދިނުމުން ކަންބޮޑުވުން

ޖުލައި 15، 2020: އިމިގްރޭޝަންގެ މުވައްޒަފުންތަކެއް: ރާއްޖެއައި ލަންކާ މީހަކު އަނބުރާ ފޮނުވާލި މައްސަލައެއް ވަނީ ފެންމަތިވެފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖެ އައި ސްރީލަންކާ މީހަކަށް މިއަދު ރާއްޖެ އެތެރެނުވެވިގެން އޭނާގެ ގާނޫނީ ވަކީލުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

މިއަދު ހެނދުނު 8:30 ގައި ރާއްޖެއައި ލަންކާއަށް ނިސްބަތްވާ ނަދީޝް ޕެރޭރާއަކީ ކުރިން ދިވެއްސަކާ ކައިވެނިކޮށްގެން އުޅުނު މީހެކެވެ. އަދި، އެ މީހާގެ ދަރިއެއް ވެސް ހުރެއެވެ.

އެކަމަކު، އެ މީހާ މިއަދު ހެނދުނު ރާއްޖެ އައުމުން އިމިގްރޭޝަނުން ވަނީ އެ މީހާ ރާއްޖެ އެތެރެވިޔަނުދީ ހިފަހައްޓައިފައެވެ.

އެ ކަމާ ގުޅިގެން 'ސަން'އާ ވާހަކަދައްކަމުން ނަދީޝްގެ ގާނޫނީ ވަކީލު އަދި އެމްއެމް ޗެމްބާސްގެ މެނޭޖިން ޕާޓްނަރު މަރިޔަމް މުނާ ވިދާޅުވީ، އެ މީހާ ރާއްޖެއައި މިއަދު ހެނދުނު 8:30 ގެ ފްލައިޓުން ކަމަށެވެ. އެކަމަކު، އެ މީހާ ރާއްޖެ އެތެރެވިޔަނުދީ ހިފެހެއްޓުމަށް ފަހު، ވަކީލުންނަށް ވެސް އޭނާއާ ބައްދަލުކުރެވިފައިނުވާ ކަމަށެވެ.

"އިމިގްރޭޝަން ތައްގަނޑު ނުޖަހާހާ ހިނދަކު ދިވެހި ލޯޔަރުންނަކަށް އެކްސެސްއެއް ނުލިބޭނެ ކަމަށް އަންގަނީ،" މުނާ ވިދާޅުވިއެވެ.

އެކަމަކު، އޭނާ ރާއްޖެ އެތެރެވިޔަނުދީ ހިފެހެއްޓީ އޭނާގެ ކުރީގެ އަނބިމީހާ ރައްކާތެރިކޮށްދިނުމުގެ އަމުރެއް އޮތުމުން ކަމަށް އިމިގްރޭޝަންގެ އޮފިޝަލުން ލަންކާ ހައިކޮމިޝަންގައި ބުނެފައިވާ ކަމަށް މުނާ ވިދާޅުވިއެވެ. ނަމަވެސް އެއީ އިމިގްރޭޝަންގެ މައްޗަށް ކޮށްފައި އޮތް އަމުރެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ހެނދުނުން ފެށިގެން ހަވީރުވީއިރު ވެސް ވަކީލުންނަށް ނަދީޝާ ބައްދަލުކުރުމުގެ ފުރުސަތު ދީފައިނުވާ ކަމަށެވެ.

މުނާ ވިދާޅުވި ގޮތުގައި ނަދީޝް މިހާރު ވަނީ ރާއްޖެ އެތެރެނުވެވޭނެކަން އަންގައި، ސްރީލަންކަން އެއާލައިންސްއާ ހަވާލުކޮށްފައެވެ. އަދި، އޭނާ ބޭނުން އިރަކު ލަންކާއަށް އަނބުރާ ފުރޭގޮތަށް އެ އެއާލައިނުން މިހާރު ވަނީ ހަމަޖައްސައިފައެވެ.

ނަދީޝަށް ރާއްޖެ އެތެރެވުމުގެ ފުރުސަތު ނުދިނުމުން އޭނާގެ ވަކީލުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މި މައްސަލައިގައި މިހާތަނަށް އިމިގްރޭޝަންސްގެ ރަސްމީ ބަހެއް ލިބިފައެއް ނުވެއެވެ.

comment ކޮމެންޓް