ކުދި ދައުލަތްތަައް ހިމާޔަތްކުރަން ބައިނަލްއަގުވާމީ މުޖުތަމައު މުހިންމު: އިހުސާން

ގްލޯބަލް ސެކިއުރިޓީ ފޯރަމްގައި ހޯމް މިނިސްޓަރު އިހުސާން: ވިދާޅުވީ ރާއްޖެ ފަދަ ކުދި ޖަޒީރާ ދައުލަތްތަކާއި އިގުތިސާދީ ގޮތުންނާއި އަދި އަސްކަރީ ގޮތުން ބަލިކަށި ދައުލަތްތަކަށް އިޙުތިރާމްކޮށް، ހިމާޔަތްކޮށް، ދަމަހައްޓައިދިނުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ދައުރު ފާހަގަކުރުން މުހިންމު ކަމަށް -- ފޮޓޯ/ މިނިސްޓްރީ

ދިވެހިރާއްޖެ ފަދަ ކުދި ޖަޒީރާ ދައުލަތްތަކާއި އިގުތިސާދީ ގޮތުންނާއި އަސްކަރީ ގޮތުން ބަލިކަށި ދައުލަތްތަކަށް އިޙުތިރާމްކުރުމާއި ހިމާޔަތްކުރުމުގައި ބައިނަލްއަޤުވާމީ މުޖުތަމަޢުގެ ދައުރު މުހިންމު ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

ގަތަރުގެ ދޯހާގައި ކުރިއަށްދިޔަ ގްލޯބަލް ސެކިއުރިޓީ ފޯރަމްގައި ތަގުރީރުކުރައްވަމުން މިނިސްޓަރު ވިދާޅުވީ އަހަރުތަކެއް ވަންދެން ރާއްޖެއިން ޑިޕްލޮމެޓިކް ގުޅުންތައް އެކި ބާރުތަކާ އެކު ދަމަހައްޓަމުން އައިސްފައިވާ ކަމަށެވެ.

ނަމަވެސް މިނިސްޓަރު ވިދާޅުވީ, ރާއްޖެވަނީ ނާޒުކު ފައްތަރެއްގައި ކަމަށެވެ. އެ ގޮތުން، އެއްފަރާތުން އިޤުތިޞާދީ ތަރައްޤީއާއި އިންފްރާސްޓްރަކްޗަރާއި އިންވެސްޓްމަންޓްތަކާއި ސްޓްރެޓީޖިކް ޕާޓްނާޝިޕްތަކުގެ ފުރުސަތުތައް ހުށަހަޅައިދޭއިރު، އަނެއްކޮޅުން އިސްތިޤުލާލަށް ނާޖާއިޒު ނުފޫޒާއި ނުރައްކާތަކާ ކުރިމަތިވާތީ އެ ކަމުގެ ކަންބޮޑުވުން މިނިސްޓަރު ފާޅުކުރެއްވިއެވެ.

ރާއްޖޭގެ ޖިއޮގްރަފިކް ފުޓްޕްރިންޓް ކުޑައިރު، އަދި އިގުތިސާދީ ބާރާއި އަސްކަރީ ބާރު ކުޑައިރު، ރާއްޖޭގެ އިސްތިގުލާލުގެ މުހިންމުކަމާއި އޭގެ އަގު، ހަމަ އެހެން ގައުމުތަކުގެ އިސްތިގުލާލެކޭ ވެސް އެއްގޮތްވާނެކަން މިނިސްޓަރުގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ގަބޫލުކުރައްވާ ގޮތުގައި، ގަވާއިދުތަކުގެ މައްޗަށް އެކުލެވޭ ބައިނަލްއަގުވާމީ ނިޒާމު ބައްޓަން ކުރުމުގައި ކުދި ޖަޒީރާ ދައުލަތްތަކުގެ މަސްލަހަތަށް ވަކާލާތުކުރުމާއި، ސަރަހައްދީ އަދި ދުނިޔޭގެ ސްޓޭކްހޯލްޑަރުންގެ މެދުގައި މަޝްވަރާއާއި އެއްބާރުލުން ބިނާކުރުމުގައި ރާއްޖެއަށް މުހިންމު ދައުރެއް އަދާކުރެވިދާނެއެވެ.

މިނިސްޓަރު ވިދާޅުވީ މަލްޓިލޭޓަރަލް ފޯރަމްތަކުގައި ބައިވެރިވެ، ހާމަކަން ބޮޑު ރަނގަޅު ވެރިކަމުގެ އުސޫލުތައް ދެމެހެއްޓުމާ އެކު، ރާއްޖޭގެ އަމާޒަކީ ދިމާވާ ގޮންޖެހުންތަކުން ފަސޭހައިން އަރައިގަތުން ކަމަށެވެ.

ގްލޯބަލް ސެކިއުރިޓީ ފޯރަމްގައި ހޯމް މިނިސްޓަރު އިހުސާން -- ފޮޓޯ/ ހޯމް މިނިސްޓްރީ

މީގެ އިތުރުން، މިނިސްޓަރު ވަނީ ސައިބާ ކްރައިމްއާ ގުޅޭ ގޮތުން ވެސް މުހިންމު ކަންތައްތަކެއް ފާހަގަކުރައްވާފައެވެ.

ހައްދެއް ނެތް މި ޑިޖިޓަލް ޒަމާނުގައި ގިނަ ޤައުމުތަކެކޭ އެއްފަދައިން ރާއްޖެއަށް ވެސް ސައިބާ ކްރައިމްގެ އާންމު ނުރައްކަލާ ކުރިމަތިލާން ޖެހޭކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. މި ނުރައްކަލަކީ މުޖުތަމަޢުގެ ސަލާމަތާއި، އިގުތިސާދާއި، ފަރުދީ ދުޅަހެޔޮކަމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިކުރުވާ ކަމެއްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖެއަކީ މި ކަންކަމުގެ ދިފާޢުގައި ނުތެދުވެވޭނެވަރުގެ ގައުމެއް ނޫން ކަމަށެވެ. އެ ގޮތުން ތަޢުލީމާއި، ހޭލުންތެރިކަމާއި، ހަރުދަނާ ސައިބާ ސެކިއުރިޓީ ފިޔަވަޅުތަކުގެ ތެރެއިން، ސައިބާ ކްރައިމްއާ ދެކޮޅަށް، ރާއްޖޭން މަސައްކަތްކުރާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

އިހުސާން ވަނީ އިސްރާއީލުން ފަލަސްތީނުގައި ހިންގާ ލާއިންސާނީ ޖަރީމާތައް ވެސް ކުށްވެރިކުރައްވައިފައެވެ.

އޭނާ ވިދާޅުވީ، އިސްރާއިލުން ފަލަސްތީނުގައި ހިންގާ ހަމަނުޖެހުންތައް ކޮންމެ ދިވެއްސަކަށް ވެސް އިހުސާސްކުރެވޭ ކަމަށެވެ. ފަލަސްތީނުގެ ސަރަޙައްދުތަކުގައި އަހަރުތަކެއް ވަންދެން ހިންގަމުންދާ އަނިިޔާވެރި އަސްކަރީ އޮޕަރޭޝަންތަކުގައި ޓާގެޓްކުރަނީ ފަލަސްތީނުގެ ރައްޔިތުންނަށްކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، މިއީ އިންސާނިއްޔަތާ ދެކޮޅަށް ހިންގާ ޖަރީމާތަކެއް ކަމަށެވެ.

comment ކޮމެންޓް