ބައްސާމްގެ މައްޗަށް ކުށް ސާބިތުވެއްޖެ ކަމަށް ދޭހަވާ މޭރުމުން ވާހަކަ ނުފަތުރަން ކޯޓުގެ އިންޒާރެއް

ފެބްރުއަރީ 19، 2020: 19 އެފްއޭއެމް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބައްސާމް ވާހަކަ ދައްކަވަނީ-- ސަން ފޮޓޯ/ އަހްމަދު ސައީދު

ރާއްޖޭގެ ފުޓުބޯޅަ އެސޯސިއޭޝަން (އެފްއޭއެމް)ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ މައްޗަށް ތުހުމަތު ކުރާ މަނީ ލޯންޑަރިންއާއި ޚިޔާނާތުގެ ކުށް ސާބިތުނުވާއިރު، އޭނާގެ މައްޗަށް ކުށް ސާބިތުވެއްޖެ ކަމަށް ދޭހަވާގޮތަށް ޚިޔާލުފާޅުކޮށް ނުހެދުމަށް އަންގައި ކްރިމިނަލް ކޯޓުން މިއަދު އިންޒާރުދީފިއެވެ.

ބައްސާމްގެ މައްޗަށް ޚިޔާނާތާއި މަނީލޯންޑްރިންގެ ދައުވާ އުފުލާފައި ވަނީ އެފްއޭއެމަށް، ދުނިޔޭގެ ފުޓުބޯޅަ އިދާރާ (ފީފާ)އިން ފޮނުވި 10،000 ޑޮލަރު އަމިއްލަ އެކައުންޓަށް ޖަމާކޮށް، އެ ފައިސާ އަމިއްލަ ކަންކަމުގައި ބޭނުންކޮށްފައިވާތީއެވެ.

އެގޮތުން އެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކޮށްފައިވާކަމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ވަނީ މިދިޔަ މަހުގެ 18 ވަނަ ދުވަހު ބުނެފައެވެ.

އެ މައްސަލައާ ގުޅިގެން މީސް މީޑިއާގައި އަންނަނީ ބައްސާމްގެ ނަމަށް ހުތުރުވާ ގޮތްގޮތަށް ޚިޔާލުފާޅުކުރަމުންނެވެ.

އެކަން ކުށްވެރިކޮށް ކްރިމިނަލް ކޯޓުގެ ގާޒީ އިސްމާއިލް ޝަފީއު ނެރުއްވި އަމުރުގައި ވަނީ، ޖިނާއީ ކުށެއް ކުރިކަމުގެ ދައުވާ އެމީހެއްގެ މައްޗަށް އުފުލިފައިވާ ކޮންމެ ފަރާތަކީ، ކޯޓުން އެމީހެއްގެ މައްޗަށް ކުށް ސާބިތުވުމުގެ ކުރިން ކުށެއް ނެތް މީހެއްކަމުގައި ބެލުމުގެ ހައްގު ލިބިގެންވާ މީހެއް ކަމަށެވެ.

އެފްއޭއެމް އިން މިއަދު ބޭއްވި ކޮންގްރެސްއަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބައްސާމް ވާހަކަދައްކަވަނީ --- ސަން ފޮޓޯ/ މުޙައްމަދު ހައްޔާން

އެގޮތުން އެ ކޯޓުގައި ހިނގަމުންދާ ބައްސާމުގެ މައުޟޫއަށް ކޯޓުން ވަކިގޮތަކަށް ނިންމުމުގެ ކުރިން، އޭނާގެ ހައްގަށް އެއްވެސް އަސަރެއް ކުރާނޭ މޭރުމަކުން ޚިޔާލުފާޅުކޮށް ނުހެދުމަށް ވަނީ އަމުރުކޮށްފައެވެ. އަދި އެފަދަ ކޮންމެ ކަމަކީ ކޯޓުގެ ހުރުމަތް ކެނޑުންކަމުގައި ބެލިދާނެ އަމަލެއް ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

ޕީޖީން މީގެ ކުރިން ބުނީ، އެފްއޭއެމްގެ ފައިސާ ބޭނުންކޮށްގެން ބައްސާމް ޕްރޮޕަޓީސް ގަނެފައިވާކަމާއި، އޭނާގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރީގެ ޚަރަދުތައް ކުރަމުން ގެންދާކަމާއި، ޢާއިލާގެ ޚަރަދުތައް ބަލަހައްޓައި ބޭރު ދަތުރުތައް ކުރަމުންގެންދާކަން ތަހުގީގަށް ހޯދިފައިވާ ކަމަށެވެ.

ޕީޖީން ބުނީ މި މައްސަލައިގެ ތަހުގީގު އަދި ނުނިމޭ ކަމަށާއި ތަހުގީގު ނިމޭ ވަރަކުން ދަޢުވާތައް ކޯޓަށް ހުށަހަޅަމުން ގެންދާނެ ކަމަށެވެ.

ބައްސާމަކީ އެމްއެމްޕީއާރްސީގެ ފައިސާ ލޯންޑާކުރިކަމުގެ ތުހުމަތު ވެސް އޮތް މީހެކެވެ. އެ މައްސަލަ ވެސް އޮތީ އޭސީސީ ތަހުގީގު މަރުޙަލާގައި ކަމަށް ޕީޖީން ބުންޏެވެ.

comment ކޮމެންޓް