މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)އިން އިޓަލީގެ ރިމިނީގައި ކުރިއަށްދާ ޓީޓީޖީ ޓްރެވަލް އެކްސްޕީރިއަންސް 2024ގައި ރާއްޖެ ޕްރޮމޯޓުކުރަން ފަށައިފިއެވެ.
އިއްޔެ ފެށި މި ހަރަކާތުގައި، ރާއްޖޭގެ ފަތުރުވެރިކަން ތަމްސީލުކުރާ 25 ކުންފުންޏެއްގެ 64 މަންދޫބުން ބައިވެރިވެފައިވާއިރު، އިޓަލީގެ މާކެޓުގައި ރާއްޖެއަކީ އެންމެ އެދެވޭ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި އިޝްތިހާރުކުރުމުގެ މަސައްކަތް ކުރަމުންނެވެ.
އެމްއެމްޕީއާރުސީން ބުނީ، މި ހަރަކާތުގައި ބައިނަލްއަގުވާމީ އޮޕަރޭޓަރުންނާއި ދާއިރާގެ މުހިންމު ފަރާތްތައް އެއްވާނެ ކަމަށެވެ. އޭގެެތެރޭގައި، ޓޫރިޒަމް ބޯޑުތަކާއި ޓުއާ އޮޕަރޭޓަރުންނާއި ޓްރެވަލް އެޖެންޓުންނާއި އެއާލައިންތަކާއި އެކޮމޮޑޭޝަން ޕްރޮވައިޑަރުން ހިމެނެއެވެ.

ފަތުރުވެރިން އަންނަ މިންވަރު އިތުރުކުރުމަށް އެމްއެމްޕީއާރުސީން އިޓަލީގައި ރާއްޖެ ޕްރޮމޯޓު ކުރަނީ ---- ފޮޓޯ/ އެމްއެމްޕީއާރުސީ
އިޓަލީއަކީ ތާރީޚީ ގޮތުން ރާއްޖޭގެ އެންމެ ފާހަގަކޮށްލެވޭ އެއް ސޯސް މާކެޓަށްވާތީ، އިޓަލީގެ ފަތުރުވެރިންނަށް އެންމެ ކަމުދާ މަންޒިލަކީ ރާއްޖެއަށް ހެދުމަށް މަސައްކަތް ކުރުން މުހިންމު ކަން އެމްއެމްޕީއާރުސީން ފާހަގަކޮށްފައިވެއެވެ.
މި ހަރަކާތް ކުރިއަށްދާނީ މާދަމާ ގެ ނިޔަލަށެވެ.
އެގޮތުން، މި ހަރަކާތުގެ ތެރެއިން ޓްރެވަލް އެޖެންޓުންނާއި ޓުއާ އޮޕަރޭޓަރުންނާއި މީޑިއާ ފަދަ އެކިއެކި ސްޓޭކްހޯލްޑަރުންނާއެކު ބައްދަލުވުންތައް އެމްއެމްޕީއާރުސީން ބާއްވަމުން އަންނައިރު، ރާއްޖެއަށް ޝައުގުވެރި ކުރަން ތަފާތު ހަރަކާތްތައް ހިންގާ ކަމަށް ބުނެފައިވެއެވެ.

ފަތުރުވެރިން އަންނަ މިންވަރު އިތުރުކުރުމަށް އެމްއެމްޕީއާރުސީން އިޓަލީގައި ރާއްޖެ ޕްރޮމޯޓު ކުރަނީ ---- ފޮޓޯ/ އެމްއެމްޕީއާރުސީ
މިފެއާގައި ބައިވެރިވުމުގެ ސަބަބުން އިންޑަސްޓްރީގެ ޕާޓްނަރުންނަށް އެފަރާތްތަކުގެ ޚިދުމަތުގެ އެންމެ ފަހުގެ އަޕްޑޭޓްތައް ޙިއްޞާކުރެވޭނެ ޕްލެޓްފޯމެއްވެސް ލިބިގެންދޭއެމްއެމްޕީއާރުސީ
ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް އިއްޔެ ވަނީ، އިޓަލީގެ ޓޫރިޒަމް މިނިސްޓަރު ޑެނިއެލާ ސަންޓަންކޭއާ ބައްދަލުކުރައްވައި އެގައުމުގެ ފަތުރުވެރިން ރާއްޖެ އަންނަ މިންވަރު އިތުރުކުރަން މަޝްވަރާ ކުރައްވައިފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، މި މަހު އެއްވަނަ ދުވަހުގެ ނިޔަލަށް އިޓަލީން 106,946 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވެއެވެ.