މިއަދު ފާހަގަކުރާ ފިތުރު އީދުގެ މުނާސަބަތާ ގުޅުވައި ކުޑަކުދިންނަށް ތަފާތު ހަރަކާތްތަކާއެކު، ކުލަގަދަކޮށް ހަވީރެއް ބާއްވައިފިއެވެ.
އެމްއެންޑީއެފުން އިސްވެ އިންތިޒާމުކޮށްގެން މިއަދު މާލޭގައި އާންމުންނަށް ހުޅުވާލައިގެން، ސަލްޓަން ޕާކާއި، ޖުމްހޫރީ މައިދާނާއި، އިސްލާމީ މަރުކަޒު ހިމެނޭ ސަރަހައްދުގައި ހަރަކާތްތައް ބާއްވައިފައިވެއެވެ.
އެ ސަރަހައްދުތަކުގައި ކުޑަކުދިންނަށް ގޭމުތައް ކުޅުމަށާއި، އެމްއެންޑީއެފް ކޯސްޓްގާޑުގެ ބޮޑެތި އުޅަނދުފަހަރުތަކަށް އަރައި ބެލުމަށާއި، އެ އުޅަނދުތަކުގައި ފޮޓޯ ނެގުމުގެ ފުރުސަތު ދީފައިވެއެވެ.

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް، އިސްލާމީ މަރުކަޒު ހިމެނޭ ސަރަހައްދުގައި: އެ ހަރަކާތްތަކުގައި ގިނަ އަދަދެއްގެ ކުޑަކުދިން ބައިވެރިވި -- ފޮޓޯ/ ރައީސް އޮފީސް
އެ ހަރަކާތްތައް ބާއްވައިފައިވަނީ އެމްއެންޑީއެފުން ފުލުހުންނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކާ ވެސް ގުޅިގެންނެވެ. އެހެންވެ، އެ ކުންފުނިތަކުން ވެސް އެ ސަރަހައްދުތަކުގައި ތަފާތު ހަރަކާތްތައް ބާއްވާފައިވެއެވެ.
ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ އެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ސަލްޓަން ޕާކަށާއި ޖުމްހޫރީ މައިދާނަށް ވަޑައިގެންފައެވެ.
އެ މަނިކުފާނުގެ އެ ސަރަހައްދަށް ވަޑައިގަތުމާއެކު އިސްތިގުބާލުގައި ވަނީ ސަންގު ފުމެފައެވެ. އެއަށްފަހު އެމަނިކުފާނާއި އާއިލާއިން ވަނީ، އެކި ކުންފުނިތަކުން އިސްނަގައިގެން ތައްޔާރުކުރައްވާފައިވާ ސްޓޯލްތައް ބައްލަވާލައްވާފައެވެ.
އެއަށްފަހު އިއްޒުއްދީން ފާލަމުގެ ކުރިމަތީގައި، އީދު ހަވީރަށް ތައްޔާރުކޮށްފައިވާ ޚާއްސަ ކޭކު ފެޅުމުގެ ރަސްމިއްޔާތުގައި، އެ ހަވީރަށް ޒިޔާރަތްކުރި ގިނަ އަދަދެއްގެ ކުޑަކުދިންނާއެކު އެމަނިކުފާނު ބައިވެރިވެވަޑައިގެންފައިވެއެވެ.

ރައީސް އިސްލާމީ މަރުކަޒު ހިމެނޭ ސަރަހައްދުގައި: ފިތުރު އީދަށް އެކި ހަރަކާތްތައް މިއަދު ހަވީރު ބޭއްވި -- ފޮޓޯ/ ރައީސް އޮފީސް
ސަލްޓަން ޕާކު ސަރަހައްދުގައި އާއި އިއްޒުއްދީން ފާލަން ސަރަހައްދުގައި ވެސް ގިނަ އާއިލާތަކެއް، ކުޑަކުދިންނާއެކު ގޮސް، ގޭމުތަކުގައި ބައިވެރިވެފައިވެއެވެ.
ރައީސް އޮފީހުންވަނީ، ސަރުކާރުގެ އިސްނެގުމާއެކު މުސްލިމުން އުފާފާޅުކުރުމަށް މަގުފަހިކޮށްދިނުމަކީ ރައީސް ޚާއްޞަ އަހަންމިއްޔަތެއް ދެއްވާ ކަމެއް ކަމަށް ބުނެފައެވެ. އަދި އީދު ފަދަ އިސްލާމީ މުނާސަބަތުތައް އިޙުތިފާލުކުރުމުގެ ސަބަބުން ޚާއްޞަކޮށް، ކުޑަކުދިން އިސްލާމް ދީނަށް ލޯބިކުރުމަށް ބާރުއެޅި، ދީނަށް ލޯބިޖެހި، ދީނުގެ ކަންކަން އުނގެނުމަށްވެސް ބާރުއެޅޭނެ ކަމަށް ރައީސް ދެކެވަޑައިގަންނަވާ ކަމަށް އެ އޮފީހުން ބުންޏެވެ.
ފިތުރު އީދު ފާހަގަކުރުން ރޭ ފަށައިފައިވަނީ މާލެ ހިމެނޭ ގޮތަށް 64 ރަށެއްގައި އީދު ބޮކިތައް ދިއްލުމަށް ފަހުގައެވެ. މިރޭ ވެސް އީދަށް ޚާއްސަ ހަރަކާތްތަކެއް އިއުލާންކޮށްފައިވާއިރު، އޭގެ ތެރޭގައި ހުޅުމާލޭގައި ޑްރޯން ޝޯއެއް ބާއްވައި، ހަވާ އެރުވުން ހިމެނެއެވެ.