ރާއްޖޭގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯން މައްސަލައިގައި އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)އިން ނިންމާފައިވާ ނިންމުމާ ގުޅިގެން ކުރީގެ ބަންޑާރަނައިބު އަދި ކަނޑުގެ ގާނޫނުގެ ޚަބީރެއް ކަމަށްވާ ޑރ. މުހައްމަދު މުނައްވަރުގެ ލަފާ ހޯދަން ބަންޑާރަނައިބުގެ އޮފީހުން މިއަދު ބުނެފިއެވެ.
ރާއްޖެއާ ދެކޮޅަށް މޮރިޝަސްއިން ހުށަހެޅި މައްސަލައިގައި، ނިމިދިޔަ ސަރުކާރުން ޢަމަލުކޮށްފައިވާ ގޮތުން ރާއްޖޭގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯން (އީއީޒެޑް)ގެ ތެރެއިން ދެކުނު ކަނޑުގެ ޞަރަޙައްދުން ބޮޑު ބައެއް ގެއްލޭ ގޮތަށް އިޓްލޮސްއިން ނިންމާފައިވާ ނިންމުން ދިރާސާކޮށް، ގެއްލިފައިވާ ކަނޑުގެ ސަރަޙައްދުން ހޯދުމަށް ކުރެވެން ހުރި މަސައްކަތް ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ނިންމަވައިފައެވެ.
އެ މައްސަލަ އިސްތިއުނާފުކޮށް، ގެއްލުނު ކަމަށް ބުނާ ކަނޑުގެ ބައި އަނބުރާ ހޯދުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދެކެވެ.
ބަންޑާރަނައިބުގެ އޮފީހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، އެ މައްސަލައާ ގުޅޭގޮތުން ކަނޑުތަކާ ބެހޭ ޤާނޫނީ ދާއިރާގެ ޚަބީރެއްގެ ހައިޞިއްޔަތުން ކުރީގެ ބަންޑާރަނައިބު ޑރ. މުނައްވަރުގެ ޤާނޫނީ ލަފާ ހޯއްދެވުމަށް ބަންޑާރަނައިބު އަހުމަދު އުޝާމް ނިންމަވާފައިވާ ކަމަށެވެ. އަދި، އެ މަސައްކަތް ކޮށްދެއްވަން މުނައްވަރު ނިންމެވުމުން އެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް އެ އޮފީހުން ބުންޏެވެ.
"ކުރިން 1993 ވަނަ އަހަރުން ފެށިގެން 2003 ވަނަ އަހަރުގެ ނިޔަލަށް ބަންޑާރަނައިބުކަން ކުރައްވާފައިވާ މުނައްވަރަކީ ޤާނޫނީ ރޮނގުން ފާހަގަކޮށްލެވޭ ބޭފުޅެއްގެ އިތުރުން، ބައިނަލްއަޤްވާމީ ގާނޫނުތަކާއި، ކަނޑުތަކާބެހޭ ޤާނޫނުގެ ދާއިރާއިން ޑޮކްޓަރޭޓް ޑިގްރީ ޙާޞިލްކުރައްވާ، އަދި ޙާއްޞަކޮށް ކުދި ޖަޒީރާ ޤައުމުތަކުގެ ކަނޑުގެ ސަރަޙައްދުތަކާ ބެހޭ ދިރާސާތައް ކުރައްވާ، މި ދާއިރާގެ ފާހަގަކޮށްލެވޭ ތަޢުލީމާއި ތަޖުރިބާ ލިބިވަޑައިގެންފައިވާ ޤާނޫނީ މާހިރެކެވެ،" ބަޔާނުގައި ވެއެވެ.
މުނައްވަރުގެ އިތުރުން، މި މައްސަލައާ ގުޅިގެން ޤާނޫނީ ލަފާ ހޯދުމަށް އިނގިރޭސިވިލާތުގެ ކިންގްސް ކައުންސެލްއަކާއި، ލޯ އޮފްދަ ސީއާ ބެހޭ މޯލްޓާގެ ކަމާބެހޭ ތަޖުރިބާކާރެއް ވަނީ ޢައްޔަނުކުރެވިފައެވެ. މި ދެ ޤާނޫނީ މާހިރުންނަކީ ވެސް ކަނޑާބެހޭ މުއާހަދާ އާ ގުޅުންހުރި މި ފަދަ މައްސަލަތަކުގައި ފާހަގަކޮށްލެވޭ ތަޢުލީމާއި ތަޖުރިބާ ލިބިވަޑައިގެންފައިވާ ދެ ބޭފުޅުން ކަމަށް ބަންޑާރަނައިބުގެ އޮފީހުން ނެރުނު ބަޔާނުގައި ވަނީ ބުނެފައެވެ.
މި ދެ ބޭފުޅުންނާ ޙަވާލުކުރެވިފައިވާ މައިގަނޑު މަސައްކަތުގެ ތެރޭގައި ހިމެނެނީ، މި މައްސަލައިގައި އިޓްލޮސްއިން ނިންމާފައިވާ ނިންމުން ދިރާސާކުރުމާއި، އެ މައްސަލަ އިޓްލޮސްގައި ކުރިއަށްދިޔައިރު ރާއްޖެއިން ހުށަހަޅާފައިވާ ހުށަހެޅުންތަކުގައި ހުރި މައްސަލަތައް ދެނެގަތުމާއި، މި މައްސަލަ ހިނގަމުންދަނިކޮށް ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ފަރާތްޕުޅުން 22 އޮގަސްޓް 2023 ގައި މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީއާ ގުޅިގެންނާއި، އެ ބޭފުޅުންގެ ނަޒަރުގައި މި މައްސަލައިގައި ރާއްޖެއިން ނެގެން ހުރި ދިފާޢުތަކަކީ ކޮބައިތޯ އަދި އެ ގޮތަށް ޢަމަލުކުރި ނަމަ މައްސަލައިގެ ނިންމުމަށް ބަދަލެއް އައުމުގެ ފުރުޞަތު އޮތްތޯ ބެލުމުގެ އިތުރުން، މި މައްސަލައިގައި ދެން ޢަމަލުކުރެވިދާނޭ ގޮތްތަކަކީ ކޮބައިތޯ ބަލައި މި ކަންކަމާ ގުޅޭ ޤާނޫނީ ލަފައެއް ހޯދުމެވެ.
މި މައްސަލާގައި ޢައްޔަނުކުރެވިފައިވާ ދެ މާހިރުންގެ މަސައްކަތް ނިންމައި، އަންނަ މަހުގެ ކުރީކޮޅު އެ ބޭފުޅުންގެ ޤާނޫނީ ލަފާ ބަންޑާރަނައިބަށް ލިޔުމުން ހުށަހެޅުއްވުމަށް ވަނީ ހަމަޖެހިފައެވެ.
އެ ޤާނޫނީ ލަފާގެ މައްޗަށް ބިނާކޮށް، މި މަސައްކަތްކުރުމަށް ބަންޑާރަނައިބު ޢައްޔަނުކުރައްވާފައިވާ ކޮމިޓީން ރިޕޯޓެއް ތައްޔާރުކޮށް، އެ ރިޕޯޓް ކުރިއަށް އޮތް ފެބްރުވަރީ މަހުގެ ތެރޭގައި ބަންޑާރަނައިބަށް ހުށަހެޅުމަށް ވަނީ ހަމަޖެހިފައެވެ.
މި ކޮމިޓީން ތައްޔާރުކުރާ ރިޕޯޓުގެ މައްޗަށް ބިނާކޮށް، މި މައްސަލާގައި ކުރިއަށްދާންވީ ގޮތް ނިންމެވުމަށް މި މައްސަލަ ކެބިނެޓަށް ހުށަހެޅުމަށް ބަންޑާރަނައިބު ވަނީ ނިންމަވައިފައެވެ. މި ސަރުކާރުގެ ފުރަތަމަ 14 ހަފުތާގެ ތެރޭގައި އެ މައްސަލަ ކެބިނެޓަށް ހުށަހެޅޭނެ ކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ.
މި މަސައްކަތްކުރުމަށް ބަންޑާރަނައިބު ޢައްޔަނުކުރައްވާފައިވާ ކޮމިޓީގެ ރިޕޯޓުގެ ކޮޕީއެއް ރައީސުލްޖުމްހޫރިއްޔާ އަދި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުގެ އިތުރުން، މި މައްސަލައިގައި ކެބިނެޓުން ގޮތެއް ނިންމެވުމާ އެކު މި މައްސަލައިގައި ޢައްޔަނުކުރެވިފައިވާ ޚަބީރުން ދެއްވާފައިވާ ލަފާ ހިމެނޭގޮތުން، މި މައްސަލަ ދިރާސާކުރުމަށް ޢައްޔަނުކުރެވިފައިވާ ކޮމިޓީގެ ރިޕޯޓު އާންމުކުރުމަށް ބަންޑާރަނައިބު ވަނީ ނިންމަވާފައެވެ.
ހަމައެހެންމެ، ރިޕޯޓް ޢާންމުކުރެވޭއިރު، އެ މަސައްކަތަށް ޢައްޔަންކޮށްފައިވާ ޤާނޫނީ މާހިރުންނާ ގުޅޭ މަޢުލޫމާތުތަކާއި މަސައްކަތަށް ޚަރަދުވި ފައިސާ ފަދަ މަޢުލޫމާތުތައް ހާމަކުރާނެ ކަމަށް ވެސް ބަންޑާރަނައިބުގެ އޮފީހުން ނެރުނު ބަޔާނުގައި ވަނީ ބުނެފައެވެ.