ނާކާމިޔާބީގެ ރަހައަކީ ހިތިކަންގަދަ ރަހައެކެވެ.

މަޖިލީސް އިންތިޚާބުގެ ވޯޓުގުނުން:-- ސަން ފޮޓޯ/ މޫސާ ނަދީމް

އިންތިޚާބެއްގައި ނާކާމިޔާބީއާ ކުރިމަތިލާންޖެހުމަކީ ވަރަށް ހިތި ތަޖުރިބާއެކެވެ. ވޭންދެނިވި ތަޖުރިބާއެކެވެ. އިންތިޚާބުގައި ބަލިވި ކެންޑިޑޭޓް އެކަންޏެއް ނޫނެވެ. އޭނާގެ ކެމްޕޭނުގައި އިޚުލާސްތެރިކަމާއެކު ބައިވެރިވެގެން އުޅުނު އެންމެނެވެ. މަސައްކަތްކޮށްދިން އެންމެނެވެ. އެންމެނަށްވެސް އޮތީ ހިތިހިތާމައެވެ. ފާއިތުވި އަހަރުތަކުގައި ނިކަން ދޭތެރެ އަވަސްކޮށް މި ތަޖުރިބާ ކުރާންޖެހުނު މީހުންގެ ތެރޭގައި އަޅުގަނޑުވެސް ހިމެނޭނެއެވެ. ފާއިތުވި ހަތްމަހުގެ ތެރޭގައި ހަމަގައިމުވެސް މިޒާތުގެ ތިން ތަޖުރިބާއެއް ކުރެވިއްޖެއެވެ. ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައެވެ. ދެން ދެވަނަ ބުރުގައެވެ. އެންމެފަހުން ހުސްވި އެޕްރީލްމަހުގެ އެކާވީސްވަނަ ދުވަހު ބޭއްވި އާއްމު އިންތިޚާބުގައެވެ. ވަރަށް ގާތްގާތުގައި ތިންބަލި ތަޖުރިބާކުރާން ޖެހުނީމާ ހަމަގައިމުވެސް މިއީ ކިހާވަރެއްގެ ކަމެއްކަން ހުންނާނީ އިހުސާސް ކުރެވިފައެވެ. މި މައުޒޫގެ މައްޗަށް ވާހަކަ ދައްކަން ކުފޫހަމަވާ މިންވަރަށް ކަންކަން ހުންނާނީ މޭރުންވެފައެވެ.

ކޮންމެ އިންތިޚާބެއްގައިވެސް އޮންނާނީ ދެ ގޮތުންކުރެ އެއްގޮތެކެވެ. އެއްގޮތަކީ ކާމިޔާބުވުމެވެ. އަނެއްގޮތަކީ ނާކާމިޔާބުވުމެވެ. ކާމިޔާބުވުމަކީ އުފަލެކެވެ. ނާކާމިޔާބުވުމަކީ ހިތްދަތިވުމެކެވެ. ކާމިޔާބީގެ އުފަލަށްވުރެ ނާކާމިޔާބީގެ ހިތްދަތިކަން ހުރިހާގޮތަކުންވެސް މާބޮޑެވެ. މިހެންވުމުގެ ސިއްރަކީ ކޮބައިބާވައެވެ. ހުރިހާވެސް ސަބަބަކީ ކުރެވުނު އުންމީދުތަކެވެ. އެއީ ހަގީގަތުގެ މައްޗަށް އާރާސްތު ކުރެވުނު އުންމީދުތަކެއް ނޫނެވެ. ގިނަބަޔަކަށް ގަބޫލުކުރެވޭނެ ފިކުރަކީ ތިމާމެންގެ ފިކުރުކަމަށް ހީވިހީވުމަކުން ކުރެވުނު އުންމީދެކެވެ. ނަތީޖާ ސާފުވިއިރު އަދި ކަންއޮތީ އެހެނަކުން ނޫނެވެ. ކުރީގައިވެސް މިކަންވާނީ މިހެންކަމުގެ ހިލަންވިއެވެ. އެކަމަކު ގަބޫލުކުރަން ބޭނުންނުވީއެވެ. ގިނަކަންކަން އޮޓޮމެޓިކުން ބަރާބަރުވެދާނެކަމަށްވެސް ހިތަށްއެރީއެވެ. ސަނާކިޔާ މީހުންގެ ވާހަކަތައް މާބޮޑަށް އަޑުއެހުނީއެވެ. ހަގީގަތާ ދުރަށް ފިކުރު ގެންދަން މަޖުބޫރުވީއެވެ. މިހެންގޮސް ލައްކަ ގިނަ ކަންކަމެވެ. މިހުރިހާ ކަމެއް ތިލަވެގެން ހަގީގަތް ފާޅުވެގެންއައިމާ ދެންވާނީ ވޭނަކަށްތާއެވެ.

ކިތަންމެ ކުޑަ ތަފާތަކުންވިޔަސް އިންތިޚާބެއްގައި ކުރިލިބިއްޖެކަމަށްވާނަމަ އެ ކެމްޕޭނެއްގައި ގޯސްކޮށްދިޔަ އެއްވެސްކަމެއްގެ މަތިން ހަނދާންކުރުމެއް ނޯންނާނެއެވެ. ހަނދާންކުރާކަށް ފުރުސަތެއްވެސް ނޯންނާނެއެވެ. ބަލައިހޯދީމާ މުޅިންވެސް ފެންނާނީ ކުރަންވާގޮތަށް ބަރާބަރަށް ކުރެވިފައި ހުންނަ ކަންކަމެވެ. ބަރާބަރަށް ކަންކަން ނުކުރެވުނުނަމަ ކާމިޔާބީއެއް ނުހޯދުނީސްތާއެވެ. އެހެންވީމާ ގޯހެއް ނުފެންނާނެއެވެ. އޭގެ ބަދަލުގައި ނާކާމިޔާބު ކެމްޕޭނަކުން މުޅިންވެސް ފެންނާނީ ގޯހެވެ. ބަރާބަރަށްދިޔަ އެއްވެސްކަމެއް ނޯންނާނެއެވެ. މުޅި ކެމްޕޭން މައިކްރޮސްކޯޕުގެ ދަށަށްލައިގެން ބެލީމާ ހައްތާވެސް ފެންނާނީ ޖަރާސީމެވެ. އިތުބާރު ކުރެވޭ މީހަކުވެސް މުޅި ކެމްޕޭނުގެ ތެރެއަކުން ނުފެންނާނެއެވެ. މިހެންގޮސް ރަނގަޅު ކަންކަންވެސް ގޯސްކުރެވި އެވެނިކަމެއް މިހެން ކުރެވުނުނަމަ ބަރާބަރުވީސްތާއޭ ހިތަށްއެރުން ބޮޑުވެ އުދާސްތަކާއި ހިތާމަތައް ބޮޑުވަނީއެވެ. ރަހުމަތްތެރިންނާއި ގާތްތިމާގެ މީހުން މަކަރުހެދީކަމަށް ހީވާގޮތްވެސް ވަނީއެވެ.

ބަލިވީމާ ދެން އެބަލި ހަޖަމްކުރަން ފަސޭހަނުވާ އަނެއް ސަބަބަކީ މީހުންގެ މަލާމާތާއި ފުރައްސާރައެވެ. ގަދަވިކޮޅުގެ މީހުން ދޫކޮށްލާ ބަސްބަހުގެ އަސަރުތަކެވެ. އެއީ ވަކި ކޮންބައެއްހޭ، ބަޔަކު މީހުން ބަލައިގަންނަން އެއީ ވަކި މޮޅު ޕްރޮޑަކްޓެއްހޭ ހިތަށް އަރަނީ މިހިސާބުންނެވެ. ކޮންމެއަކަސް އުދާސްތައް ގިނަވެ އެންމެފަހުން އެ އުދާސްތައް ބަންޑުންވެދެއެވެ. އެކަމަށް ގިނަދުވަސްތަކެއްވެސް ހޭދައެއް ނުވެއެވެ. ކޮންމެ މީހަކުވެސް އެމީހާގެ ހިތަށްއަރާތަކެތި ބަންޑުންކުރަނީ މީސްމީޑިއާގައެވެ. އެތަނަށް ދޫކޮށްލާ ތަކެތީގެ ހޫނުކަން ވަރަށްވެސް ބޮޑެވެ. އެކިކަހަލަ އިލްޒާމުތަކާއި ތުހުމަތުތަކުންނެވެ. ގިނަބަޔަކު ބަލައިގަތް ފިކުރަކީ ވިޔާނުދާ ފިކުރެެއްކަން ބުނެދިނުމުންނެވެ. ކޮންމެއަކަސް މީސްމީޑިއާގައި އެހިސާބުން ފެށެނީ އައު ހަނގުރާމައެކެވެ. މި ހަނގުރާމައިގައި އާއިލީ ގުޅުންތައް ވީދި ހަލާކުވެދެއެވެ. މުޖުތަމައުގެ އެކުވެރިކަން ހަފުސްވެ ގެއްލިދެއެވެ. އިންތިޚާބަކީ ފިތުނަޔާއި ފަސާދަ އުފަންކުރުވާ އެއްޗަކަށްވެދެއެވެ.

އިންތިޚާބު ބާއްވަނީ މުޖުތަމައު ފަސާދަކުރާކަށް ނޫނެވެ. ޑިމޮކްރަސީއެއްގައި މުޖުތަމައު އާރާސްތުކުރާ އެއްޗަކީ އިންތިޚާބެވެ. ވެރިޔަކު ހޮވުމަށެވެ. ރައްޔިތުންގެ މަންދޫބުން ހޮވުމަށެވެ. ރައްޔިތުންނަށް ޚިދުމަތްކުރާނެ ބަޔަކު ހޮވުމަށެވެ. އެންމެ ގިނަ ވޯޓުލިބޭ މީހާ އެހެރީ ހޮވިފައެވެ. އެއީ ގިނަބައެއްގެ ހޮވުމެވެ. ޑިމޮކްރަސީއެއް ފުރިހަމަ ގޮތުގައި މަސައްކަތްކުރާނީ މެޖޯރިޓީގެ ނިންމުމަށް މައިނޯރިޓީ ތަބާވެގެންނެވެ. އެހެން ތަބާވުމެއްނެތި ގިނަބައެއްގެ ފިކުރަކީ މޮޔަ ފިކުރެއްކަމަށް ބުނެ މީސްމީޑިއާގައިި ތިމާޔާއި ތިމާގެ ފިކުރު ގަބޫލުކުރި ބަޔަކު ފިޔަވައި ދެންތިބި އެންމެންނަކީ ނުކިޔަވައިތިބި ރޯނުފިލާ ޖާހިލު ބައެއްކަމަށް ބުނެ ވާހަކަ ދެއްކުމަކީ ޑިމޮކްރަސީގެ ރޫހާ ޚިލާފު ކަމެކެވެ. ބިރުވެރި ކަމެކެވެ. ފިތުނަތަކާއި ފަސާދަޔަށް މަގުފަހިވެ ގައުމުގެ ކަންކަން ފާލުން ނެއްޓިގެން ހިނގައިދާނެ ކަމެކެވެ. އުދާސްތައް ކިތަންމެ ބޮޑުވިޔަސް އަދި ހިތާމަތައް ކިތަންމެ ގިނަވިޔަސް މުޖުތަމައުގެ މަސްލަހަތާއި މުޅި ނިޒާމުގެ މަސްލަހަތަށްޓަކައި މިއީ ދުރުހެލިވާންޖެހޭ ސިފައެކެވެ.

އިންތިޚާބެއްގައި ކުރިލިބޭ މީހަކީ ތާއަބަދު އެކާމިޔާބީގެ މަތީގައި ދެމިހުރެވޭ މީހަކަށް ނުވެއެވެ. ހަމައެގޮތަށް އިންތިޚާބެއްގައި ބަލިވާ މީހަކީ ތާއަބަދު ނާކާމިޔާބީގެ ފޮށާ އޮޅައިގެން ނިކަމެތިކަންމަތީގައި ހުންނަ މީހަކަށްވެސް ނުވެއެވެ. ވިދިވިދިގެން އެތައް ނާކާމިޔާބީއަކާ ކުރިމަތިލާންޖެހުނު މީހުން އެކި މަގާމުތަކަށް ހޮވޭތަންވެސް އާދެއެވެ. އަދި ތަކުރާރުކޮށް އިންތިޚާބުތައް ކާމިޔާބުކުރަމުންއައި މީހުންނަށް ނާކާމިޔާބުވެ މަގާމު ގެއްލޭތަންވެސް އާދެއެވެ. މިއިން އެނގޭ އެއްޗަކީ ނާކާމިޔާބުވުމަކީ އަދި މީހާގެ ކުރިމަގު ބަންދުވުމެއް ނޫންކަމެވެ. ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މިފަހަރު ނާކާމިޔާބުވި ބައެއް މީހުން ކުރިއަށްެއޮތް ތަނުގައި ހަމަ އެމަޖިލީހަށް ހޮވޭތަންވެސް ފެންނާނެއެވެ. މިއީ މިކަން ހިނގާގޮތެވެ. އެހެންވީމާ ނާކާމިޔާބީއަކީ ހުރިހާކަމެއްގެ ނިމުންކަމަށް ދެކި ޑިމޮކްރަސީގެ ރޫހާ ޚިލާފު ކަންކަން ކުރުމަކީ ދެރަކަމެކެވެ. ނާކާމިޔާބުވުމަަށްފަހު ކުރިއަށްވުރެ ބާރަށް ދުއްވައިގަތުމުގެ ފިކުރު ނެތިއްޔާ ބުއްދިވެރިކަންބޮޑީ އެމީހަކު މަގުން އެކަހެރިވެ ހިމޭންވުމެވެ.

ގުޅޭ ޓެގު
comment ކޮމެންޓް