ޝަރީއަތް ނިމެންދެން ބައްސާމުގެ ޕާސްޕޯޓު ހިފަހައްޓައިފި

އެފްއޭއެމް އިން މިއަދު ބޭއްވި ކޮންގްރެސްއަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބައްސާމް ވާހަކަދައްކަވަނީ --- ސަން ފޮޓޯ/ މުޙައްމަދު ހައްޔާން

ރާއްޖޭގެ ފުޓުބޯޅަ އެސޯސިއޭޝަން (އެފްއޭއެމް)ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ މައްޗަށް ތުހުމަތު ކުރާ މަނީ ލޯންޑަރިންއާއި ޚިޔާނާތުގެ ދައުވާ އުފުލާފައިވާ މައްސަލައިގެ ޝަރީއަތް ނިމެންދެން އޭނާގެ ޕާސްޕޯޓު ހިފަހައްޓައިފިއެވެ.

ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކުރެވޭ ބައްސާމްގެ ޕާސްޕޯޓް މިދިޔަ ޑިސެންބަރު މަހުގެ ފަސް ވަނަ ދުވަހުން ފެށިގެން އަންނަ ޖޫން މަހުގެ ހަ ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހިފަހައްޓާފައިވެއެވެ.

އެއަށްފަހު ދައުލަތުން ވަނީ ޝަރީއަތް ނިމެންދެން ބައްސާމްގެ ޕާސްޕޯޓު ހިފަހައްޓަން އަމުރަކަށް އެދިފައެވެ. އެއާއެކު ކްރިމިނަލް ކޯޓުން މިއަދު ވަނީ އެ އަމުރު ނެރެދީފައެވެ.

https://sun.mv/188421

މިދިޔަ ހަފުތާތެރޭ ތައިލެންޑްގައި ބޭއްވި އޭއެފްސީ އާއި ފީފާގެ ކޮންގްރެސްއަށް ވަޑައިގަތުމަށް ބައްސާމް، ރަޖިސްޓަރީ ކޮށްފައިވެއެވެ. ނަމަވެސް އޭނާގެ ޕާސްޕޯޓް ހިފަހައްޓާފައިވުމުން އޭނާއަށް އެ ކޮންގްރެސްގައި ބައިވެރިއެއް ނުވެވުނެވެ.

ބައްސާމްގެ މައްޗަށް ޚިޔާނާތާއި މަނީލޯންޑްރިންގެ ދައުވާ އުފުލާފައި ވަނީ އެފްއޭއެމަށް، ދުނިޔޭގެ ފުޓުބޯޅަ އިދާރާ (ފީފާ)އިން ފޮނުވި 10،000 ޑޮލަރު އަމިއްލަ އެކައުންޓަށް ޖަމާކޮށް، އެ ފައިސާ އަމިއްލަ ކަންކަމުގައި ބޭނުންކޮށްފައިވާތީއެވެ.

އެގޮތުން އެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކޮށްފައިވާކަމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ވަނީ މިދިޔަ މަހުގެ 18 ވަނަ ދުވަހު ބުނެފައެވެ.

ޕީޖީން މީގެ ކުރިން ބުނީ، އެފްއޭއެމްގެ ފައިސާ ބޭނުންކޮށްގެން ބައްސާމް ޕްރޮޕަޓީސް ގަނެފައިވާކަމާއި، އޭނާގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރީގެ ޚަރަދުތައް ކުރަމުން ގެންދާކަމާއި، ޢާއިލާގެ ޚަރަދުތައް ބަލަހައްޓައި ބޭރު ދަތުރުތައް ކުރަމުންގެންދާކަން ތަހުގީގަށް ހޯދިފައިވާ ކަމަށެވެ.

ޕީޖީން ބުނީ މި މައްސަލައިގެ ތަހުގީގު އަދި ނުނިމޭ ކަމަށާއި ތަހުގީގު ނިމޭ ވަރަކުން ދަޢުވާތައް ކޯޓަށް ހުށަހަޅަމުން ގެންދާނެ ކަމަށެވެ.

ބައްސާމަކީ އެމްއެމްޕީއާރްސީގެ ފައިސާ ލޯންޑާކުރިކަމުގެ ތުހުމަތު ވެސް އޮތް މީހެކެވެ. އެ މައްސަލަ ވެސް އޮތީ އޭސީސީ ތަހުގީގު މަރުޙަލާގައި ކަމަށް ޕީޖީން ބުންޏެވެ.

comment ކޮމެންޓް