ފަލަސްތީނުގެ ނަސްލު ނައްތާލުމަށް އިސްރާއިލުން ހިންގަމުންދާ ލާއިންސާނީ އަނިޔާތައް ހުއްޓުވުމަށް ވަގުތުން ފިޔަވަޅު އަޅައި، އދ.ގެ ސަލާމަތީ މަޖިލީހުގައި ވީޓޯކުރުމުގެ ބާރު އުވާލުމަށް ރާއްޖޭން ގޮވާލައިފިއެވެ.
އދ.ގެ 78ވަނަ އާންމު މަޖިލީހުގެ ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ދެއްވި ބަޔާނުގައި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަޙުމަދު ވިދާޅުވީ ފަލަސްތީނަށް އދ.ގެ ފުރިހަމަ މެންބަރު ގައުމަކަށް ނުވެވުމާއި، އެ ގައުމުގެ ރައްޔިތުންނަށް އިންސާފު ހޯދައިދިނުމަށް އިއްވަމުންދާ އަޑު، އެންމެ ވޯޓެއް ސަބަބުން ކެނޑުމަކީ ލަދުވެތި ކަމެއް ކަމަށެވެ.
ފަލަސްތީނަށް އިސްރާއިލުން ދެމުންގެންދާ ލާއިންސާނީ އަނިޔާތައް ހުއްޓުވުމަށް ގޮވާލައި، އދ.ގެ ސަލާމަތީ މަޖިލީހުން ފާސްކުރަން އުޅުނު ގަރާރު ވީޓޯކުރީ އެމެރިކާއިންނެވެ.
އދ.ގެ ސެކްރެޓަރީ ޖެނެރަލްގެ އެދިިވަޑައިގަތުމަކަށް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިސްވެ އޮވެގެން ސަލާމަތީ މަޖިލީހަށް ހުށަހެޅި މި ގަރާރަށް ސަލާމަތީ މަޖިލީހުގައި ހިމެނޭ 15 ގައުމުގެ ތެރެއިން 13 ގައުމަކުން ތާއީދުކުރިއިރު، މި ގަރާރާ ދެކޮޅުހެދި އެމެރިކާއަކީ އިސްރާއީލުގެ ޓެރަރިޒަމްގެ އަމަލުތަކަށް އެންމެ ބޮޑަށް ވާގިވެރިވާ ގައުމެވެ.
މި ކަމާ ގުޅިގެން މިނިސްޓަރު އިއްވި ބަޔާނުގައި ވިދާޅުވީ އދ.ގެ 140 މެންބަރު ގައުމަކުންނާއި، ސަލާމަތީ މަޖިލީހުގެ 12 ގައުމެއްގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފަލަސްތީނުގައި ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ހުއްޓާލުމަށް ގޮވާލައި، އެތައް މިލިއަން ބަޔަކު ކުރަމުންދާ ސުލްޙަވެރި އިހުތިޖާޖުގެ އަޑު ވެސް ކަނޑުވާލާފައިވާ ކަމަށެވެ.
އދ. ގެ އާންމު މަޖިލީހަށް އިއްވެވި ބަޔާނުގައި ހައިދަރު ވަނީ، ފަލަސްތީނުގެ ރައްޔިތުން އިންސާފަށް އެދި ގޮވާ ގޮވުމާއި، އެ މީހުން އަމިއްލަ ނިންމުން ނިންމުމަށް އެދި ގޮވާގޮވުމަށް ދެކޮޅު ހެދީ އދ.ގެ 193 މެންބަރު ގައުމުގެ ތެރެއިން އެންމެ ގައުމެއްކަން ފާހަގަ ކުރައްވާފައެވެ.
އަދި އެ ވޯޓާއެކު އދ.ގެ ސަލާމަތީ މަޖިލިސް އަނެއްކާ ވެސް ފެއިލްވީ ކަމަށް ހައިދަރު ވިދާޅުވިއެވެ.
އިސްރާއިލުން ފަލަސްތީނަށް ދެމުން ގެންދާ ލާއިންސާނީ އަނިޔާތަކުގެ ސަބަބުން ފަލަސްތީނުގެ ޙާލަތު އޮތް ގޮތަށް އަލިއަޅުއްވާލައްވައި ހައިދަރު ވިދާޅުވީ އިސްރާއިލުން ފަލަސްތީނުގެ ބިންތަކުގައި ހިންގަމުންދާ ލާއިންސާނީ އަނިޔާތައް ތާރީޚުގައި ލިޔެވެމުންދާ ކަމަށެވެ. އަދި އިސްރާއިލުގެ ހަމަލާތަކުގައި ބިމާ ހަމަވެފައިވާ ފަލަސްތީނުގެ އިމާރާތްތަކުގެ ދަށުން ތުއްތު ކުދިން ސަލާމަތްކުރަމުންދާ މަންޒަރު ފެންނަ ކަމަށެވެ.
ހައިދަރު ވިދާޅުވީ ފަލަސްތީނުގެ ހާލަތު ނޭނގޭ ކަމަށް ހަދައިގެން ސަލާމަތީ މަޖިލީހަށް ތިބެވެން ނެތް ކަމަށެވެ. އަދި އިސްރާއިލުން ފަލަސްތީނާ ދެކޮޅަށް ހިންގަމުން ލާއިންސާނީ އަމަލުތަކަށް ހިތްވަރުދިނުމަށް ވީޓޯކުރުމުގެ ބާރު ދަނީ ބޭނުން ކުރަމުން ކަމަށާއި އެހެން ކަމުން މިއީ ވީޓޯކުުރުމުގެ ބާރު އެއްކޮށް އުވާލަންޖެހޭ ވަގުތު ކަމަށް މިނިސްޓަރު ދެއްވި ބަޔާނުގައިވެއެވެ.
ހައިދަރު ވިދާޅުވި ގޮތުގައި މި މައްސަލައަށް ދާއިމީ ހައްލެއް ލިބޭނީ އިސްރާއިލުން ފަލަސްތީނުގެ އިސްތިގުލާލަށް އިހުތިރާމް ކޮށްގެންނެވެ. އެ ގޮތުން 1948ވަނަ އަހަރުން ފެށިގެން ރެފިއުޖީންގެ ގޮތުގައި ތިބި ފަލަސްތީނުގެ ރައްޔިތުންގެ ބިންތައް އަލުން ހަވާލުކުރުމަށް މިނިސްޓަރު ވަނީ ގޮވާލައްވާފައެވެ.
އިސްރާއީލު ފައުޖުތަކުން ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ އަމަލުތަކަށް ހަ މަހަށްވުރެ ގިނަ ދުވަސްވެފައިވާއިރު، ޣައްޒާގެ އިންސާނީ ހާލަތު ވަނީ ވަރަށް ގޯސްވެފައެވެ. ގާތްގަނޑަކަށް 2.2 މިލިއަންގެ އާބާދީއެއް އޮންނަ ޣައްޒާގެ މުޅި އާބާދީ ވަނީ ބަނޑަށް ޖެހިފައެވެ. ކާނާއާއި ސާފު ފެން އަދި ބޭސްފަދަ ޒަރޫރީ ބޭނުންތައް ފުއްދަން ބޭނުންކުރާނެ ސާމާނުވެސްނެތި ބަނޑުހައިހޫނުކަމާއި ގަދަ ހޫނުގެ ސަބަބުންވެސް އެތައް ބަޔަކު އަންނަނީ ޝަހީދުވަމުންނެވެ.
ޣައްޒާގެ ވެރިކަންކުރާ ހަމާސް ޖަމާއަތް ނައްތައިލަން ކަމަށް ބުނެ އޮކްޓޫބަރު ހަތް ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 34،568 މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. އޭގެތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.