ހުޅުމާލޭ ފިހާރަބަރިން ފިހާރައެއް ފަޅާލައި، ވައްކަން ކޮށްފި

ހުޅުމާލޭ ހޮސްޕިޓަލް ކުރިމަތީގައި ހުރި ފިހާރައެއް ފަޅާލައި، އެ ތަނުން ފައިސާއާއި މޮބައިލް ފޯނެއް ވަނީ ވަގަށް ނަގާފައި -- ސަން ފޮޓޯ/

ހުޅުމާލޭ ފިހާރަ ބަރިން ފިހާރައެއް ފަޅާލައި، ފައިސާއާއި ބައެއް މުދާ ރޭ ވަގަށް ގެންގޮސްފިއެވެ.

ފުލުހުން ބުނީ، ހުޅުމާލޭ ހޮސްޕިޓަލް ކުރިމަތީގައި ހުރި ފިހާރައަކުން ވައްކަންކޮށްފައިވާ މައްސަލައެއްގެ އިތުރުން، ހުޅުމާލޭގައި ހުންނަ މައި ޑެންޓިސްޓް ކްލިނިކްގެ ދޮރަށް ގެއްލުން ދީފައިވާ މައްސަލައެއް ފުލުހުންނަށް މިއަދު ހެނދުނު 09:26 އެހާކަންހާއިރު، ރިޕޯޓުކޮށްފައިވާ ކަމަށެވެ.

ފިހާރަ ފަޅާލައި، އެ ތަނުން ފައިސާއާއި މޮބައިލް ފޯނެއް ވަގަށް ނަގާފައިވާކަން މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެކަމަކު، މައި ޑެންޓިސްޓް ކްލިނިކްގެ ދޮރަށް ގެއްލުން ދީފައިވާ މައްސަލައިގައި ފުލުހުން އިތުރު ތަފުސީލެއް ހާމަކޮށްފައެއް ނުވެއެވެ.

މި ދެ މައްސަލައިގައި ވެސް އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށް ފުލުހުން ބުންޏެވެ. ދެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.

މިދިޔަ ހަ މަސްދުވަހުގެ ތެރޭގައި މަސްތުވާތަކެތީގެ މައްސަލަތަކުގެ އިތުރުން، ވައްކަމުގެ މައްސަލަތަކުގައި ހަތަރު މިލިއަނެއްހާ ރުފިޔާ އަނބުރާ ހޯދާފައިވާ ކަމަށް ފުލުހުން ވަނީ މީގެ ކުރިން ބުނެފައެވެ.

comment ކޮމެންޓް