ފަތުރުވެރިކަމުގެ ދާއިރާގައި ޑޭޓާ އާއި އިންޓެލިޖެންސް ކުރިއެރުވުމަށް ރާއްޖޭގައި ފުރަތަމަ ފަހަރަށް ޑެސްޓިނޭޝަން އެޑްވާންސްމަންޓް ތްރޫ އެނަލިޓިކްސް ފޯރަމް ބާއްވައިފިއެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)އިން ބުނީ، މި ފޯރަމްގައި ދުނިޔޭގެ ފަތުރުވެރިކަމުގެ ޑޭޓާ ދާއިރާގެ މުހިންމު ފަރާތްތައް އެއްތަނަކަށް ޖަމާވި ކަމަށެވެ.
މި ފޯރަމްގައި ކޮންޒިއުމާ އެންގޭޖްމަންޓާއި ޑެސްޓިނޭޝަން މެނޭޖްމަންޓް އަދި ދަތުރުފަތުރާއި ފަތުރުވެރިކަމުގެ ދާއިރާގައި އޮޕަރޭޝަނަލް އިފެކްޓިވްކަން އިތުރުކުރުމަށް ބޭނުންވާ މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށް އެމްއެމްޕީއާރުސީން ބުނެފައިވެއެވެ.
ބަނޑޮސް މޯލްޑިވްސްް ރިސޯޓުގައި ކުރިއަށް ގެންދިޔަ މިހަރަކާތުގައި އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީ ވިދާޅުވީ، ޓެރެވަލް އިންޑަސްޓްރީ ހަލުވިކަމާއެކު ކުރިއަރަމުން އަންނައިރުގައި ވިޔަފާރިތަކުން ޑޭޓާގެ ބޭނުން ހަރުދަނާ ގޮތުގައި ހިފުން ބޭނުންތެރި ކަމަކަށް ބަދަލުވެފައިވާ ކަމަށެވެ.
އެގޮތުން، މި ފޯރަމަކީ ފަތުރުވެރިކަމުގެ ވިޔަފާރިތަކާއި ޕްރޮޕަޓީތަކާއި ޕްރޮފެޝަނަލުންނާއި ކޮންސިއުމާ އެންގޭޖްމަންޓާއި މެނޭޖްމަންޓް ހަރުދަނާ ކުރުމަށް ބޭނުންވާ ވަސީލަތްތަކާއި ޚިޔާލުތައް ހޯދައިދިނުމަށް ޚާއްސަ ފޯރަމެއް ކަމަށް ޝިއުރީ ވިދާޅުވެފައިވެއެވެ.
މިހަރަކާތުގެ ހެނދުނުގެ ސެޝަންތަކުގައި ޚާއްސަ ޕްރެޒެންޓޭޝަންތައް ގެނެސްދީފައިވާ ކަމަށް އެމްއެމްޕީއާރުސީން ބުނެފައިވެއެވެ.
އޭގެ ތެރެއިން އ-ީޓޫރިޒަމް ފްރޮންޓިއާސްގެ ސީއީއޯ ސާރާ މެތިއުސް، ޒަމާނީ ފަތުރުވެރިކަމުގައި ޑޭޓާގެ ބޭނުން ކުރެވޭ ކަންކަމާ ބެހޭ 'ޑޭޓާ އެވްރީވެއާ' މައުލޫއަށް ދެއްކެވި ވާހަކަތައް ފާހަގަކޮށްލެވޭ ކަމަށް އެމްއެމްޕީއާރުސީން ބުންޏެވެ.
އޭގެއިތުރުން، ޓޫރިޒަމް އިކޮނޮމިކްސް އޮކްސްފޯޑުގެ މައިކަލް ޝޫރީ ދުނިޔޭގެ އިޤްތިސާދީ ވިސްނުމާ ބެހޭ ގޮތުން ވާހަކަދައްކަވާފައިވާއިރު، ޔޫނިއަން ޕޭގެ ހޫ ބިންގްހާން ވަނީ ޗައިނާގެ އައުޓްބައުންޑް ފަތުރުވެރިކަން އަލުން ފެށުމާއި ދުނިޔޭގެ ހަރަދުކުރުމުގެ ވައްޓަފާޅިއާ ބެހޭ ގޮތުން ވާހަކަ ދައްކަވާފައެވެ.
އެމްއެމްޕީއާރުސީން ބުނީ، މެންދުރުގެ ސެޝަންތަކުގައި ފޯވާޑް ކީސްގެ އޮލިވިއޭ ޕޮންޓީ ފަދަ ތަޖުރިބާކާރުން ވަނީ ދަތުރުވެރިންގެ އަމަލުތައް އަންދާޒާ ކުރުމާ ބެހޭ ގޮތުން މަޝްވަރާކޮށްފައިވާ ކަމަށެވެ. މިގޮތުން، އަދާރާގެ ބާރަތު ނާގްޕާލް ވަނީ ޑޭޓާ މެދުވެރިކޮށް ކާމިޔާބީ ދެނެގަނެވޭނެ ހަރުދަނާ ގޮތްތައް ހިއްސާކޮށްދީފައިވެއެވެ.
މި ޙަރަކާތުގައި ހަލުވިކަމާއެކު ކުރިއަރަމުން އަންނަ ފަތުރުވެރިކަމުގެ ޞިނާޢަތް ކުރިއަށް ގެންދިއުމަށް ޑޭޓާ ބޭނުންކުރެވިދާނެ ގޮތްތަކުގެ މައްޗަށް އަލިއަޅުވާލާފައިވެއެވެ.
އެއާއެކު، މުސްތަގުބަލުގައި ދަތުރުފަތުރުކުރުމުގެ އަމަލުތަކާއި އިޤްތިޞާދީ އަސަރުތަކާއި ކޮންސިއުމާ އެންގޭޖްމަންޓް ސްޓްރެޓެޖީތައް އަންދާޒާކުރުމަށް ވިޔަފާރިތަކަށް އެހީތެރިވެދިނުމުގެ ގޮތުން ދުނިޔޭގެ ޓްރެވަލް ޓްރެންޑްތަކާ ބެހޭ ގޮތުން ރިއަލް ޓައިމް އިންސައިޓްސް ފޯރުކޮށްދީފައިވެއެވެ.
މީގެ އިތުރުން، ޑޭޓާ ބޭނުންކޮށްގެން ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވޭނެ ގޮތްވެސް ވަނީ ދައްކުވައިދީފަވާ ކަމަށް އެމްއެމްޕީއާރުސީން މައުލޫމާތުދެއެވެ.
މި ހަރަކާތް ނިންމާލާފައިވަނީ ޓްރެވަލް އެންޑް ޑޭޓާގެ މުސްތަގުބަލާ ގުޅޭ ގޮތުން ކުރިއަށް ގެންދިޔަ ހާއްސަ ޕެނަލް ޑިސްކަޝަންއަކުން ކަމަށްވާއިރު، ހަރަކާތުގައި ލިބުނު ނެޓްވޯކިންގެ ފުރުސަތްތަކުގެ ސަބަބުން ބައިވެރިންނަށް ގުޅުން ބަދަހިކުރުމާ މުސްތަގުބަލާ ބެހޭ ގޮތުން މަޝްވަރާ ކުރުމުގެ ގިނަގުނަ ފުރުސަތުތައް ވެސް ލިބިފައިވާ ކަން ފާހަގަކޮށްލެވެއެވެ.