ރާއްޖޭގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯން މައްސަލައިގައި އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)އިން ނިންމާފައިވާ ނިންމުމާ ގުޅިގެން ސަރުކާރުން ހޯދަން އެދުނު ގާނޫނީ ލަފާ ދެވެން އޮތީ ރައްޔިތުންގެ މަޖިލީހުން ބަންޑާރަނައިބު އަހުމަދު އުޝާމަށް ރުހުން ލިބުމުން ކަމަށް ކުރީގެ ބަންޑާރަނައިބު އަދި ކަނޑުގެ ގާނޫނުގެ ޚަބީރެއް ކަމަށްވާ ޑރ. މުހައްމަދު މުނައްވަރު މިއަދު ވިދާޅުވެއްޖެއެވެ.
ރާއްޖެއާ ދެކޮޅަށް މޮރިޝަސްއިން ހުށަހެޅި މައްސަލައިގައި، ނިމިދިޔަ ސަރުކާރުން ޢަމަލުކޮށްފައިވާ ގޮތުން ރާއްޖޭގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯން (އީއީޒެޑް)ގެ ތެރެއިން ދެކުނު ކަނޑުގެ ޞަރަޙައްދުން ބޮޑު ބައެއް ގެއްލޭ ގޮތަށް އިޓްލޮސްއިން ނިންމާފައިވާ ނިންމުން ދިރާސާކޮށް، ގެއްލިފައިވާ ކަނޑުގެ ސަރަޙައްދުން ހޯދުމަށް ކުރެވެން ހުރި މަސައްކަތް ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ނިންމަވައިފައެވެ.
އެ ބައި އަނބުރާ ހޯދުމަކީ ރައީސްގެ ރިޔާސީ ވައުދުފުޅެކެވެ. އެ މަސައްކަތުގެ ތެރެއިން މުނައްވަރުގެ ގާނޫނީ ލަފާ ހޯދަން ނިންމީ ޖެނުއަރީ 25 ގައެވެ.
އެ ކަމާ ގުޅިގެން 'ސަން'އާ ވާހަކަދައްކަވަމުން މުނައްވަރު މިއަދު ވިދާޅުވީ، ގާނޫނުއަސާސީ ބުނާ ގޮތުން ވަޒީރުންނަށް މަސްއޫލިއްޔަތު އަދާކުރެވޭނީ ރައްޔިތުންގެ މަޖިލީހުން ރުހުން ލިބުމުން ކަމަށެވެ. އެހެންވެ، މިހާރު ބަންޑާރަނައިބު އުޝާމްގެ ގާނޫނީ ހައިސިއްޔަތާ މެދު ސުވާލު އުފެދިފައިވާތީ، ގާނޫނީ ލަފާގެ ކަންތައް މަޑުޖައްސައިލީ ކަމަށް އޭނާ ވިދާޅުވިއެވެ.
"ގާނޫނުއަސާސީގައި ބުނަނީ ޒިންމާތައް އަދާކުރެވޭނީ ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބުނީމައޭ. އެހެންވީމާ އަޅުގަނޑުގެ ހިތުގައި ސުވާލު އުފެދޭތީ ކުޑަކޮށް މަޑުކޮށްލައިގެން ހުރީ،" މުނައްވަރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ގާނޫނީ ލަފައެއް ނުދިނުމުގެ އެއްވެސް ވިސްނުމެއް ނުގެންގުޅޭ ކަމަށެވެ. ރައްޔިތުންގެ މަޖިލީހުން އުޝާމްގެ ރުހުމާ މެދު އަލުން ގޮތެއް ކަނޑައެޅިހާ އަވަހަކަށް އެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"ލަފައަކީ އެހާ ދިގު މުއްދަތެއް އަޅުގަނޑަށް ބޭނުންވާ އެއްޗެއް ނޫން،" އޭނާ ވިދާޅުވިއެވެ.
އެކަމަކު، މުނައްވަރު ވަނީ ހަމައެކަނި ގާނޫނީ ލަފައަކުން މި މައްސަލައިގައި އޭނާގެ ދައުރު ނިންމާލާތީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. އޭނާ ވިދާޅުވީ، މި މައްސަލައިގެ ތެރެއަށް އެއަށްވުރެ ފުނަށް ވަންނަން ބޭނުންވާ ކަމަށާއި ހަމައެކަނި ގާނޫނީ ލަފައަކުން އޭނާގެ ދައުރު ނިންމާލާތީ ކަންބޮޑުވާ ކަމަށެވެ.
"މި ކަހަލަ ކަމެއްގައި ގާނޫނީ ލަފައެއް އަންނަނީ ވެސް ކޮންމެ ވެސް ކަހަލަ އުޖޫރައަކަށް. އެވެސް ދެން އަޅުގަނޑަށް އުނދަގޫވާ މައްސަލައެއް. ގާނޫނީ ވަކީލުން އުޖޫރައަށް މަސައްކަތްކުރާނީ. އެކަމަކު، ގައުމީ މި ކަހަލަ މައްސަލައެއްގައި އަޅުގަނޑަށް އުނދަގޫ، ލީގަލް އޮޕީނިއަންއެއް ދީފައި، ލާރި ކޮޅެއް ހޯދައިގެން ކަން ނިމުނީ ކަމަށް ނިންމަން،" އޭނާ ވިދާޅުވިއެވެ.
އެމްޑީޕީގެ މެޖޯރިޓީ އޮތް 19 ވަނަ މަޖިލީހުން ވަނީ އުޝާމް ހިމޭހެން އިތުރު ދެ ވަޒީރަކަށް ރުހުން ނުދީފައެވެ. ދެން ރުހުން ނުލިބުނީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރަށެވެ.
އެކަމަކު، ރައީސް މުއިއްޒު ވަނީ އެ ބޭފުޅުން އަލުން މަގާމުތަކަށް އައްޔަންކުރައްވައިފައެވެ. އެ މީހުން ދެވަނަ ފަހަރަށް އައްޔަންކުރުމާ މެދު މަޖިލީހުން އަދިވެސް ގޮތެއް ކަނޑައެއް ނާޅައެވެ. ސަރުކާރަށް ސުޕަމެޖޯރިޓީ ލިބިފައި އޮތް 20 ވަނަ މަޖިލީހުން އެންމެ ފުރަތަމަ ކަމަކަށް ކުރާނީ، ރުހުން ނުލިބުނު ވަޒީރުންނަށް ރުހުން ދިނުމުގެ މަސައްކަތް ކަމަށް ޕީއެންސީން މީގެ ކުރިން ވަނީ ބުނެފައެވެ.
ރާއްޖެއާއި މޮރީޝަސް ކަނޑުގެ ސަރަހައްދު ފުށުއަރާ 95،563 އަކަ ކިލޯމީޓަރުގެ ސަރަހައްދު ކުރިން ރާއްޖެއިން ބޭނުން ކުރި ނަމަވެސް އެއީ ރާއްޖޭގެ ސިޔާދަތީ ބާރު ހިނގާ ސަރަހައްދެއް ނޫނެވެ. އަދި، އެއީ ބައިނަލްއަޤްވާމީ ހަމަތަކާ އެއްގޮތަށް އިން ކަނޑައެޅިފައިވާ ސަރަހައްދެއް ނޫނެވެ. އެ ސަރަހައްދުގެ ތެރެއިން ރާއްޖެއަށް 47،232 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ލިބިފައިވާއިރު މޮރީޝަސްއަށް ލިބުނީ 45،331 އަކަ ކިލޯމީޓަރުގެ ސަރަހައްދެކެވެ.
މި ސަރުކާރުން ޗާގޯސް މައްސަލަ ކުރިއަށްގެންދަން ވަނީ ކޮމިޓީއެއް އެކުލަވައިލައިފައެވެ. އެ ކޮމިޓީގައި އިސްކޮށް ހުންނަވަނީ ކުރީގެ ބަންޑާރަނައިބު މުހައްމަދު އަނިލެވެ. އޭގެ އިތުރުން، ރާއްޖެއިން ބޭރުގެ ފުންނާބުއުސް ދެ ގާނޫނީ ވަކީލެއްގެ ލަފާ ވެސް އަންނަނީ ހޯދަމުންނެވެ.