ސަސްޕެންޝަން އުވާލިތާ މަހެއްވީތަނާ މިފްކޯގެ ސީއީއޯ މަގާމުން ވަކިކޮށްފި

މިފްކޯގެ ސީއީއޯ: އޭނާ ވަނީ މަގާމުން ވަކިކޮށްފައި --

ސަރުކާރުގެ މަސް ކުންފުނި މިފްކޯގެ ސީއީއޯ އަހުމަދު ސަމާހު ރަޝީދުގެ ސަސްޕެންޝަން އުވާލިތާ ގާތްގަނޑަކަށް މަހެއްހާ ދުވަސްވީތަނާ އޭނާ މަގާމުން ވަކިކޮށްފިއެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕްރަޓައިޒޭޝަން ބޯޑު (ޕީސީބީ)ން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، މިފްކޯގެ ސީއީއޯ ކަމުންނާއި ބޯޑުގެ ޑިރެކްޓަރު ކަމުން މިއަދުން ފެށިގެން ސަމާހު ވަކިކޮށްފައިވާ ކަމަށެވެ.

އޭނާ މަގާމުން ވަކި ކުރި ސަބަބެއް ޕީސީބީން ހާމަކޮށްފައިނުވެއެވެ.

ސަމާހު ވަގުތީ ގޮތުން މަގާމުން އެކަހެރިކުރީ މިދިޔަ މާޗު މަހުގެ 18ވަނަ ދުވަހުއެވެ. އެކަން އިއުލާނުކޮށް ޕީސީބީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ، ސަމާހާ ގުޅޭގޮތުން ކޯޕަރޭޓް ގަވަނަންސްއާ ގުޅޭ މައްސަލައެއް ހުށަހެޅި އެ ކަމުގެ ފުރިހަމަ އިންކުއަރީއެއް ހިންގުމަށް ޓަކައި 14 ދުވަހުގެ މުއްދަތަކަށް ވަގުތީގޮތުން ސަމާހު މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކުރަން ނިންމި ކަމަށެވެ.

ނަމަވެސް، ޕީބީސީން ފަހުން އެ މުއްދަތު އިތުރުކުރިއެވެ. އެއަށްފަހު އޭނާގެ ސަސްޕެންޝަން އުވާލައި އެކަން ލިޔުމުން އެންގީ މިދިޔަ މަހުގެ 23ގައެވެ. ސަމާހު ސަސްޕެންޝަނުގައި ހުރުމުގެ ސަބަބުން ކުންފުނީ ދުވަހުން ދުވަހަށް ހިންގުމަށް މިފްކޯގައި އުފެއްދި އިންޓެރިމް ކޮމިޓީ އެ ދުވަހު އުވާލައިފައެވެ.

ޕީސީބީން މިފްކޯގެ ސީއީއޯ ސަމާހަށް ކުރާ ތުހުމަތުތަކާ ގުޅޭ ސިޓީއެއް މީގެ ކުރިން ވަނީ މީސްމީޑިއާގައި ލީކް ވެސް ކޮށްލައިފައެވެ. އެ ސިޓީގައި ޕީސީބީން ވަނީ މައިގަނޑު 12 ތުހުމަތެއް އަމާޒުކޮށްފައެވެ. އެގޮތުން، އާއިލީ މީހުންނަށް ވަޒީފާ ދިނުމާއި ސިޔާސީ ބޭނުމަށް ކުންފުނީގެ ވަސީލަތްތައް ބޭނުންކުރާކަމުގެ ތުހުމަތު އޭނާގެ މައްޗަށް ކުރެވެއެވެ.

ސަމާހު ސަސްޕެންޑު ކުރި މައްސަލަ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް (އެސްއޯއީ) ކޮމިޓީން ބަލަން ވެސް ނިންމިއެވެ.

comment ކޮމެންޓް