މީހުންނަށް ބިރުދައްކައި ފޭރޭކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދެ މީހެއްގެ އަތުން ފެނުނު ފޯނުން އެތައް ބައެއްގެ ބަރަހަނާ މަންޒަރުތައް ފެނިއްޖެއެވެ.
މީހުންނަށް ބިރު ދައްކައި، ފޭރޭކަމުގެ ތުހުމަތުގައި ހައްޔަރުކުރީ 30 އަހަރާއި 35 އަހަރުގެ ދިވެހި ދެ ފިރިހެނުންނެވެ. އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް އިއްޔެ ހާޒިރުކުރުމުން އެ ކޯޓުން ވަނީ ދެ މީހުން ވެސް ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކޮށްފައެވެ.
ހައްޔަރުކުރި ދެ މީހުންނަކީ ވެސް ކުށުގެ ރިކޯޑު އޮންނަ ދެ މީހުންނެވެ.
އެއީ ސީދާ ކޮން ހާދިސާއަކާ ގުޅިގެން ހައްޔަރުކުރި މީހުން ކަމެއް ކަށަވަރުނުވި ނަމަވެސް، އެ މީހުން ހައްޔަރުކޮށްފައިވަނީ ފޭރުމުގެ މައްސަލައެއްގައި، ހާދިސާ ހިނގިތާ ކުޑަ ވަގުތުކޮޅެއް ތެރޭގައެވެ.
އެ ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ފުލުހުން ވަނީ ދެ މީހުންގެ އަތުން ފެނުނު ފޯނުގައި ގިނަ އަދަދެއްގެ މީހުންގެ ބަރަހަނާ ފޮޓޯއާއި ވީޑިއޯ ހުރިކަން ފާހަގަކޮށްފައެވެ.
އެހެންވެ، މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރަން ކްރިމިނަލް ކޯޓުގައި އެ މައްސަލަ ބެއްލެވި ގާޒީ އިސްމާއިލް ޝަފީއު ވަނީ ދެ މީހުން ވެސް ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކޮށްފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މީހުންނަށް ބިރުދައްކައިގެން ފޭރުމުގެ ގިނަ މައްސަތަކެއް މި ފަހުން ވަނީ ފެންމަތިވެފައެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ވެސް މީހުން އެޕާޓްމެންޓަކަށް ގެންގޮސްގެން ބަރަހަނާކޮށް، ފޮޓޯއާއި ވީޑިއޯ ނަގައިގެން ބިރުދައްކައިގެން ފޭރޭކަމުގެ މައްސަލައެއް ފުލުހަށް ވަނީ ރިޕޯޓުކޮށްފައެވެ. އަދި، މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ ގިނަ މައްސަލަތަކެއް ވެސް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.