ދޮށީ މީހަކު މަގު ހުރަސްކުރަނިކޮށް ކާރަކުން ޖެހި، ޑްރައިވަރުގެ ލައިސަންސް ހިފަހައްޓައިފި

ހުޅުމާލެ: ހުޅުމާލޭގައި ހިނގި އެކްސިޑެންޓަކާ ގުޅިގެން މީހެއްގެ ލައިސަންސް ވަނީ ހިފަހައްޓާފައި --

ދޮށީ އުމުރުގެ މީހަކު މަގު ހުރަސް ކުރަނިކޮށް، އެ މީހާގެ ގައިގައި ކާރަކުން ޖެހިގެން ޑްރައިވަރެއްގެ ލައިސަންސް ހިފަހައްޓާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

ފުލުހުން މިއަދު ހިއްސާކުރި މެސެޖެއްގައި ބުނީ، ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ނިރުޅު މަގު، ދިއްދޫ ހޮޓާ ކައިރިން މިދިޔަ ހުކުރު ދުވަހުގެ ރޭ 20:23 އެހާކަންހާއިރު އެކްސިޑެންޓެއް ހިނގައިގެން ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެ އެކްސިޑެންޓު ހިނގާފައިވަނީ އުމުރުން ދުވަސްވީ މީހާ މަގު ހުރަސް ކުރަނިކޮށްނެވެ.

އެ އެކްސިޑެންޓުގައި އަނިޔާވީ އުމުރުން 67 އަހަރުގެ ދިވެހި ފިރިހެނަކަށެވެ.

އޭނާއަށް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާދިނުމަށް ފަހު ދޫކޮށްލާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ، އެ އެކްސިޑެންޓުގައި ކާރު ދުއްވި ޑްރައިވަރުގެ ލައިލަންސް ހިފަހައްޓާފައިވާ ކަމަށާއި އެއީ 53 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.

މި ދުވަސްވަރު އެކްސިޑެންޓުތައް ހިނގުން އާންމުވެފައިވާއިރު، މިފަދަ ހާދިސާތަކުގައި މީހުންނަށް އެކިވަރުގެ ގެއްލުންތައް ލިބިފައި އެބަ ހުއްޓެވެ.

މި އަހަރުގެ ފުރަތަމަ ހަތަރު މަސް ތެރޭގައި 1044 ޓްރެފިކް އެކްސިޑެންޓް ހިނގާފައިވާ ކަމަށާއި މިދިޔަ މަހު އެކަނި ވެސް 212 އެކްސިޑެންޓު ހިނގި ކަމަށް ފުލުހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކައެވެ.

comment ކޮމެންޓް