ޢީދު ބޮކި ދިއްލާ ރަށްރަށުގެ ލިސްޓުގައި އދ. އޮމަދޫ ހިމެނުނީ އޮޅުމަކުން ކަމަށް މިނިސްޓްރީ އޮފް ސިޓީސް ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސްއިން މިއަދު ބުނެފިއެވެ.
ޢީދުގެ މުނާސަބަތުގައި ބޮކި ދިއްލާ ރަށްރަށުގެ ތެރޭގައި އެ ރަށް އޮތުމަށް ފަހު ލިސްޓުން އުނިކުރި ކަމަށް ބުނެ، އޮމަދޫ ކައުންސިލުން ވަނީ ނުރުހުން ފާޅުކޮށްފައެވެ. ބޮކި ދިއްލާ ރަށްރަށުގެ ލިސްޓުގައި އޮމަދޫ ހިމެނޭކަން މިނިސްޓްރީން މި މަހު ހަވަނަ ދުވަހު އަންގާފައިވާ ކަމަށް ވެސް އެ ރަށު ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.
އެ މައްސަލައިގައި މިނިސްޓްރީން އިއްޔެ އޮމަދޫ ކައުންސިލަށް ފޮނުވި ސިޓީއެއް މިނިސްޓްރީން މިއަދު ވަނީ 'ސަން'އާ ހިއްސާކޮށްފައެވެ. އެ ސިޓީގައި މިނިސްޓްރީން ބުނީ، ޢީދަށް ބޮކި ދިއްލާ ރަށްރަށުގެ ތެރޭގައި އޮމަދޫ ހިމެނުނީ އިދާރީ އޮޅުމަކުން ކަމަށެވެ.
ޢީދު ބޮކި ދިއްލަނީ ކޮންމެ އަތޮޅެއްގައި ވެސް އެންމެ އާބާދީ ބޮޑު ދެ ރަށުގައި ކަމަށް މިނިސްޓްރީން ބުންޏެވެ.
އދ. އަތޮޅުގައި ޢީދު ބޮކި ދިއްލަން ނިންމާފައިވަނީ މާމިނގިއްޔާއި ދަނގެތީގައެވެ. އެ އަތޮޅުގައި އޮތް އެންމެ އާބާދީ ބޮޑު ދެ ރަށަކީ އެއީއެވެ. މިނިސްޓްރީން ވަނީ އެ އޮޅުމަށްޓަކައި މާފަށް އެދިފައެވެ.
އޮމަދޫ ކައުންސިލުން ވަނީ ޢީދު ބޮކި ދިއްލާ ރަށްރަށުގެ ލިސްޓުން އެ ރަށް އުނިކުރީ ސަރުކާރުން އެ ރަށް ލަދުގަންނަވާލުމަށްޓަކައި ކަމަށް ތުހުމަތުކޮށްފައެވެ. އެ ބަޔާނުގައި ކައުންސިލް ރައީސް އިބްރާހީމް އާދިލާއި ނައިބު ރައީސް ޝަޒިއްޔާ އިސްމާއީލާއި ތިން މެންބަރުން ކަމަށްވާ މުހައްމަދު ރިޒާއާއި މުހައްމަދު އިސްމާއީލާއި އާމިނަތު ރާޝިދާ ސޮއިކުރައްވާފައިވެއެވެ.
އީދު ދުވަސްތަކުގައި ގިނަ ރަށްތަކުގައި ކުލަބޮކިތައް ދިއްލައި، ކުލަގަދަކޮށް އީދު ފާހަގަކުރުމަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒު އިސްކަންދެއްވާ ކަމެއް ކަމުގައި ފާހަގަކުރައްވާފައިވާ ކަމެކެވެ. އެ ގޮތުން، މާލޭގައި ވެސް މިއަދު ގިނަ ހަރަކާތްތަކެއް އެބައޮތެވެ. އަދި، މާލެއާއި ކޮންމެ އަތޮޅެއްގެ ވެސް އެންމެ އާބާދީ ބޮޑު ދެ ރަށެއްގައި ވަނީ ޢީދަށް ޒީނަތްތެރިކުރުމުގެ ގޮތުން ބޮކި ދިއްލާފައެވެ.