އެމްއެމްޕީއާރުސީގެ ހިންގުން ޑީއެމްޑީ ބައްސާމާ ހަވާލުކޮށްފި

އެމްއެމްޕީއާރުސީގެ ހިންގުން ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ބައްސާމް އާދަމް: އޭނާއާ ވަނީ ކުންފުނި ހިންގުން ހަވާލުކޮށްފައި --

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ހިންގުން ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ބައްސާމް އާދަމްއާ މިއަދު ހަވާލުކޮށްފިއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ)އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އޭނާއާ އެމްއެމްޕީއާރުސީގެ ހިންގުން ހަވާލުކުރީ ވަގުތީ ގޮތުން ކަމަށެވެ.

ބައްސާމް އެކުންފުނީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ފުރައްސާކުރި ކަމަށް ތުހުމަތުކޮށް ސޯޝަލް މީޑީއާގައި މީގެ ކުރިން މައްސަލައެއް ފެންމަތިވިއެވެ. އެ މައްސަލައިގައި މިދިޔަ މަހުގެ ދެ ވަނަ ދުވަހު ބައްސާމް ސަސްޕެންޑު ކުރި ކަމަށް މައުލޫމާތު ލިބުނު ނަމަވެސް، އެނގިފައިވާ ގޮތުގައި އޭނާ އެ ދުވަސްވަރު އަމިއްލައަށް މަގާމުން އެކަހެރިވީއެވެ.

އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ފާތިމަތު ތައުފީގު ވަނީ އިއްޔެ އެ މަގާމުން ވަކިކޮށްފައެވެ.

އޭނާ މަގާމުން ވަކިކޮށްފައިވާއިރު، އެމްއެމްޕީއާރުސީގެ ޗެއާޕާސަން އައިޝާ ނޫރައިން ޖަނާހު ވަނީ އަންގާރަ ދުވަހު މަގާމުން އިސްތިއުފާ ދެއްވައިފައެވެ.

އެމްއެމްޕީއާރުސީ ހިންގަމުން އަންނަ ގޮތާ ގުޅޭ ގޮތުން ކުންފުނީގެ ވެރިންގެ މެދުގައި އާއި ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލްއާ ދެމެދުގައި ވެސް ދެބަސްވުން އުފެދި، މައްސަލަ ގޯސްވެފައިވާ ކަމަށް ބައެއް ފަރާތްތަކުން ވަނީ ތުހުމަތުކޮށްފައެވެ.

ނަމަވެސް، މިނިސްޓަރު ފައިސަލް ވަނީ އެ ތުހުމަތު ދޮގުކުރައްވައިފައެވެ.

މީގެ ކުރިން ޕީސީބީން ވަނީ، މިފްކޯގެ ސީއީއޯގެ މަގާމުގައި ހުންނެވި އަހުމަދު ސަމާހު ރަޝީދާއި ހައުސިން ޑިވޮލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ)ގެ ޗެއާމަން އަހުމަދު ޒުހޫރު މަގާމުން ވަކިކޮށްފައެވެ.

https://sun.mv/192338

ސަރުކާރުން މިއަދު ބުނީ މަގާމުތަކަށް ބަދަލު ގެންނަނީ ކަންކަން ރަނގަޅުކޮށް، ފަސޭހަކުރަން ކަމަށެވެ.

comment ކޮމެންޓް