ދިވެހިރާއްޖޭގެ ވެރިކަމުގެ ތާރީޚާ ގުޅިފައިވާ ވަރަށް އެހެންކަހަލަ އާދައެއް އޮވެއެވެ. ވެރިކަން ބަދަލުވުމާއެކު ކުރީގެ ވެރިޔާ ނުވަތަ ވެރިން ބަދުނާމުކުރުމާއި ކުށްވެރިކުރުމާއި ހުރަގެއަށްލުމުގެ އާދައެވެ. މިކަން ފެށިފައިއޮތީ މިއަދަކު ނޫނެވެ. މިއީ ވަރަށްކުރީއްސުރެ ދެމިގެން އަންނަ ސިޔާސީ ސަގާފަތެކެވެ. ލިސްޓު ފަށައިގަންނާނީ ދިވެހިރާއްޖޭގެ ފުރަތަމަ ގާނޫނުއަސާސީއާ ހަމައިންނެވެ. ސުލްތާން މުހައްމަދު ޝަމްސުއްދީނު ތިންވަނަޔާ ހަމައިންނެވެ. އަތިރީގޭ ބޭފުޅުން އިސްކޮށް ތިއްބަވައިގެން 1934 ވަނަ އަހަރު ރަސްކަން އިންގިލާބު ކުރައްވައިފިއެވެ. ހުއްޖަތަކަށް ދެއްކެވީ ރަދުންނާއި އެރަދުންގެ ވަލީއަހުދު ޕްރިންސް ހަސަން އިއްޒުއްދީނު ދިވެހި ދައުލަތާ ދެކޮޅަށް ކަންކަން ކުރައްވާކަމުގެ ތުހުމަތެވެ. ރަސްކަން އިންގިލާބު ކުރުމަށްފަހު ރަދުންގެ ދެބަފައިކަލުން އަރުވައިލެވުނީ ފުއައްމުލަކަށެވެ. އެހިސާބުން އެފެށުނީ ސިލްސިލާއެކެވެ.
މިދެންނެވި ހިސާބުން ފެށިގެން ހުރަގޭގެ އަނދިރިކަން ތަޖުރިބާ ނުކުރައްވާ ވެރިޔަކު ނުވަތަ ހުކުމެއް ނުއިއްވޭ ވެރިޔަކު ވަރަށްވެސް މަދެވެ. ލިސްޓުގެ ދެވަނައަށް ގެންނާނީ ފުރަތަމަ ޖުމްހޫރިއްޔާގެ ރައީސް އަތިރީގޭ މުހައްމަދު އަމީނެވެ. އަމީނުގެ ޖުމްހޫރިއްޔަތާއި އެމަނިކުފާނުގެ ވެރިކަންވެސް 1953 ވަނަ އަހަރު ކޮންމެވެސް ބަޔަކު އިންގިލާބުކޮށްލައިފިއެވެ. އަމީނުގެ މައްޗަށް ސަރިޔަތް ހިންގައި އަރުވައިލުން އެކަންޏެއް ނޫނެވެ. ހަވަރަށްދީގެން ތަޅައި އަނިޔާކުރުންވެސް އޮތެވެ. ދިވެހިރާއްޖޭގެ ވެރިކަން ކުރެެއްވި ބޭފުޅުންގެ ތެރެއިން މިފަހުގެ ތާރީޚުގައި ހަވަރަށްދީގެން މިޒާތަށް ޖިސްމާނީ އަނިޔާދެވުނު ހަމައެކަނި ބޭފުޅަކީ މުހައްމަދު އަމީނެވެ. މާލެއަތޮޅު ފަޅުރަށެއްގައި ގިނިކަންޏާ އޮންނަވައިގެން އަވަހާރަވުމުގެ ސިއްރަކީވެސް ޖިސްމާނީ އަނިޔާތަކެވެ.
އަމީނުގެ ގެދޮރާއި މުދަލާއި ފައިސާވެސް ދައުލަތަށް ހިފިއެވެ. ފަހުން އަމީނުގެ ދަރިކަނބަލުން އަމީނާއަށް އަނެއްކާވެސް އަތިރީގެ ހަވާލުކުރެވުނީއެވެ. މުހައްމަދު އަމީނުގެ އެރުމާއި ވެއްޓުމަކީ މިދެންނެވި ގޮތުން ފަހުތިބީންނަށް ވަރަށް ގިނަގުނަ ފިލާވަޅުތަކެކެވެ. އަމީނުގެ ވެރިކަން އިންގިލާބުކުރުމުގެ ކަންކަން ރާވައި ތަންފީޒުކުރުމުގެ މޭސްތިރިޔަކީ އެމަނިކުފާނުގެ ނާއިބުރައީސް ވެލާނާގޭ އިބްރާހިމް މުހައްމަދުދީދީއެވެ. މިދެންނެވި އިބްރާހިމްދީދީއާމެދުވެސް ފަހުން ކަންކަން ނިމިގެންދިޔައީ މިކަހަލަ ގޮތަކަށެވެ. މި އިބްރާހިމްދީދީއަށް ބޮޑުބޭބެ ވިދާޅުވާ ވެލާނާގޭ އިބްރާހިމް ނާސިރު 1957 ވަނަ އަހަރު ވެރިކަމަށް ވަޑައިގެންފައި ސިލޯނަށް އިބްރާހިމްދީދީ އަރުވައިލެއްވީއެވެ. އަވަހާރަވީވެސް ސިލޯނުގައެވެ. ދިވެހިރާއްޖެއަށް އަލުން ވަޑައިގަތުމުގެ އިޒުނައެއް ނެތެވެ.
ހުރަގެއަށް ނުލެވުނަސް، ސަރިޔަތެއް ނުހިންގުނަސް އިބްރާހިމްދީދީގެ ހަޔާތުގެ ފަހު ދުވަސްތައް ހޭދަކުރެއްވީ ހިތާމަވެރިކަމުގެ ތެރޭގައެވެ. މިނިވަންކަމެއް ނެތިއެވެ. ރައީސް ނާސިރުގެ ދިގު ވެރިކަން ނިމުމަށްފަހު ނާސިރާމެދުވެސް ކަންކަން ހިނގީ ހަމަ މިމަގުންނެވެ. ބަޣާވާތް ކުރައްވަން އުޚުއްވިކަމުގެ ތުހުމަތުގައި ސަރިޔަތް ކުރެވި މުދަލާއި ގެދޮރު ހިފެވުނެވެ. ބަދުނާމު ކުރެވުނެވެ. ހުރަގެއަށް ނުލެވުނީ ރާއްޖެއިން ބޭރުގައި ހުންނެވުމުގެ ސަބަބުންނެވެ. ނާސިރަށްފަހު 1978 ގައި ވެރިކަމަށް ވަޑައިގެންނެވި ރައީސް މައުމޫނުގެ ދިގު ތިރީސް އަހަރުގެ ވެރިކަން ނިމުމަށްފަހު މައުމޫނާ ދޭތެރޭ ކަންކަން ހިނގައިދިޔައީވެސް ރިވެތި މަގަކުން ނޫނެވެ. މައުމޫނުގެ ވެރިކަމުގެ ދުވަސްވަރުގެ ކަންކަން ތަހުގީގު ކުރުމަށް ރިޔާސީ ކޮމިޝަނެއް ހަދައި ގަދަކަމުން ގެއިން އުފުރާލައިގެން މިރުސްދުމުގެ ތެރެއިން ފުލުހުންގެ އިދާރާއަށް ހާޒިރު ކުރެވުނެވެ.
މައުމޫނުގެ ކޮއްކޯފުޅު ރައީސް ޔާމީނުގެ ވެރިކަމުގެ ދައުރުގައި ރައީސް މައުމޫނުގެ މައްޗަށް ސަރިޔަތް ހިންގައި މާފުށީ ޖަލަށްވެސް ލެވުނެވެ. އަދިވެސް ކިތަންމެ ކަމެކެވެ. ރައީސް މައުމޫނަށްފަހު 2008 ގައި ވެރިކަމަށް ވަޑައިގެންނެވި ކެނެރީގޭ މުހައްމަދު ނަޝީދާމެދުވެސް އަމަލު ކުރެވުނީ ހަމަ މިބީދައިންނެވެ. ރައީސް ޔާމީނުގެ ވެރިކަން 2013 ގައި ފެށުމާއެކު ރައީސް ނަޝީދުގެ މައްޗަށް ސަރިޔަތް ހިންގައި ބަރިބަރިއަށް ހުކުމްއިއްވައި ޖަލަށްވެސް ލެވުނެވެ. ގައުމުން ބޭރުކޮށް ފައްސައިވެސް ލެވުނެވެ. ރައީސް ޔާމީނުގެ ވެރިކަން 2018 ގައި ނިމުމުން އެމަނިކުފާނަށްވެސް ކުރިމަތިލައްވަން ޖެހިވަޑައިގެންނެވީ ހަމަ މި ތަޖުރިބާތަކެވެ. ވަކި ފަރަގެއް ނެތެވެ.
ވެރިޔަކުވިޔަސް އަދި އެހެން މީހަކުވިޔަސް ކުށަށް އަރައިގަތީމާ ގާނޫނުގެ ދިގުއަތް އެމީހަކާ ހަމައަށް ފޯރަންވާނެއެވެ. ގާނޫނުތައް ހަދައިގެން ތިބުމުގެ ބޭނުމަކީ އެއީއެވެ. އެކަމަކު މިދެންނެވި ގާނޫނުގެ ބޭނުން ހިފަމުންދާގޮތާއި ފާއިތުވިތަނުގެ ތަޖުރިބާތަކުން އެނގެނީ ވެރިން ހިފައި ހައްޔަރުކޮށް ޖަލަށްލުމުގެ ކަންކަމަކީ އިންސާފު ގާއިމުކުރުމަށްވުރެ ބޮޑަށް ސިޔާސީ ހަސަދަތައް ފިލުވުމާ ގުޅިފައި އޮންނަ ކަމެއް ކަމެވެ. މިއީ ދައުލަތުގެ ހުރިހާ ބާރެއް މުށުތެރެއަށް ލައިގެން ޚުދުމުޚުތާރު ވެރިކަމެއްކުރާ ހަމަކޮންމެ ވެރިޔަކުވެސް ތަފާތެއްނެތި ކުރާ ކަމެކެވެ. ބޭރާއި އެތެރޭގައެވެ. އެވެރިޔަކާ ދެކޮޅަށް ވާހަކަދައްކާ މީހުންނާއި ސިޔާސީގޮތުން ފިކުރުތަފާތު މީހުން ހިފައި ހައްޔަރުކޮށް ޖަލަށްލައެވެ. މިކަންކުރަނީ ތަފާތު ނަންނަމުގައެވެ. ދައުލަތާ ދެކޮޅު ރޭވުންތައް ރޭވުމުގެ ތުހުމަތާއި ބަޣާވާތުގެ ތުހުމަތާއި މިހެންގޮސް ގާނޫނު ބުނާ އެންމެ ހަރުކަށި އަދަބުދެވޭ ކުށްކުށަށް އަރައިގަތުމުގެ ތުހުމަތު ތަކުގައެވެ.
ޚުދުމުޚުތާރު އެންމެހައިވެރިން މިކަމަށް އެހާބޮޑު އިސްކަމެއް ދެނީ މިއީ އެފަދަމީހުން ވެރިކަމުގައި ދެމިތިބުމަށް މުޖައްރިބު ފަންޑިތައަކަށްވާތީ ބާވައެވެ. ނޫނެކެވެ. ސިޔާސީ މީހުން ޖަލަށްލައި އަނިޔާވެރިކަން ކުރިއަށް ނެރުމަކީ ވެރިކަމެއް ދެމެހެއްޓުމަށް މުޖައްރިބު ފަންޑިތައެއް ނޫނެވެ. އެއީ އެވެރިކަން ނެތިދިއުމަށް ކޮށޭ މަގެކެވެ. މިކަން ދުނިޔޭގެ ތާރީޚުންނާއި ދިވެހިރާއްޖޭގެ ތާރީޚުންވެސް ވަރަށް ރަގަޅަށް ހާމަވާން އެބަހުއްޓެވެ. ސިޔާސީ މީހުން ހިފައި ހައްޔަރުކޮށް އަދަބު ދެނީ ހީވާ އެއްޗަކުންނެވެ. ބަލިކަށިވެ ނިކަމެތިވެ ކުޑަކަކޫމައްޗަށް ތިރިވެދާނެކަމަށް ހީކޮށެވެ. އެކަމަކު ދުނިޔޭގެ ތާރީޚުން ފެންނަނީ ތަފާތު މަންޒަރެކެވެ. ސިޔާސީ މީހުންގެ ބޮލުގައި ތަފާތު އިލްޒާމުތައް އަޅުވައި ޖަލަށްލައި އަދަބު ދިނުމަކީ އެފަދަ މީހުންނަށް ދެވޭ އަދަބެއް ނޫނެވެ. އެއީ ސިޔާސީ އިނާމެކެވެ.