މިއަދު ފާހަގަކުރާ މާލޭ ވޯޓާ އެންޑް ސްވަރޭޖް ކަމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިޔުއެސްސީ)ގެ 30 ވަނަ އަހަރީ ދުވަހާ ގުޅިގެން މި އަހަރު ތެރޭގައި ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދަން ރާވާފައިވާ ކަމަށް އެ ކުންފުނިން މިއަދު ބުނެފިއެވެ.
އެމްޑަބްލިޔުއެސްސީން ބުނީ، އެ ކުންފުނި ވުޖޫދަށް އައިސްފައިވަނ،ީ އިތުރުވަމުން ދިޔަ މާލޭގެ އާބާދީއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ ކަމުގައިވާ ފެނާއި ނަރުދަމާގެ މައްސަލައަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، އޭޕްރީލް 1، 1995 ގައި ކަމަށެވެ.
އެގޮތުން، އެކުންފުނިން ޙިދުމަތް ފޯރުކޮށްދޭތާ 30 ވަނަ އަހަރު ފާހަގަކުރުމުގެ ގޮތުން ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރޭގައި ކުޑަކުދިންގެ ހަވީރު، ލޭ ހަދިޔާ ކުރުމުގެ ޕްރޮގޮރާމް، ގަސް އިންދުމުގެ ޕްރޮގްރާމް، އަދި ކަސްޓަމަރުންނަށް އަމާޒުކޮށްށްގެން ހިންގޭ ތަފާތު އެކިއެކި ޕްރޮގްރާމްތައް ހިމެނޭކަމަށް އެ ކުންފުނިން ބުނެއެވެ.
އެމްޑަބްލިޔުއެސްސީން ބުނީ އެ ކުންފުނި އުފެދުންވީ ދިވެހި މުޖުތަމައުގެ ސިއްހީ ރައްކާތެރި ކަމަށާއި ގައުމުގެ ތަރައްޤީއަށް އެޅުނު އެންމެ މުހިންމު އެއް ފިޔަވަޅު ކަމަށެވެ. އެ ކުންފުނި އުފެދުނީ 60 މުވައްޒަފުންނާ އެކު، ހަމައެކަނި އޭރު 60،000 މީހުންގެ އާބާދީއެއް އޮތް މާލެއަށް ޚިދުމަތް ދޭން ޚާއްސަކުރެވިގެންނެނެވެ. ނަމަވެސް، މިހާރު އެމްޑަބްލިޔުއެސްސީން އަންނަނީ މާލޭގެ އިތުރުން، ވިލިމާލެ، ހުޅުމާލެ، ގުޅީފަޅު، ތިލަފުށި، ކ.މާފުށި، ރ. ދުވާފަރު އަދި، ހދ. ކުޅުދުއްފުށި ހިމެނޭގޮތުން 200،000 މީހުންގެ އާބާދީއަކަށް ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދެމުންނެވެ. އެއީ، ގާތްގަނޑަކަށް ދިވެހި އާބާދީގެ 50 އިންސައްތައެވެ.

އެމްޑަބްލިއުއެސްސީ -- ފޮޓޯ: އަވަސް
އެ ކުންފުނި އުފެދުނުއިރު ހިންގަމުން އައި ވެސް ޑެންމާކްގެ މެނޭޖްމަންޓަކުންނެވެ. ނަމަވެސް، މިހާރު އެމްޑަބްލިޔުއެސްސީއަކީ 1,013 އަށްވުރެ ގިނަ މުވައްޒަފުން މަސައްކަތްކުރާ، 100 އިންސައްތަ ދިވެހި މެނޭޖްމެންޓެއް އޮތް، ކާމިޔާބުކަމާ އެކު ހިންގާ ފަޚުރުވެރި ކުންފުންޏެއް ކަމަށް އެ ކުންފުނިން ބުނެއެވެ.
އެ ކާމިޔާބީތަކުގެ އަސްލަކީ ކުންފުނީގެ ހީވާގި މުވައްޒަފުން ކަމަށާއި، މުވައްޒަފުންގެ ޤާބިލުކަން އިތުރުކުރުމުގެ ގޮތުން ކުންފުނިން އަންނަނީ މުވައްޒަފުންނަށް ޚާއްސަ ކުރު މުއްދަތުގެ ތަމުރީންތައް ހިންގަމުން ކަމަށް އެ ކުންފުނިން ބުންޏެވެ.
އެ ކުންފުނި އުފެއްދިއިރު ފެން އުފެއްދުމުގެ ޤާބިލުކަން ހުރީ ވެސް ދުވާލަކު 900 ކޮޑި މީޓަރު އަދި ފެން ރައްކާކުރެވޭ މިންވަރު ހުރީ 10,000 ކޮޑި މީޓަރުގައެވެ. ނަމަވެސް، މިހާރު ދުވާލަކު 47,300 ކޮޑި މީޓަރުގެ ފެން އުފެއްދުމުގެ އަދި 44,858 ކޮޑި މީޓަރުގެ ފެން ރައްކާކުރުމުގެ ޤާބިލުކަން ހޯދާފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.
ކުންފުންޏަށް 30 އަހަރު ފުރުނުއިރު، ޚިދުމަތްތަކުގެ ފެންވަރު އިތުރަށް ތަރައްޤީކޮށް، ކަސްޓަމަރުންނާއި ވީހާވެސް ގާތުން، ލުއިފަސޭހަ ގޮތެއްގައި ޚިދުމަތްތައް ލިބޭނެ އިންތިޒާމުތައް ހަމަޖައްސައި ދޭން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް އެ ކުންފުނިން ބުންޏެވެ.
އެގޮތުން ހަމަޖައްސައިދޭ ޚިދުމަތްތަކުގެ ތެރޭގައި:
- 24 ގަޑިއިރު ގުޅޭ ކަސްޓަމާ ކެއާ ސެންޓަރުގެ ޚިދުމަތް ގާއިމުކުރުން
- އެމްޑަބްލިޔުއެސްސީގެ ޚިދުމަތްތަކަށް އެދި އޮންލައިންކޮށް ހުށައެޅޭނެ އިންތިޒާމު ހަމަޖެއްސުން
- ސްމާޓް މީޓަރު ބޭނުންކުރަން ފެށުން
- އޮންލައިން ޕޯޓަލް އަދި މޯބައިލް އެޕްލިކޭޝަން އަޕްގްރޭޑްކޮށް، އާ ޚިދުމަތްތަކާ އެކު ތަޢާރަފުކުރުން
ރާއްޖޭގެ އެކިއެކި ރަށްރަށުގައި ފެނާއި ނަރުދަމާ ނިޒާމުތައް ޤާއިމުކުރުމުގައި އެމްޑަބްލިޔުއެސްސީން އަދާކުރާ ދައުރުތަކުގެ ތެރޭގައި ރާއްޖޭގެ އެކި ހިސާބުތަކުގައި ފެނާއި ނަރުދަމާގެ ޖުމުލަ 107 ޕްރޮޖެކްޓްގެ މަސައްކަތް ކާމިޔާބުކަމާ އެކު ނިންމުމާއި އަދި ނަރުދަމާގެ 15 ޕްރޮޖެކްޓަކާ އެކު ޖުމުލަ 32 ޕްރޮޖެކްޓެއްގެ މަސައްކަތް ސަރުކާރުން ވަނީ އެ ކުންފުންޏާ ހަވާލުކޮށްފައި ކަމަށް އެ ކުންފުނިން ބުނެއެވެ. މީގެ ތެރެއިން ބައެއް ޕްރޮޖެކްޓްތަކުގެ އަމަލީ މަސައްކަތް ފަށާފައިވާއިރު އަނެއްބައި ޕްރޮޖެކްޓްތަކުގެ އަމަލީ މަސައްކަތް ފެށުމަށް ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.

އެމްޑަބްލިޔުއެސްސީގެ މުވައްޒަފުން ނަރުދަމާ ރަނގަޅު ކުރުމުގެ މަސައްކަތުގައި: ފޮޓޯ: އެމްޑަބްލިޔުއެސްސީ
މީގެ އިތުރުން، ފެނާއި ނަރުދަމާ ނިޒާމު ފަރުމާކުރުމާއ،ި ޤާއިމުކުރުމާއ،ި އޮޕަރޭޓްކުރުމާއ،ި އަދި ފެން ޕްލާންޓް އަމިއްލައަށް ޑިޒައިންކޮށް ފެބްރިކޭޓް ކުރުމުގެ މަސައްކަތާއި އަދި އެ ކުންފުނީގެ އައިއެސްއޯ 17025: 2005 ސްޓޭންޑަޑާގެ ލެބޯރެޓަރީން ދަނ،ީ ރިޒޯޓުތަކާއި ފަންނީ ކޮންސަލްޓަންޓުން ފަދަ ފަރާތްތަކަށް ވިޔަފާރީގެ އުސޫލުން ފެން ތަހުލީލުކުރުމުގެ ޚިދުމަތް ވެސް ފޯރުކޮށްދެމުން ކަމަށް އެ ކުންފުނިން ބުނެއެވެ.
އެމްޑަބްލިޔުއެސްސީން ބުނީ، އުފެއްދުންތެރިކަމުގެ ދާއިރާއިން ވެސް ކުންފުނިން އަންނަނީ ފާހަގަކޮށްލެވޭ ފަދަ ބިނާކުރަނިވި މަސައްކަތްތަކެއް ކުރަމުން ކަަމަށެވެ.
އެގޮތުން، ކުރާ މަސައްކަތްތަކުގެ ތެރޭގައި:
- ހުޅުމާލޭގައި ޤާއިމުކޮށްފައިވާ ކާރުޚާނާއިން ފުޅީގައި ބަންދުކޮށްފައިވާ ފެން އުފެއްދުން
- ކ. ގުޅީފަޅުގައި ގާއިމުކޮށްފައިވާ ޕައިޕް ފެކްޓަރީން ފެނާއި ނަރުދަމާގެ މަސައްކަތް
- ފެން ވައިރިންއަށް ބޭނުންވާ އެކި ސައިޒްތަކުގެ ހޮޅި އުފެއްދުން
- ކަރަންޓް ވަޔަރިންއަށް ބޭނުންވާ އެކި ސައިޒްތަކުގެ ކޮންޑިއުޓް ހޮޅި އުފެއްދުން
އެމްޑާބިލުޔުއެސްސީން ބުނީ، އެ ކުންފުންޏަކީ ދިވެހިންގެ ސިއްޙީ ރައްކާތެރިކަމަށް ހެޔޮ ބަދަލުތަކެއް ގެނެސްދީ، ދިވެހިންގެ ހިތްތަކަށް އުފާވެރިކަން ގެނެސްދިން ފަޚުރުވެރި ކާމިޔާބު ކުންފުންޏެެއް ކަމަށެވެ. އަދި، ފެެނާއި ނަރުދަމާގެ ޚިދުމަތްތައް މެދުކެނޑުމެއްނެތި ފޯރުކޮށްދިނުމަށާއި ކުންފުނީގެ ކުރިއެރުމަށް އެ ކުންފުނީގެ ހީވާގި މުވައްޒަފުން ކެނޑިނޭޅި ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތްތައް ފާހަގަކޮށް، އެންމެހައި މުވައްޒަފުންނަށް ވަނީ ޝުކުރު އަދާކޮށްފައެވެ. ކުުންފުންޏަށް ކުރައްވާ އިތުބާރާއި، ބަހައްޓަވާ ގާތްކަމަށްޓަކައި، އެންމެހައި ކަސްޓަމަރުންނަށް ވެސް އެ ކުންފުނިން ވަނީ ޝުކުރު އަދާކުރައްވާފައެވެ.
އެ ކުންފުނީގެ އަމާޒަކީ ދެެމެހެއްޓެނެވި، އަދި ރައްޔިތުންނަށް ވީހާވެސް ލުއިފަސޭހަ ގޮތެއްގައި ކުންފުނީގެ ޚިދުމަތްތައް ފޯރުކޮށްދިނުން ކަމަށް އެ ކުންފުނިން ބުނެއެވެ.